މޯލްޑިވްސް ސާފިން އެސޯސިއޭޝަން (އެމްއެސްއޭ) އިން ކޮންމެ އަހަރަކު ބާއްވަމުން ގެންދާ ސާފް ލީގަށް މުޅިން އާ އިވެންޓެއް ތައާރަފުކޮށްފިއެވެ.
އެމްއެސްއޭ އިން މިއަދު އިއުލާނުކުރި ގޮތުގައި ސާފް ލީގަށް މިފަހަރު އިތުރުކުރި އިވެންޓަކީ ލ. މާބައިދޫގައި ބާއްވަން ތައްޔާރުވާ "ކެރަންޑޫ" އިވެންޓެވެ. އެ އިވެންޓް ސެޕްޓެމްބަރު މަހު މާބައިދޫގައި ބާއްވަން، އެ ރަށުގެ ކައުންސިލާއެކު އެމްއެސްއޭއިން ވަނީ އެއްބަސްވުމުގައި ސޮއިކޮށްފައެވެ. މިއީ ލ. އަތޮޅުގައި ސާފް ލީގު އިވެންޓެއް ބާއްވާ ފުރަތަމަ ފަަހަރުވެސް މެއެވެ.
އެމްއެސްއޭ އާއި މާބައިދޫ ކައުންސިލާ ދެމެދުގައި އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި އިވެންޓުގައި އެމްއެސްއޭއިން ސޮއިކުރެއްވީ އެމްއެސްއޭގެ ރައީސް މުހައްމަދު ސޮބާހް (ޗޭ)އެވެ. މާބައިދޫ ކައުންސިލުގެ ފަރާތުން ސޮއިކުރެއްވީ ރައީސް އިބްރާހިމް ވިސާމެވެ.
ގުދުރަތީ ހިތްގައިމުކަން ލިބިފައިވާ މާބައިދޫ އުތުރު ފަރާތުގައިވާ ރާޅު ބްރޭކަކީ "މެޗިން"ގެ ނަމުންވެސް މަޝްހޫރުވެފައިވާ ރާޅު ޕޮއިންޓެކެވެ. ރާއްޖޭގެ އެންމެ ރީތި އެއް ރާޅު ޕޮއިންޓުގެ ގޮތުގައި ފާހަގަވެފައިވާ އެ ރާޅުގަނޑަކީ ގިނަ ސާފަރުން ޝައުގުވެރިވާ ވާރުގަދަ އަވަސް ރާޅުތަކެއް ހުންނަ ޕޮއިންޓެއް ކަމަށްވެސް އެމްއެސްއޭ އިން ބުނެފައިވެއެވެ.
މާބައިދޫގައި އިވެންޓް ހޯސްޓް ކުރުމުގެ އިތުރުން އެ ރަށުގައި ކުޑަކުދިންނަށް ހާއްސަ ސާފް އިވެންޓުތަކެއް ކުރިއަށް ގެންދިއުމަށާއި، ހުނަރުވެރި ސާފަރުން ހޯދުމުގެ މަސައްކަތް ކުރުމަށްވެސް އެމްއެސްއޭ އިން ސޮއިކުރި އެއްބަސްވުމުގައިވެއެވެ. އެމްއެސްއޭ އާއި މާބައިދޫ ކައުންސިލާ ދެމެދު ވެވުނު އެއްބަސްވުމުގައިވާ ގޮތުން "ކެރަންޑޫ" އިވެންޓުގެ ޓައިޓަލް ސްޕޮންސަރަކީވެސް މާބައިދޫ ކައިންސިލެވެ.
މާބައިދޫގެ އިވެންޓާ ގުޅޭގޮތުން އެމްއެސްއޭގެ ރައީސް ޗޭ ވިދާޅުވީ ދިވެހި ސާފް ލީގަށް މާބައިދޫ އިތުރު ކުރެވުމަކީ ބޮޑު ކުރިއެރުމެއް ކަމަށާއި ލ. އަތޮޅުގެ ރާޅުތަކަކީ އެންމެ ހިތްގައިމު އެއް ރާޅުތައް ކަމަށެވެ. އަދި މާބައިދޫ އިވެންޓާއެކު ޒުވާން ހުނަރުވެރި ސާފަރުންތަކަކަށް އިތުރު ފުރުސަތުތަކެއް ފަހިވެގެންދާނެ ކަމަށްވެސް ޗޭ ވިދާޅުވިއެވެ.
ސާފް ލީގު ތައާރަފު ކުރީއްސުރެ މިއަދާ ހަމައަށްވެސް ކޮންމެ އަހަރެއްގެ ފެށުމަށް ގައްދޫގައި ބާއްވަމުން އަންނަ ކަޅެގަލެކޮޑާ އިވެންޓް މިއަހަރު ކެންސަލް ކޮށްފައިވާ އިރު، ސާފް ލީގުގެ ތިން އިވެންޓަކީ މ. މުލީގައި ޖުލައި މަހު ފަށާ މުލިކޮޅު ރާޅުގަނޑާއި މާބައިދޫގެ ކެރަންޑޫ އިވެންޓް އަދި މާލޭގައި އޮންނަ ރަންނަމާރި ޗެލެންޖެވެ. ރަންނަމާރި ޗެލެންޖުގެ ތާރީހެއް އަދި ކަނޑައަޅާފައެއް ނުވެއެވެ.
މޯލްޑިވްސް ސާފިން އެސޯސިއޭޝަން
މޯލްޑިވްސް ސާފިން އެސޯސިއޭޝަން
މޯލްޑިވްސް ސާފިން އެސޯސިއޭޝަން
މޯލްޑިވްސް ސާފިން އެސޯސިއޭޝަން