ރ. ފައިނުގައި އެއާޕޯޓް އެޅުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކޮށްފިއެވެ.

މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ފައިނުގައި އެއާޕޯޓު އެޅުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރުމުގެ އެއްބަސްވުމުގައި ވަނީ ސޮއިކޮށްފައެވެ. އެކަމުގެ އެއްބަސްވުމުގައި އެމްއޭސީއެލްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު މުހައްމަދެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އަހުމަދު ސައުދީއެވެ.

އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އިބްރާހިމް ޝަރީފު ވިދާޅުވީ އެމްޓީސީސީއާއެކު ސޮއިކުރި އެއްބަސްވުމުގެ ދަށުން ކަނޑައެޅޭ މުއްދަތުގައި އެ މަސައްކަތް ނިންމޭނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ. އެމްޓީސީސީން ވެސް ވަނީ އެ މަސައްކަތް ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ނިންމާލެވޭނެކަން ފާހަގަކޮށްފައި ކަމަށް އިބްރާހިމް ޝަރީފު ވިދާޅުވިއެވެ.

އެމްއޭސީއެލުން މިއަދު ބުނީ އެ އެއްބަސްވުމުގެ ދަށުން ފައިނުގައި އެއާޕޯޓް އެޅުމަށް ބޭނުންވާ ފީސިބިލިޓީ ދިރާސާތަކާއި، އެންވަޔަރުމެންޓް އިމްޕެކްޓް އެސެސްމެންޓް (އީއައިއޭ) އަދި ޑިޒައިން މަސައްކަތް ކުރިއަށްގެންދާނެ ކަމަށެވެ.

ފައިނު އެއާޕޯޓް މަޝްރޫއުއަކީ ރ. އަތޮޅުގެ ދަތުރުފަތުރާއި، ފަތުރުވެރިކަން އަދި ޖުމުލަކޮށް މުޅި ރާއްޖޭގެ އިގުތިސޯދު ކުރިއެރުވުމަށް ސަރުކާރުން ގެންގުޅޭ ތަސައްވަރާ އެއްގޮތަށް ތަރައްގީކުރުމަށް ނިންމާފައިވާ އެއާޕޯޓެއް ކަމަށް އެމްއޭސީއެލުން ބުންޏެވެ. އެހެންކަމުން ފައިނު އެއާޕޯޓު ވެގެންދާނީ ރާއްޖޭގެ އިގުތިސޯދަށާއި ފަތުރުވެރިކަމަށް ކުރާ މުހިންމު އިންވެސްޓުމެންޓަކަށް ކަމަށް އެމްއޭސީއެލުން ބުންޏެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު މިދިޔަ ޖެނުއަރީ މަހު ރ. އަތޮޅުގެ ރަށްތަކަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން އެ މަހުގެ 23 ވަނަ ދުވަހު ފައިނަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ވިދާޅުވެފައިވަނީ މިމަހުގެ ތެރޭގައި އެ ރަށު އެއާޕޯޓް އެޅުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރާނެ ކަމަށެވެ.

އެ މަނިކުފާނު ވާނީ ރިޔާސީ އިންތިހާބުގެ ކެމްޕޭނުގެ ތެރޭގައި ވެސް ފައިނުގައި އެއާޕޯޓެއް އަޅުއްވައިދެއްވާނެ ކަމަށް ވައުދުވެވަޑައިގެންފައި ކަމަށާއި އެއީ ފައިނުގެ ރައްޔިތުންނަށް އެންމެ މުހިންމު މަޝްރޫއު ކަމަށް ރައީސް ވިދާޅުވެފައިވެއެވެ.

"އަޅުގަނޑު މިއަދު ތިބޭފުޅުންނަށް ދަންނަވާލަން ބޭނުންވަނީ އެ މަސައްކަތް ކުރުމަށް އަޅުގަނޑުމެން އެމްޓީސީސީއާއެކީގައި މި އަންނަ މަހު، ފެބްރުއަރީ މަހުގެ ތެރޭގައި އެގްރީމެންޓް ކުރުމަށް މިހާރު ނިންމާފައިވާ ވާހަކަ، އިރާދަކުރެއްވިއްޔާ އެއަށްފަހު އަމަލީ މަސައްކަތް ވަރަށް އަވަހަށް މި ރަށުގައި އެއާޕޯޓު އެޅުމަށް ފަށާނެ ކަމުގެ ޔަގީންކަން ތިބޭފުޅުންނަށް އަރުވަން،" ރައީސް ވިދާޅުވެފައިވެއެވެ.

"އިރާދަކުރެއްވިއްޔާ ދެން އަޅުގަނޑު މި ރަށަށް އަންނަން އުންމީދު ކުރަނީ މި އެއާޕޯޓް ހުޅުވަން އިރާދަކުރެއްވިއްޔާ،"