ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް) އިން އިންތިޒާމުކޮށްގެން ބޭއްވި 59 ވަނަ ގައުމީ ކްރިކެޓް މުބާރާތުގެ ތަށިވެސް ސީބީއެލް ސްޕޯޓްސްއިން ހޯދައިފިއެވެ.

މީގެ ކުރިން ޓީ20 ޕްރެސިޑެންޓްސް ކަޕްވެސް ހޯދި ސީބީއެލްއިން ގައުމީ މުބާރާތުގެ ތަށި ހޯދީ، ހުކުރު ދުވަހު ކުޅުނު ފައިނަލް މެޗުގައި މިލާން ކްރިކެޓް އެކަޑަމީއާ ވާދަކޮށް، ދެ ވިކެޓުން މެޗު ކާމިޔާބުކޮށްގެންއެވެ.

ކުޅިވަރު އެކުވެނީގައި ކުޅުނު މެޗުގެ ގުރު ދިމާވުމުން ސީބީއެލް ގަސްދުކުރީ ހޮވުމަށެވެ. މިލާން ކްރިކެޓް އެކަޑަމީ ކުޅެން އަރައި، 38 ވަނަ އޯވަރުގެ ތެރޭގައި ހުރިހާ ކުޅުންތެރިން ނުބައިވެގެން ހެދިފައިވަނީ 136 ލަނޑެވެ. އެންމެ ރަނގަޅަށް ކުޅުނީ 27 ލަނޑު ހެދި އަހުމަދު ހަސަނާއި 21 ލަނޑު ހެދި އަހުމަދު އަމީލް މައުރޫފެވެ. އެ އިނިންގްސްގައި ސީބީއެލްގެ ޕްރަދީޕް ތިން ވިކެޓް ނެގި އިރު، ހަރުސަ ވަނީ ދެ ވިކެޓް ނަގައިފައެވެ.

ފައިނަލް މެޗުގައި ސީބީއެލް ކުޅެން އަރައި 38 ވަނަ އޯވަރުގެތެރޭގައި 139 ލަނޑު ހަދައި މެޗު ކާމިޔާބުކުރިއެވެ. ތާރަކަ 34 ލަނޑު އަދި މަލިތު 29 ލަނޑު ހެދި އިރު، މިލާނުން އެންމެ ރަނގަޅަށް އުކި އަމީލް ތިން ވިކެޓް ނެގިއެވެ. ދެން ވިކެޓްތައް ނެގި ލީމް ސަފީގް ދެ ވިކެޓް އަދި އިބްރާހީމް ރިޒާންވެސް ދެ ވިކެޓް ނެގިއެވެ.

ފައިނަލް މެޗުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ސީބީއެލްގެ ހަރުސައެވެ. މުބާރާތުގެ އެންމެ މޮޅަށް ބެޓް ކުރީ މިލާން ކްރިކެޓް އެކަޑަމީގެ ޔޫސުފް އަޒްޔާނެވެ. އެންމެ މޮޅު އުކުންތެރިއަކަށް ހޮވިފައިވަނީ މިލާން ކްރިކެޓް އެކަޑަމީގެ ރިޒާނެވެ. އެންމެ މޮޅު ހޮވުންތެރިއަކަށް ހޮވިފައިވަނީ މިލާން ކްރިކެޓް އެކަޑަމީގެ މުހަންމަދު އައްޒާމެވެ.

އެންމެ އުންމީދީ ކުޅުންތެރިއަކަށް އެމްއެސް އެކަޑަމީގެ ތަރޫޝާ ހޮވުނު އިރު، މުބާރާތުގެ ހުރިހާގޮތަކުން އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ މިލާން ކްރިކެޓް އެކަޑަމީގެ އަޒްޔާއެވެ.