2008 ވަނަ އަހަރު ކުޅުނު ސުޕަހީރޯ ފިލްމު، ހޭންކޮކްގެ ދެވަނަ ބައެއް އުފައްދަމުންދާކަން ވިލް ސްމިތް ޔަގީން ކޮށްދީފިއެވެ.

ހޮލީވުޑް ހަބަރުތައް ބުނާ ގޮތުގައި، 56 އަހަރުގެ ވިލް ސްމިތް ވަނީ ހެންކޮކްގެ ދެވަނަ ބައިގައި ލީޑް އެކްޓްރެސްގެ ރޯލުން ޑިއުން ފިލްމުގެ ތަރި ޒެންޑާޔާ ވިސްނަމުންދާކަމުގެ އިޝާރާތެއްވެސް ކޮށްފައެވެ.

އެ ފިލްމާ ބެހޭ ގޮތުން ދިން ލައިވް އިންޓަވިއުއެއްގައި ވިލް ބުނީ ހޭންކޮކް 2 އަށް ވަރަށް ރީތި ހިޔާލެއް އެބަ އޮތް ކަމަށެވެ.

ޕީޓާ ބާގް ޑައިރެކްޓްކޮށް، ވިންސް ގިލިގަން އަދި ވައި ވިންސެންޓް ގޯ ލިޔުނު ހޭންކޮކް ފިލްމުގައި ވިލް ފެނިގެން ދިޔައީ ހަނދާން ގެއްލިފައިވާ، އާދަޔާ ހިލާފު ބާރުތަކެއް ލިބިފައިވާ ނަމަވެސް މައްސަލަތަކާ ކުރިމަތިލާން ޖެހިފައިވާ ސުޕަހީރޯއެއްގެ ގޮތުގައެވެ. މި ފިލްމުގައި ޗާލައިޒް ތެރޯން، ޖޭސަން ބޭޓްމަން، އަދި އެޑީ މާސަން މުހިންމު ރޯލުތަކެއް އަދާކުރިއެވެ.

ފިލްމު ނެރުނީއްސުރެ ދެވަނަ ބައެއްގެ ވާހަކަ ދެކެވެމުން އައިސްފައިވެއެވެ. 2009 ގައި ބާގް ވަނީ ވިލް އަދި ތެރޯން ދެވަނަ ބައިގައިވެސް ބައިވެރިވާނެ ކަމަށް ބުނެފައެވެ. ނަމަވެސް ޝެޑިއުލްގެ މައްސަލަތަކާއި އެހެނިހެން ހުރަސްތަކާ ހެދި އެ ފިލްމު މިހާތަނަށްވެސް ނެރެފައެއް ނުވެއެވެ.