ރޯދަ މަހާ ދިމާކޮށް ހުޅުމާލެ ސާފު ކުރުމަށް އެޗްޑީސީން ކޮންމެ އަހަރަކު ވެސް ކުރިއަށްގެންދާ "ރޯދަ ސާފު" ޕްރޮގުރާމު ފަށައިފިއެވެ.
އެޗްޑީސީން މިއަދު ބުނީ ރޯދަ ސާފު ޕްރޮގުރާމަކީ، ހުޅުމާލޭގެ އެކި ސަރަހައްދުތައް ސާފުކޮށް ބެލެހެއްޓުމުގައި އެ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކުގެ ސީދާ ބައިވެރިވުމާއި އެއްބާރުލުން އިތުރު ކުރުމަށާއި ޒަމާނުއްސުރެ ދިވެހިންގެ ތެރޭގައި އޮތް އާދައެއް ކަމުގައިވާ ދިރިއުޅޭ ގޭގެ ވަށައިގެންވާ ސަރަހައްދު ކުނިކަހާ ބެލެހެއްޓުމުގެ ސަގާފަތް ދެމެހެއްޓުމަށް ހިތްވަރުދިނުމަށް ކޮންމެ އަހަރަކު ވެސް އެޗްޑީސީން ކުރިއަށްގެންދާ ހަރަކާތެއް ކަމަށެވެ.
އެގޮތުން، މިއަހަރުގެ ރޯދަ ސާފު އިވެންޓު މިއަދު ފެށީ ހުޅުމާލޭގެ ޗެނަލް ޕާކު ސަރަހައްދުންނެވެ. މި އިވެންޓުގެ ދަށުން ރޯދަ މަސް ފެށެންދެން ހުޅުމާލޭގެ އެކި ސަރަހައްދުތައް ސާފު ކުރުމުގެ މަސައްކަތް ކުރިއަށްގެންދާނެ ކަމަށް އެޗްޑީސީން ބުންޏެވެ.
ކުރީ އަހަރުތަކެކޭ އެއްގޮތަށް މިއަހަރުގެ އިވެންޓުގައި ވެސް ސަރުކާރު ހިއްސާވާ އެކި ކުންފުނިތަކާއި، އެޗްޑީސީގެ މުވައްޒަފުން އަދި ހުޅުމާލޭގެ ރައްޔިތުން ބައިވެރިވެއެވެ.
މި އިވެންޓުގެ އަމާޒަކީ ހުޅުމާލޭގެ ރީތިކަން ދެމެހެއްޓުމާއި ރޯދަ މަސް ފެށުމުގެ ކުރިން އެންމެން ގުޅިގެން ރަށުތެރެ ސާފު ކުރުން ކަމަށްވެސް އެޗްޑީސީން ބުންޏެވެ.
ހުޅުމާލޭގެ މާހައުލަކީ ހުޅުމާލޭގައި ދިރިއުޅޭ ފަރާތްތަކާއި ހުޅުމާލެއަށް ޒިޔާރާތްކުރާ ފަރާތްތަކަށް ހިތްފަސޭހަ ތަނަކަށް ހެދުމަށް އެޗްޑިސީން ދަނީ ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން، މުސްތަގުބަލުގައިވެސް އާންމުންގެ ލާބަ އާއި މަންފާއަށް އަދި ވަކިން ހާއްސަކޮށް ސާފުކުރުމުގެ ރީތި އާދަ އާލާކުރުމަށާއި ހުޅުމާލޭގެ ވެށި ސާފުކޮށް ބޭއްވުމަށް ގިނަ ޕްރޮގުރާމުތަކެއް ކުރިއަށްގެންދިއުމަށް ނިންމާފައިވާ ކަމަށް އެޗްޑީސީން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު