ކުރިއަށް އޮތް ރަމަޟާން މަހާ ދިމާކޮށް، މުޖުތަމައުގައި ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން 'އަލް އަސްރު' އަދި 'އިލްމް ޖަމިއްޔާ' އާ ގުޅިގެން ރޯދައާ ގުޅޭ ހާއްސަ ވީޑިއޯ ސީރީޒްތަކެއް ގެނެސްދިނުމަށް ނިންމައިފިއެވެ.

އެޗްޑީސީން މިއަދު ބުނީ އެ ސީރީޒްތަކުގެ މަގުސަދަކީ ރޯދަ މަހާ ދިމާކޮށް، އެ މަހަށް ބޭނުންތެރި އިލްމީ މައުލޫމާތު ފޯރުކޮށްދިނުމާއެކު، އިސްލާމީ ރިވެތި އާދަތަކާއި ދީނުގައި ކަންކަން އޮންނަ ގޮތް، ޝައުގުވެރި އަދި މައުލޫމާތުން ފުރިގެންވާ ވީޑިއޯތަކެއްގެ ސިފައިގައި ގެނެސްދިނުން ކަމަށެވެ.

އެގޮތުން، 'އަލް އަސްރު' އާއި އެޗްޑީސީ ގުޅިގެން "ގެއްލޭނެތަ" ނަމުގައި މީހުން ހޭލުންތެރި ކުރުމަށް ވީޑިއޯ ސީރީޒްއެއް ގެނެސްދިނުމަށް ވަނީ ނިންމާފައެވެ.

"ގެއްލޭނެތަ" ސީރީޒްގެ ދަށުން، ރަމަޟާން މަހުގެ ކޮންމެ ދުވަހަކު ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކަށް އިލްމީ މައުލޫމާތުން ފުރިގެންވާ ވީޑިއޯއެއް ދޫކޮށްލެވޭނެ ކަމަށާއި މިއީ، ރަމަޟާން މަހުގައި ރޯދަ ހިފުމުގެ މުހިންމުކަމާއި މާތްކަން އުނގަންނައިދިނުމާއެކު، މުޖުތަމައުގައި ދީނީ ސާބިތުކަން އިތުރުކޮށް ހޭލުންތެރިކުރުމަށް ކުރިއަށްގެންދެވޭ ސީރީޒްއެއް ކަމަށް އެޗްޑީސީން ބުންޏެވެ.

އޭގެ އިތުރުން، 'އިލްމް' ޖަމިއްޔާއާ ގުޅިގެން، "ވާހަކަޔޯ ވާހަކަޔޯ" ގެ ނަމުގައި ކީރިތި ރަސޫލާގެ ސުންނަތުގެ އަލީގައި ކުޑަކުދިންނަށް ހާއްސަކޮށްގެން ގެނެސްދޭ ވާހަކަ ސީރީޒްއެއް ކުރިއަށްގެންދިއުމަށް ވަނީ ނިންމައިފައެވެ.

އެޗްޑީސީން ބުނީ ހުޅުމާލޭގެ ހިތްގައިމު މާހައުލުތަކުން އެ ވާހަކަ ސީރީޒް ގެނެސްދޭނީ ޝައިހް ޖައުފަރު މުހައްމަދު އުސްމާން ކަމަށާއި އޭގެ މަގުސަދަކީ، އިސްލާމްދީނުގެ އަސްލުތަކުގެ މައްޗަށް ބިނާކޮށްގެން ހަދާފައިވާ އިލްމީ ވާހަކަތަކެއް ޝައުގުވެރި ގޮތަކަށް ކުޑަކުދިންނަށް ފޯރުކޮށްދިނުން ކަމަށެވެ.

އެގޮތުން އެ ސީރީޒްގެ ދަށުން ރޯދަ މަހަގެ ކޮންމެ ހޮނިހިރު ދުވަހަކު، ވާހަކަ އެޕިސޯޑެއް އެޗްޑީސީ އަދި އިލްމު ޖަމިއްޔާގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކަށް ގެނެސްދެވޭނެ ކަމަށާއި އެއީ، އެޗްޑީސީން އިލްމް އިންސްޓިޓިއުޓާ ގުޅިގެން އެ ސީރީޒް ގެނެސްދޭ ދެވަނަ އަހަރު ކަމަށެވެ. އަދި އެ ސީރީޒްގެ ސަބަބުން، ޝައުގުވެރި ގޮތަކަށް ކުޑަކުދިންނަށް ދީން އުނގެނުމަށް ބާރުއެޅިގެންދާނެ ކަމަށް އެޗްޑީސީން ބުންޏެވެ.

އެޗްޑީސީގެ އަމާޒަކީ ކުރިއަށްއޮތް ރަމަޟާން މަހުގައި އެކި ދާއިރާތަކުން މީހުން ހޭލުންތެރިކަން އިތުރު ކުރުމާއެކު، އެ ކޯޕަރޭޝަނުން ރަމަޟާން މަހާ ދިމާކޮށް އާންމުންނަށް ފޯރުކޮށްދޭ މައުލޫމާތުތަކަކީ އެ މަހަށް ބޭނުންތެރި މައުލޫމާތުތަކަކަށް ހެދުން ކަމަށް އެޗްޑީސީން ބުންޏެވެ.