ދިރާގުން ރާއްޖޭގެ އެންމެ ފުރަތަމަ ޓިއާ-4 ސެޓިފައިޑް ޑޭޓާ ސެންޓަރު ހުޅުވައިފިއެވެ.
ޓިއާ-4 ސެޓްފިކޭޝަނަކީ އަޕްޓައިމް އިންސްޓިޓިއުޓް އިން ޑޭޓާ ސެންޓަރު ރިލައިބިލިޓީއަށް ކަނޑައަޅާފައިވާ އެންމެ މަތީ މިންގަނޑެވެ. އަދި މި ސެޓިފިކޭޝަން ދެނީ ދުނިޔޭގެ އެންމެ ފެންވަރު ރަނގަޅު، އެންމެ އިތުބާރު ކުރެވޭ ޑޭޓާ ސެންޓަރުތަކަށެވެ.
ދިރާގުން ބުނީ، ދިރާގުން ރާއްޖޭގެ އެންމެ ފުރަތަމަ ޓިއާ-4 ސެޓިފިކޭޝަން ހޯދާފައިވާ ޑޭޓާ ސެންޓަރު ހުޅުވުމުން ދައްކުވައިދެނީ ކަސްޓަމަރުންނަށް އިތުބާރު ހިފޭ، ދުނިޔޭގެ ފެންވަރުގެ އެންމެ މަތީ ފަންތީގެ ހިދުމަތްތައް ފޯރުކޮށްދިނުމަށް އެ ކުންފުނިން ކުރަމުން އަންނަ މަސައްކަތުގެ ނަތީޖާ ކަމަށެވެ.
ދިރާގު ހުޅުމާލެ ޑޭޓާ ސެންޓަރު އިފުތިތާހު ކޮށްދެއްވައި ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ ދިރާގުން ރާއްޖޭގެ ފުރުތަމަ ޓިއާ-4 ސެޓިފައިޑް ޑޭޓާ ސެންޓަރު ހުޅުވުމަކީ ތާރީހީ ކުރިއެރުމެއް ކަމަށެވެ. އަދި ސަރުކާރުން އަބަދުވެސް މަސައްކަތް ކުރަމުން ދަނީ ރާއްޖޭގެ ވިޔަފާރިވެރިންނަށް އެންމެ ރަނގަޅު ހިދުމަތްތައް ފޯރުކޮށްދޭނެ ވަސީލަތްތައް ހޯދައި ދިނުމަށް ކަމަށްވެސް ވިދާޅުވިއެވެ.
"މިގޮތުން، ދުނިޔޭގެ އެހެން ގައުމުތަކުންވެސް ޑިޖިޓަލް އިކޮނޮމީ ވަރުގަދަ ކުރުމަށްޓަކައި ޑިޖިޓަލް އިންފްރާސްޓްރަކްޗާ ވަރުގަދަ ކުރުމަށް ދަނީ މަސައްކަތްތަކެއް ކުރަމުން. ދިރާގުން މި ހޯދި ކާމިޔާބީ އާއެކު މިކަމުގައި މިހާރު ދިވެހިރާއްޖެވެސް މި ތިބީ ދުނިޔޭގެ އެހެން ގައުމުތަކާ އެއް ހަމައެއްގައި." އިހުސާން ވިދާޅުވިއެވެ.
ދިރާގުން މި ހޯދި ތާރީހީ ކާމިޔާބީއާ ގުޅިގެން އެ ކުންފުނީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިސްމާއިލް ރަޝީދު ވިދާޅުވީ މިއީ ދިރާގަށް ލިބޭ ވަރަށް ބޮޑު އުފަލަކާއި ޝަރަފެއް ކަމަށެވެ.
"ޓިއާ-4 ގެ ޑޭޓާ ސެންޓަރެކޭ ބުނުމުން ދޭހަވަނީ މި ޑޭޓާ ސެންޓަރަކީ އިންފްރާސްޓްރަކްޗާއަށް ބެލިއަސް، ރިލައިބިލިޓީއަށް ބެލިއަސް، ސެކިއުރިޓީއަށް ބެލިކަމުގައި ވިއަސް، މިއީ އެންމެ މަތީ މިންގަނޑުތަކަށް ހެދިފައި ހުރި ޑޭޓާ ސެންޓަރެއްކަން. މީގެ ސަބަބުން ވިޔަފާރިވެރީންގެ ވިޔަފާރިތަކުގެ ބިޒްނަސް ކޮންޓިނިއުޓީ އިތުރަށް ވަރުގަދަކޮށް، ކްލައުޑް ސާވިސަސް ބޭނުންކުރާ ފަރާތްތަކާއި އެކި ކަހަލަ އެޕްލިކޭޝަންތައް ބޭނުން ކުރާ ފަރާތްތަކަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެ." އިސްމާއިލް ރަޝީދު ވިދާޅުވިއެވެ.
ދިރާގުން ބުނީ، ޓިއާ-4ގެ ސެޓިފިކޭޝަން އާއެކު އެ ކުންފުނީގެ ކްލައުޑް އައިއޭއޭއެސްގެ އިތުބާރު ހިފޭ މިންވަރު، ސެކިއުރިޓީ އަދި ރެޒިލިއެންސް މިންގަނޑުތައް ވަރުގަދަކޮށް، ވިޔަފާރިކުރުމުގައި އަދި މުހިންމު އެޕްލިކޭޝަންތައް ބޭނުންކުރުމަށް ވިޔަފާރިވެރިން އިތުރަށް ބާރުވެރިވާނެ ކަމަށެވެ. މިކަމުގެ ސަބަބުން، ވިޔަފާރިވެރިންނަށް ޒަމާނީ ހިދުމަތްތައް އެންމެ ރަނގަޅު އަގުތަކުގައި ލިބި، ބަދަލުވަމުންދާ ޑިޖިޓަލް އިކޮނޮމީގައި ކުރިއަރައިގެން ދިއުމަށް އެހީތެރިކަން ލިބިގެންދާނެ ކަމަށްވެސް ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު