އިތުރު 1500 ކޮންޓޭނަރު ބަހައްޓާނެ ޖާގައާއެކު މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެޕްމީއެލް) އޮތީ ކުރިއަށްއޮތް ރަމަޟާން މަހަށް ތައްޔާރަށް ކަމަށް އެ ކުންފުނިން ބުނެފިއެވެ.

މިއަދު އެމްޕީއެލްގެ ހެޑް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކުންފުނީގެ ޕޯޓް އޮޕަރޭޝަންސް ޑިޕާޓްމަންޓުގެ ހެޑް އިލިޔާސް މުހައްމަދު ވިދާޅުވީ އެމްޕީއެލުން އޮތީ ރަމަޟާން މަހަށް ފުރިހަމައަށް ތައްޔާރުވެފައި ކަމަށެވެ.

އޭގެ ތެރޭގައި ކޮންޓޭނަރު ބަހައްޓާނެ އިތުރު ޖާގައާއި ޕޯޓަށް އިތުރު ވަގުތީ 19 މުވައްޒަފުން ނެގުމާއި މާލެ ސަރަހައްދުގެ ޕޯޓުގެ ހިދުމަތް އަވަސް ކުރުމަށް އެމްޕީއެލްގެ ސަރަހައްދީ ޕޯޓުތަކުގައި ހުރި ވެހިކަލްތައް މާލެ ޕޯޓަށް ގެންނަން ފަށާފައިވާ ކަމަށްވެސް އިލިޔާސް ވިދާޅުވިއެވެ.

"މި ހިސާބަށް އައިއިރު ކޮންޓޭނަރު ބެހެއްޓޭ ޖާގައަކީ 3600 ކޮންޓޭނަރު. ނަމަވެސް މިހާރު 5100 އެއްހާ ކޮންޓޭނަރު ބެހެއްޓޭ، އެ ސަހަރައްދު ޕޭވްކުރުމާއި އެ ސަރަހައްދު ސާފުކޮށް ކޮންޓޭނަރު ބަހައަޓާނެ ޖާގަތައް އިތުރުކޮށްފައި،" އޭނާ ވިދާޅުވިއެވެ.

ނަމަވެސް އެއީ ވަގުތީ ހައްލެއް ކަމަށް ވިދާޅުވެ އިލިޔާސް އިތުރަށް ވިދާޅުވީ މާލެ ސަރަހައްދުގައި އިތުރު ޝެޑެއް ގާއިމުކޮށް، ޕެރިޝަބަލް ކާބޯތަކެއްޗަށް ވަރަށް ބޮޑު ލުއި ފަސޭހަތަކެއް ލިބޭނެ ގޮތަށް އެ ކުންފުނީގެ އިންތިޒާމުތައް ހަމަޖައްސާފައިވާ ކަމަށެވެ.

"މިހާރު ވަނީ މުދާ ބޭލުމާއި ރަައްކާތެރިކުރުމަށް ގިނަ ކަންތައްތަކެއް ކުރެވިފައި. އޭގެތެރެއިން މާލެ ސަރަހައްދުގައި އިތުރު ޝެޑެއް ގާއިމުކުރެވިފައި. ދެން ހައިލީ ޕެރިޝަބަލް ވަރަށް ގިނައިން އެބަ އާދެ. މިއަދުވެސް ތިން ބޯޓެއް އެއްފަހަރާ އައިސްފައި އެބައޮތް. އެއީ ޖެނެރަލް ކާގޯ،" އިލިޔާސް ވިދާޅުވިއެވެ.

ނަމަވެސް، ރާއްޖެ ގެންނަ މުދަލާ އެއްވަރަށް ކޮންޓޭނަރު ބަހަައްޓާނެ ޖާގަައިގެ ދަތިކަން ހުރިކަން ފާހަގަކުރައްވަމުން އިލިޔާސް ވިދާޅުވީ، އެކަން ހައްލުކުރުމަށް ތިލަފުށީގައި ކޮންޓޭނަރު ބަހައްޓާނެ އިތުރު ޖާގަ ކުރިއަށްއޮތް ދެ މަސް ދުވަސް ތެރޭގައި ތައްޔާރުކުރާނެ ކަމަށެވެ.

ރަމަޟާން މަހުގެ ގަޑިތަކަށް އަލިއަޅުއްވައިލައްވަމުން އެމްޕީއެލްގެ ކާގޯ ކްލިރިއަރަންސް ޑިޕާޓްމަންޓުގެ ހެޑް އަހުމަދު ނާޒިމް ވިދާޅުވީ އޮންލައިންކޮށް ޝިޕިންއަށް ރިކުއެސްޓު ކުރަން ފަށާ ގަޑި އާއި ނިމޭ ގަޑިއަކީ ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ހެނދުނު 10:00 އިން ޖެހިގެން އަންނަ ދުވަހުގެ ހެނދުނު 9:00 އަށް ކަމަށެވެ.

ނޯމަލް އެކްސްޕްރެސް އަދި ޑެއިލީ އެކްސްޕްރެސްއަށް ނޯޓު ކުރާ ގަޑިތަކަކީ ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު، ނޯމަލް އެސްކްޕްރެސް ރޭގަނޑު 8:00 އިން ޖެހިގެން އަންނަ ދުވަހުގެ ހެނދުނު 9:00 އަށެވެ. ޑެއިލީ އެކްސްޕްރެސްގެ ވަގުތަކީ ހެނދުނު 9:15 އިން މެންދުރު 1:00 އަށެވެ.

ޑެލިވަރީ އޯޑަރު ނޯޓް ކުރަން ފަށާ ގަޑިއަކީ ހުކުރުދުވަސް ފިޔަވައި ކޮންމެ ދުވަހަކު ހެނދުނު 9:15 އިން މެންދުރު 1:00 އަށް އަދި ރޭގަނޑު 9:15 އިން ރޭގަނޑު 10:30 އަށް 20 ފޫޓް ކޮންޓޭނަރު ދޫކުރުމަށް ހަމަޖެހިފައިވާ ކަމަށްވެސް ނާޒިމް ވިދާޅުވިއެވެ.

"އާންމު ހިދުމަތުގެ ދަށުން ކަނޑާ ސަރަހައްދަށް ގެންދިއުމަށް ނޯޓް ކޮށްދޭ ކޮންޓޭނަރުގެ އަދަދު، ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު 150 އާއި 100 ދެމެދުގެ ޓީއީޔޫސް ކޮންޓޭނަރު،" ނާޒިމް ވިދާޅުވިއެވެ.

ރަމަޟާން މަހު މާލެ ކޮމާޝަލް ހާބަރުން ކުލިއާކުރާ ހުރިހާ ބާވަތެއްގެ މުދާވެސް ދޫކުރުމަށް ހަމަޖެހިފައިވަނީ ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ހެނދުނު 9:15 އިން ހަވީރު 4:00 އަށް އަދި ރޭގަނޑު 9:15 އިން ރޭގަނޑު 1:30 އާ ހަމައަށެވެ. އެ ގަޑިތަކާ އެއްގޮތަށް ހުޅުމާލެ ޓާމިނަލުންވެސް ހިދުމަތް ދޭނެ ކަމަށް އެމްޕީއެލުން ބުންޏެވެ.

އޭގެ އިތުރުން ކޮންމެ ނަމާދު ވަގުތަކަށް ބަންގި ގޮވާ ވަގުތުން ފެށިގެން 20 މިނެޓުގެ ބްރޭކެއް މުވައްޒަފުން ނަމާދުކުރުމަށްޓަކައި ދޭނެ ކަމަށާއި އެ ވަގުތުތަކުގައި އެ ކުންފުނިން ދެމުންގެންދާ ހިދުމަތްތައް ވަގުތީގޮތުން މެދުކަނޑާލާނެ ކަމަށް ނާޒިމް ވިދާޅުވިއެވެ.