މާލޭގެ ރަސްމީ ފާލަން، "އިއްޒުއްދީން ފާލަން" މަރާމަތަށްފަހު އަލުން ހުޅުވައިފިއެވެ.
އިއްޒުއްދީން އަލުން ފަރުމާކޮށްފައިވަނީ ކުރީގެ ރައީސް މުހައްމަދު އަމީންގެ ވެރިކަމުގައި ހުރި ޑިޒައިނަށެވެ. ފާލަން ފަރުމާކޮށްފައިވަނީ އިހުޒަމާނުގައި ދަތުރުފަތުރުކުރުމަށް ބޭނުންކުރަމުންދިޔަ އޮޑިދޯނިފަހަރާއި ބައްތެލީގެ ރިޔާތައް ރަމްޒެއް ކަމަށް ބަލައިގެންނެވެ.
މަރާމާތަށްފަހު އިއްޒުއްދީން ފާލަން މިރޭ ހުޅުއްވައިދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ. އެ ރަސްމިއްޔާތުގައި ވަޒީރުންނާއި ސަރުކާރުގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.
މިރޭގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ އިއްޒުއްދީން ފާލަމަކީ މާލޭގެ މަލަމައްޗަށް ވަރަށް ރީތިކަމެއް ގެނެސްދޭ ފާލަމެއް ކަމަށާއި ކުރިން ހުރި ފާލަން ހަލާކުވެގެން ދިޔައީމާ، ހެދިގެންދިޔަ ފާލަމަކީ ގައުމީ ތަރައްގީގެ ސިޔާސަތާ ވަރަށް ބޮޑަށް ގުޅިލާމެހޭ ގޮތަށް ފަރުމާ ކުރެވިފައިވާ ފާލަމެއް ކަމަށެވެ.
"އުމްރާނީ ބިނާކުރުންތަކާއެކު، ފިކުރީ ބިނާކުރުން ހިމެނޭ ވަށާޖެހޭ ތަރައްގީއެއް. ފިކުރީ ބިނާކުރުމުގެ ތެރޭގައި ތިމާގެ ސިކުނޑީގައި، ވިސްނުމުގައި ގައުމިއްޔަތު ދިރުވައި އާލާކުރުމުގެ ފިކުރު ބިނާކުރުން ހިމެނޭގޮތަށް. މި ފާލަމުން އަޅުގަނޑުމެންގެ ދިވެހިވަންތަކަން، ދިވެހިރާއްޖޭގެ ފަންނުވެރިކަން، ރާއްޖޭގެ މާޒީ އަދި މުސްތަގުބަލު ވެސް އިރާދަކުރެއްވީތީ ރަމްޒުކޮށްދޭ،" އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މިހާރުގެ ބަނަވެފައިވާ ދުނިޔޭގެ އެންމެ ފަހުގެ ޒަމާނީ ޓެކްނޮލޮޖީއާ އެކުގައި ކުރިއަށްދާ އިރުވެސް، ދިވެހީންގެ އައިޑެންޓިޓީ ނުގެއްލޭގޮތަށް ވަށާޖެހޭ ސިކުނޑި ތަރައްގީވެފައިވާ ގައުމެއްކަން އެ ފާލަމުން ރަމްޒުކޮށްދޭ ކަމަށެވެ. އަދި ސަލްޓަން ޕާކު ވެސް ތަރައްގީކުރާނީ ދިވެހީންގެ އައިޑެންޓިޓީ، ދިވެހި ތާރީހު ދައްކުވައިދޭ ގޮތަށް ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
ރާއްޖޭގެ މިނިވަންކަމަށް 50 އަހަރު ފުރުމާ ގުޅުވައިގެން އިއްޒުއްދީން ފާލަން ތަރައްގީކުރީ، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި 2015 ވަނަ އަހަރު އެމްޓީސީސީންނެވެ.
އެއަށްފަހު ނުވަ އަހަރު ފަހުން "އިއްޒުއްދީން ފާލަން" މަރާމާތަށް ބަންދުކުރީ 2024ގެ މެއިމަހުގެ ފަސްވަނަ ދުވަހުއެވެ. އެ މަޝްރޫއު އެމްޓީސީއާއާ ހަވާލުކުރީ ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީންނެވެ.
އެ މަޝްރޫއުގެ ދަށުން ކުރީގެ ޖެޓީ ރޫޅާލުމާއި، އާ ޖެޓީގެ ކޮންކްރީޓް މަސައްކަތާއި، ސްޓީލް ސްޓަރަކްޗާ ފަރުމާކުރުމާއި، ލަކުޑި އަދި މަތިވަޑާމުގެ މަސައްކަތް ހިމެނެއެވެ. އެ މަޝްރޫއަކީ 11.7 މިލިއަން ރުފިޔާއަށް 270 ދުވަސް ތެރޭ ނިންމުމަށް އެމްޓީސީއާއާ ހަވަލުކުރި މަޝްރޫއުއެކެވެ.
ރަސްމީ ދަތުރުފުޅުތަކުގައި ރާއްޖެއަށް ޒިޔާރަތްކުރައްވާ ބޭރު ގައުމުތަކުގެ އިސްވެރިންނާއި އިއްޒަތްތެރިން މާލެއަށް ފައިބައިވަޑައިގަތުމަށް ބޭނުންކުރައްވާ އިއްޒުއްދީން ފާލަމަކީ ދިވެހި ޖުމްހޫރިއްޔާގެ އިއްޒަތާއި ސިޔާދަތާއި ދިވެހިންގެ އަމިއްލަވަންތަކަން ރަމުޒުކޮށްދޭ މުހިންމު ބިނާއެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު