'ގެދޮރިވެރިޔާ' ސްކީމުގެ ދަށުން ފްލެޓު ލިބޭ މީހުންގެ ލިސްޓުގެ ވެރިފިކޭޝަން ކުރިއަށް ގެންގޮސް، ފްލެޓު ލިބޭނެ ކަމަށް ޝަރުތު ހަމަވީ 1،820 މީހުން ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތޮލިބު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު މުއްތަލިބު ވިދާޅުވީ، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގެ ފަހު ދުވަސްކޮޅު ނެރުނު 4،000 ފްލެޓް ލިބޭ މީހުންގެ ލިސްޓުގައި ތިން ކޮޓަރީގެ ފްލެޓަށް ޝަރުތު ހަމަވާ ކަމަށް ކަނޑައަޅާފައި އޮތީ 76 ޕޮއިންޓުން މަތިން މާކްސް ލިބޭ މީހުން ކަމަށާއި ދެ ކޮޓަރިއަށް ޝަރުތު ހަމަވަނީ 73 ޕޮއިންޓު ލިބިގެން ކަމަށެވެ. އެހެންކަމުން އެ ލިސްޓުގައި ތިން ކޮޓަރީގެ އެޕާޓްމަންޓަށް ޝަރުތު ހަމަވާ ކަމަށް ކަނޑައަޅާފައިވަނީ 3،721 މީހުން ކަމަށާއި ދެ ކޮޓަރީގެ ފްލެޓްތަކަށް ޝަރުތު ހަމަވާ ކަމަށް އޮތީ 1،218 މީހުން ކަމަށް ވިދާޅުވިއެވެ.
"އެހެންކަމުން ވެރިފިކޭޝަން ކުރިއަށް ދިޔަ ލިސްޓުގައި ހިމެނެނީ 4،939 ފަރާތެއް،" އޭނާ ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، ކުރީ ސަރުކާރުން ފްލެޓް ލިބޭނެ ކަމަށް ކަނޑައެޅި ލިސްޓުގައި ތިބި 4،939 މީހުންގެ އެޕްލިކޭޝަންތައް މި ސަރުކާރުން ވެރިފައި ކުރިއިރު، ފްލެޓް ލިބޭނެ ކަމަށް ޝަރުތު ހަމަވީ 1،820 މީހުން ކަމަށެވެ. އެއީ، ތިން ކޮޓަރި ލިބޭ 1،423 މީހުންނާއި ދެ ކޮޓަރި ލިބޭ 397 މީހެކެވެ.
މިނިސްޓަރު ވިދާޅުވީ، 2،695 އެޕްލިކޭޝަން ޝަރުތު ހަމަނުވާ ކަމަށް ނިންމާފައިވާ އިރު، 424 އެޕްލިކޭޝަނެއް ޕޮއިންޓަށް އައި ބަދަލުތަކާއެކު ލިސްޓުން އުނިކުރެވިފައިވާ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ، ގިނަ ފަރާތްތައް ޝަރުތު ހަމަނުވީ ހުށަހަޅަން ޖެހޭ ޑޮކިއުމެންޓް ނޫން އެހެން ޑޮކިއުމަންޓް ހުށަހަޅައިގެން ކަމަށެވެ. އެގޮތުން ރަށުގައި ދިރިނޫޅޭ ކަމަށް ބަޔާންކޮށް ކައުންސިލްތަކުން ދީފައިވާ ގިނަ އަދަދެއްގެ ލިޔުންތައް ބައެއް ފަރާތްތަކުން ހުށަހަޅާފައިވާ ކަމަށް ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ ނުލިބުނު ފަރާތްތަކުން ޝަކުވާ ހުށަހެޅުމަށް އެއް މަސް ދުވަހުގެ މުއްދަތެއް ޕޯޓަލް މެދުވެރިކޮށް ލިބޭނެ ކަމަށެވެ.
"ފްލެޓް ނުލިބޭ ކަމަށް ފާހަގަކޮށްފައިވާ ފަރާތްތަކަށް ޝަކުވާ ހުށަހެޅުމަށް އެއް މަސް ދުވަހުގެ މުއްދަތެއް ލިބިގެންދާނެ. މި މުއްދަތުގެ ތެރޭގައި ލިސްޓުން އުނިވި ފަރާތަށް ޕޯޓަލްއިން ޝަކުވާ ހުށަހެޅޭނެ. އަދި އާންމު ފަރާތަކުން ލިސްޓުގައި ހިމެނޭ ފަރާތަކާ މެދު އެއްވެސް ޝަކުވާއެއް އޮތްނަމަ މިނިސްޓްރީއަށް ސިޓީއަކުން ނުވަތަ އީމެއިލްއަކުން ޝަކުވާ ހުށަހެޅޭނެ،" މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ، ފްލެޓް ލިބޭނެ ކަމަށް ކުރީ ސަރުކާރުން އިއުލާނުކޮށްފައިވާ ލިސްޓުގައި ހިމެނިފައިވާ އެއްވެސް ފަރާތަކަށް ދިނުމަށް ކަނޑައަޅާފައިވާ ފްލެޓެއް އެއްވެސް އެހެން ފަރާތަކަށް ދިނުމަށް އަދި ކަނޑައަޅާފައި ނުވާ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު