(14 ފެބުރުއަރީގެ އަދަދާ ގުޅޭ)

އަޞްލު ލިޔުއްވީ : ޑޮކްޓަރ މުޙައްމަދު ރިޟަލް އިސްލާމް ނަދުވީ

ތަރުޖަމާކުރީ : ޢަބްދު الله ފާރޫޤް ޙަސަން

*****************

މީގެ އަހަރުތަކެއްގެ ކުރީން ދުނިޔޭގެ ޤައުމުތަކުން ނުބައި ރޫޙެއްގެ ނުވަތަ ފުރޭތައެއްގެ ސިފައިގައި ދުނިޔެއަށް ދެއްކި އެއްކަމަކީ އިންސާނީ އާބާދީގެ މައްސަލައެވެ. ދުނިޔޭގެ ޚާލިޤު ދުނިޔޭގައި ލައްވައިފައިވާ ވަސީލަތްތަކާ ނުބައްދަލު ޢަދަދަކަށް އާބާދީ އިތުރުވާ ވާހަކައެވެ. އެފުރޭތަދެކެ ބިރުން ޤައުމުތަކުން އަވަސްވެގަތީ ޢާއިލާ ރޭވުމުގެ (Family Planning) މަސައްކަތަށެވެ. ދޭތެރެ ދުރުކުރުމުގެ (Birth Control) ޤާނޫނުތައް ހަދައި ތަންފީޒުކުރާން ފަށައިގަތީ ބަނޑާއި ބުރަކަށީން އަޑުކިޔާވަރަށް ބާރުލައިފައެވެ. މިކަމުގައި ވަކިޤައުމެއް އިސްތިސްނާއެއް ނުވެއެވެ. އަޅުގަނޑުމެންގެ ޤައުމަކީވެސް މިކަމުގައި ހެސްކިޔާފައި ހިފިޤައުމެކެވެ. ސުންނިއުރަ ހިލޭބެހި ބައެކެވެ. އެދުވަސްވަރު އިއްތިފާޤުން ކޮންމެވެސް ބޭނުމެއްގައި އަޅުގަނޑަށް އަޅުގަނޑުގެ ރަށަށް (ފުވައްމުލަކަށް) ދެވުނެވެ. އަޅުގަނޑު ރަށުގައި ހުއްޓައި އެމް.ޖޭ.އެމް (މިހާރުގެ އެމް.ޖޭ.އެސް - މުޙައްމަދު ޖަމާލުއްދީން ސްކޫލް) ގައިބޭއްވި ޖަލްސާއެއްގައި އަޅުގަނޑަށް ޝަރަފުވެރި މެހްމާނެއްގެ ގޮތުން ބައިވެރިވާން ޖެހުނެވެ. އެރޭގެ ޖަލްސާގައި ދޭތެރެ ދުރުކުރުމުގެ ބޭނުންތެރިކަމުގެ މައްޗަށް ވާހަކަ ދެއްކި ގިނަ ދަރިވަރުންނަކީ އަޅުގަނޑުގެ ގާތްތިމާގެ ކުދީންނެވެ. ނުވަތަ ދުރުތާ ތިމާގެ ކުދީންނެވެ. އެހެންކަމާއެކުވެސް އަޅުގަނޑުގެ ވާހަކައިގައި އެކުދީންގެ ވާހަކަ ތަކަށް މަޑުމައިތިރި ކަމާއެކު ރައްދުދިނީމެވެ. އެދުވަސްވަރަކީ އަޅުގަނޑު سيّد أبوالأعلي المودودي ގެ ޡަބްޠެ ވިލާދަތު މުޠާލިޢާ ކުރި ދުވަސްވަރާ ވަރަށް ކައިރިއެވެ. އެކުދީންގެ ވާހަކަޔަށް ސާބިތުހެކި ދެއްކުމުގެ ގޮތުން ޚުދު އަޅުގަނޑު ރަށުގައި އުޅުނުއިރު އޮޅުހެއްދި ތަންތަނާއި ކައްޓަލަ ހެއްދިތަންތަން ބޭނުންނުކޮށް ވައުވެފައި ވިނަހެދިފައި ހުރިކަމާއި އެތަންތާނގައި ދަނޑުގޮވާންކޮށް މާތް الله ގެ ފަޟްލުވަންތަކަން ހޯދާން މަސައްކަތްކުރާން ދަޢުވަތު ދިނީމެވެ. އަނެއްކާވެސް އަޞްލު މައިގަނޑު ނަމާ ދިމާޔަށް އެނބުރިގަންނަމެވެ.

ޢާއިލާ ރޭވުމަށާއި ވިހެއުން ކޮންޓްރޯލް ކުރަން އެންމެ ފޯރިއާއެކު މަސައްކަތްކުރި ޤައުމުތަކުގެ މިހާރުގެ ޙާލަތަކީ ކޮބައިތޯއެވެ. އެޤައުމުތަކުގެ މިހާރުގެ ޝަކުވާއަކީ އާބާދީ މުސްކުޅިވުމެވެ. މަސައްކަތްތެރިކަމަށް ބޭނުންވާ މަސައްކަތްތެރީންނާއި ޤައުމު ދިފާޢުކުރާން ބޭނުންވާ ސިފައިން ނުލިބުމެވެ. ސަރުކާރުތަކުން އިތުރު އެލަވަންސާއި ޢިނާޔަތްތައް ދޭއިރުވެސް ޤައުމަށްބޭނުންވާ އިންސާނީ މުއްސަނދިކަން އިތުރުނުވެ ހައްތާ ފަޤީރުވަމުންދާ މައްސަލައެވެ. މިނިހެޔޮނުވާކަމެވެ.

ކުރީން ދެންނެވި އާބާދީ ރޭވުމުގެ ދުވަސްވަރު ދުނިޔޭގައި ޢާންމުކޮށް ފެތުރިގަތް އަނެއް އާފާތަކީ މައިންގެ ބަނޑުގައި ގަރުބަގަންނަ ޖަނީންގެ ޖިންސު ކަނޑައެޅުމެވެ. ހޯދައި ދެނެގަތުމެވެ. (Sex Determination) ސައިންސު އީޖާދުކޮށްދިން ތަފާތު އާލަތްތަކުގެ އެހީގައި ޖަނީންގެ ޖިންސް ހޯދައިގަނެ އަންހެންކުއްޖެއް ކަމުގައިވާނަމަ އެތައްބަޔަކު އެއްވެސް ހިތެއްފިތެއްނެތި އެޖަނީން ވައްޓައިލާން ފެށިއެވެ. އަންހެންކުދީން ދިރިދުނިޔެއަށް އައުމުގެ ޙައްޤުން މަޙްރޫމްކުރާން ފަށައިގަތެވެ. މިކަންވެސް ހިމެނުނީ ވަކި ޤައުމަކަށް ޚާއްޞަ ކަމަކަށެއް ނޫނެވެ. ނަތީޖާއަކީ ދުނިޔޭގެ ކޮންމެ ޤައުމަކަށް ނުވަތަ ޤައުމެއްގެ ކޮންމެ ސަރަޙައްދަކަށް ބެލިކަމުގައި ވިޔަސް އެތަނެއްގެ އާބާދީގައި ހިމެނޭ އަންހެންކުދީންނާއި ފިރިހެންކުދީންގެ ޢަދަދު ނުހަނު ބޮޑަށް ފަރަގުވުމެވެ. ތަފާތުވުމެވެ. އިޖްތިމާޢީ މައްސަލަތައް އުފަންވާވަރަށް ތަފާތުވުމެވެ. ޖުމުލަ ގޮތެއްގައި ބަލާއިރު ދުނިޔޭގެ އާބާދީގައި ހިމެނޭ ކޮންމެ ސަތޭކަ އަންހެން ކުއްޖަކަށް ސަތޭކަ ތިނަކާއި ހަތަކާ ދެމެދުގެ ޢަދަދެއްގެ ފިރިހެންކުދީން އެބަތިއްބެވެ. (މިމަޒްމޫނުގައިވާ ހޯދާ ހިސާބުތަކަކީ ތަންކޮޅެއް ކުރީގެ ހިސާބުތަކެކެވެ. އެކަމަކު ޙާލަތަށް ހެޔޮބަދަލެއް ނާދެއެވެ. މިފަހުގެ ތަފާސް ހިސާބުތައް ހޯދާކަށެއް އަޅުގަނޑަކަށް މަސައްކަތެއް ނުކުރެވެއެވެ. އަސްލު މަޒްމޫނާ އެއްގޮތަށް ހިސާބުތައް ބެހެއްޓުމަށްޓަކައެވެ.)

ފަރަންސޭސި ވިލާތުގެ (National Institute of Demographic Studies) އިން 2005 އޮކްޓޫބަރ ގައިވަނީ މިކަމާބެހޭ ސާވޭއެއް ކޮށްފައެވެ. އެސާވޭއިން އެނގުނު ޙަޤީޤަތަކީ ފަރަންސޭސި ވިލާތުގައި ކޮންމެ ސަތޭކަ އަންހެންކުއްޖަކަށް ސަތޭކަތިރީސް ހަތަރު ފިރިހެންކުދީން އެބަތިބިކަމެވެ. އެސާވޭރިޕޯޓުގައި އިންޒާރުކޮށްފައިވާ ގޮތުގައި ޗައިނާގައި އަންހެނުންނާއި ފިރިހެނުންގެ ޢަދަދުގެ ތަފާތު ބޮޑުވަމުންދާގޮތަށް ނަޒަރު ހިންގާއިރު 2015 އިން 2030 އަށްދާއިރު ދޭއް ޕޮއިންޓް ފަހެއް މިލިޔަން ފިރިހެންކުދީންނަށް ޙަޔާތުގެ ބައިވެރިޔަކު ލިބުމުގެ އުންމީދެއް ނެތެވެ. ދުނިޔޭގެ އެހެނިހެން ޤައުމުތަކުގެ ޙާލަތުވެސް ވަކިރަނގަޅެއް ނޫނެވެ.

ހިންދުސްތާނުގައި ސަރުކާރުގެ ފަރާތުން ބޯހިމަނަނީ ކޮންމެ ދިހައަހަރަކުންނެވެ. 2011 ވަނައަހަރުގެ ހިސާބުތަކަށް ބަލާއިރު ޤައުމުގެ އާބާދީވަނީ އެއްއަރަބު އެކާވީސް ކުރޯޑަށްވުރެ މަތިވެފައެވެ. އޭގެތެރެއިން ފިރިހެނުންގެ ޢަދަދު ބާހައްޓި ކުރޯޑު އެއްތިރީސް ލައްކައިގައި އުޅޭއިރު އަންހެނުންގެ ޢަދަދު އުޅެނީ ފަންސާސް އަށްކުރޯޑު ހަތްދިހަ ހަތަރު ލައްކައިގައެވެ. އަންދާޒާއަކީ ކޮންމެ އެއްހާސް ފިރިހެނަކަށް ޖެހެނީ ނުވަސަތޭކަ ސާޅީސްތިން އަންހެނުންނެވެ. ހައަހަރުން ދަށުގެ އާބާދީއަށް ބަލާއިރު މިތަފާތު މާބޮޑެވެ. އެއްހާސް ފިރިހެން ކުއްޖަކަށް ތިބީ ނުވަސަތޭކަ ނަވާރަ އަންހެން ކުދީންނެވެ.

އިންޑިޔާގެ ވަކިވަކި ޕްރޮވިންސް ތަކަށް ބަލާއިރު ބައެއް ޕްރޮވިންސްތަކުގައި އަންހެންކުދިންނާއި ފިރިހެންކުދީންގެ ތަފާތު ވަކީންބޮޑެވެ. ޚާއްޞަކޮށް ޕަންޖާބާއި ދިއްލީއާއި ޖައްމޫ ކަޝްމީރާއި، ޗަންދިގަޅާއި ސިއްކިމާއި އަންޑަމަން ނިކޮބާރުގައި އެއްހާސް ފިރިހެންކުދީންގެ ނިސްބަތުން ތިބީ އަށްސަތޭކަ އާއި ނުވަސަތޭކައާ ދެމެދުގެ ޢަދަދެއްގެ އަންހެން ކުދީންނެވެ.

އަންހެންކުދީންނާއި ފިރިހެންކުދިންގެ ނިސްބަތުން ތަފާތު ބޮޑުވަމުންދާތީ ދުނިޔޭގެ ފެންވަރުގައިވެސް މުފައްކިރުންނާއި އިޖްތިމާޢީ މުޞްލިޙުން ތިއްބެވީ ކަންބޮޑުވެވަޑައިގެންފައެވެ. ހުރިހައި ކަންކޮޅުތަކެއްގައިވެސް ދަނީ އެކަމާ ހާސްކަން ފާޅުކުރަމުންނެވެ.

ޢާންމުކޮށް މުޖްތަމަޢުތަކުގައި އަންހެން ކުދީންނަށް ދީފައިވަނީ ބޭނުމެއްނެތް (Unwanted) މަޚްލޫޤެއްގެ ދަރަޖައެވެ. އަންހެންކުދީން ލިބުމަކީ އެއްބައެއްގެ ނަޒަރުގައި އުފުލާންޖެހޭ ބުރައެކެވެ. ލަދުވެތި ކަމެކެވެ. އެހެންކަމުން މަސައްކަތް ކުރެވެނީ ދުނިޔެއަށް އުފަންކުރެއްވުމުގެ ކުރީން އެކުދީންގެ ކިބައިން މިންޖުވެވޭތޯއެވެ. އޭގެ މައިގަނޑު ސަބަބަކީ މުޖްތަމަޢުގައި އެކުދީންނަށް ދަށުދަރަޖައެއް ލިބިފައި އޮތުމެވެ. އެކުދިންގެންގުޅެ ބޮޑުކޮށް ކާޅުފުރައިންއެރުވުމާއި އެކުދީންގެ ޢިއްފަތްތެރިކަމާއި ޢިސްމަތްތެރިކަން ރައްކާތެރިކުރުމުގެ އިތުރުން އެކުދީންގެ ކާވެނި ކުރުވުމުގައިވެސް އުނދަގޫތަކެއް އުފުލާންޖެހުމެވެ. ބޮޑެތި ހޭދަތަކެއް ކުރާންޖެހުމެވެ. މީގެ އިތުރަށްވެސް ވަރަށްގިނަ ނާޒުކު މައްސަލަތަކެއް އަންހެންކުދީންނާ ވަނީ ގުޅިފައެވެ. އެހެންކަމުން މައިންބަފައިން އެކަންކަމުން މިންޖުވުމަށްޓަކައި ދެކެނީ އެކުދީން އުފަންކުރެއްވުމުގެ ކުރީން އެކުދީންގެ ވާހަކަ ނިންމައިލައި ބޮލުން ނައްޓައިލުން ރަނގަޅުކަމުގައެވެ.

އަންހެންކުދީންނާ ބެހޭގޮތުން މިތަޞައްވުރު އުފެދިފައިވަނީ އިއްޔެއަކު މިއަދަކު ނޫނެވެ. އަދި ކީއްތޯއެވެ؟ ދުރުމާޒީގެ ތާރީޚަށް ނަޒަރު ހިންގާއިރުވެސް އަންހެން ދަރިންނާ ބެހޭގޮތުން މައިންބަފައިންގެ ނަފުސިއްޔާތު ހުރީ މިގޮތަށެވެ. ކީރިތި ޤުރްއާނުގައި ބަޔާންކުރައްވައިފައިވާ ގޮތުގައި މަރްޔަމްގެފާނުގެ މައިކަނބަލުން އާލާސްވެ އިންނެވުމުން ނަދުރު ވިދާޅުވެފައިވަނީ އެކަމަނާއަށް ލިބިވަޑައިގަންނަވާ ބޭފުޅަކު ފައްޅީގެ ޚިދުމަތަށް ވެދުންކުރައްވާށެވެ. އެދުވަސްވަރު ފައްޅިއަށް ޚިދުމަތްކުރަނީ ހަމައެކަނި ފިރިހެނުންނެވެ. އެހެންކަމުން އެކަމަނާ އުއްމީދުކުރައްވައިގެން އިންނެވީ އެކަމަނާއަށް ލިބިވަޑައިގަންނަވާނީ ފިރިހެން ބޭފުޅަކު ކަމުގައެވެ. އެކަމަނާ އުންމީދުކުރެއްވިގޮތާ ޚިލާފަށް އަންހެންބޭފުޅަކު ލިބިވަޑައިގެންނެވުމުން ހިތާމަފުޅާއެކު ވިދާޅުވިއެވެ. އަޅުގެވެރި ރަސްކަލާކޯއެވެ! ހަމަކަށަވަރުން އަޅުވިހެއި ދަރިޔަކީ އަންހެންކުއްޖެކެވެ...... ފިރިހެން ކުއްޖަކު އަންހެންކުއްޖަކާ އެއްފަދައެއް ނޫނެވެ. ( آل عمران : 36)

ކައުސާހިބާ صلي الله عليه وسلم ނަބީކަމާއިގެން ފޮނުއްވި ދުވަސްވަރު ޢަރަބީން އަންހެން ދަރީންނާމެދު ދެކެމުން އައީ އެކުދީންނަކީ އުފުލާންޖެހޭ ބުރައެއްކަމުގައެވެ. އެކުދީން ބަލައި ބޮޑުކޮށް ނަފަޤާތްދޭން އެމީހުން ފަސްޖެހެއެވެ. އަންހެންކުދީން ބޮޑެތިވެ ތަސައްރަފު ފުދުމުންވެސް މަޢީޝީ މަސައްކަތްތަކުގައި އެކުދީންގެ އަތްބާރު އަޅައިދިނުމެއް ލިބޭނެ ކަމަކަށެއް އެމީހުން އުއްމީދެއް ނުކުރެއެވެ. އެބައިމީހުން ކަންބޮޑުވާ އަނެއްކަމަކީ އެބައިމީހުންގެ ނަޒަރުގައި އެކަށީގެންވާ ފަރާތަކުން އެކުދީންގެ ކާވެންޏަށް ނޭދިއްޖެ ކަމުގައިވާނަމަ ކުފޫހަމަނުވާ މީހަކާ އެކުދިންގެ ކާވެނިކޮށްދޭން ޖެހިދާނެކަމެވެ. އެބައިމީހުން ބިރުގަންނަ އަނެއްކަމަކީ މަގުފޭރޭމީހުންގެ ޙަމަލާއެއްގައި އެކުދީން ފޭރީގަނެގެން ގެންގޮސް އެކުދީން އަޅުއަންހެނުންނަށް ހަދައިފާނެކަމެވެ. އެކަންކަމާހުރެ މީހަކަށް އަންހެން ދަރިޔަކު ލިބިއްޖެކަމުގައިވާނަމަ އެމީހެއްގެ މޫނުމަތީގެ އުޖާލާކަން ކެނޑިދެއެވެ. މޫނުމަތީގެ ކުލައޮއްސިދެއެވެ. އަނެކުންނަށް މޫނުދައްކާން އެކަށީގެންވާ ކަމަކަށްވެސް ނުދެކެއެވެ. އެކުދީން ދިރިބައިތިއްބާނީތޯ ނުވަތަ ވަޅުގަނޑެއް ކޮނެފައި ވަޅުލައި އަބަދަށްޓަކައި އެކުދީން ބޮލުންކަޓުވައިލާނީތޯ ވިސްނައެވެ. އެޒަމާނުގައި އިންސާނީ ވިސްނުންހުރިގޮތުގެ މައްޗަށް ކީރިތި ޤުރްއާނުގައި އަލިއަޅުއްވައި ލައްވައިފައިވަނީ ނުހަނު ބަލާޣަތްތެރި ބަސްފުޅު ތަކަކުންނެވެ.

[އެއިން މީހަކަށް އަންހެންދަރިއަކު ލިބިއްޖެކަމުގެ ޚަބަރު ދެވިއްޖެނަމަ، އެމީހެއްގެ މޫނު އަނދިރިވެގެން ހިނގައިދެއެވެ. އޭނާއަށް އެކަމުގެ ހިތާމަ ލިބިގެންވާ ޙާލުގައެވެ. އެމީހާއަށް ދެވުނު ޚަބަރެއްގެ ނުބައިކަމުން ، މީސްތަކުންގެ ކިބައިން އޭނާ ނިވައިވެގަނެތެވެ. ނިކަމެތިކަންމަތީގައި، އޭނާ އެކުއްޖާ ގެންގުޅޭނީ ބާވައެވެ؟ ނުވަތަ ފަސްގަނޑުގެ ތެރެއަށް އެކުއްޖާ ކޮއްޕައިލާނީ ބާވައެވެ؟ ދަންނާށެވެ! އެއުރެން ކުރާ ޙުކުމް ހާދަހާ ނުބައިވެގެންވެއެވެ.[ (النّحل :59 ،58 )

ޢަރަބިކަރައިގެ އަހްލުވެރިންގެ އެއްޢަޤީދާ އެއްގައިވާ ގޮތުން އެބައިމީހުން ކަނޑައަޅަނީ މަލާއިކަތުންނަކީ الله ގެ ދަރިކަނބަލުންތަކެއް ކަމުގައެވެ. ކީރިތި ޤުރްއާނުގެ އެތައް އާޔަތްތަކެއްގައިވަނީ އެބައިމީހުންގެ އެޢަޤީދާއަށް ވަރަށްބޮޑަށް އިންކާރު ކުރައްވައިފައެވެ. (ބައްލަވާލައްވާ النّحل 57 ، الإسراء 4 ، الطّور 39 ، النّجم 21 ، 22)

ޢަރަބި މުޝްރިކުންނަށް ޣީރަތް ދެއްވަމުން އެއްތަނެއްގައި ވަޙީކުރައްވައިފައިވެއެވެ. ތިޔަބައިމީހުންގެ ޙާލު ހުންނަގޮތަކީ ތިޔަބައިމީހުންނަށް އަންހެންދަރިން ލިބޭކަށެއް ތިޔަބައިމީހުން ނުރުހެމުއެވެ. ތިޔައިން މީހަކަށް އަންހެން ދަރިއަކު ލިބިއްޖެކަމުގައިވާނަމަ އެކަމާ މޮޅީން ތިޔަބައިމީހުންގެ މޫނުތައް ކަޅުވެދެއެވެ. އެކަމަކު ޢާލަމްތަކުގެވެރި الله އަށް އަންހެން ދަރިކަނބަލުން ނިސްބަތްކުރާކަށެއް ތިޔަބައިމީހުން ލަދެއްނުގަނެއެވެ. (الزّخرف 17،16) ކީރިތި ޤުރްއާނުގެ އެހެން އާޔަތެއްގައި އަންގަވައިފައިވެއެވެ. މަލާއިކަތުން ހެއްދެވިތަން އެބައިމީހުން ލޮލުންދެކެފައި ނުވާއިރު އެއީ އަންހެންބޭފުޅުން ތަކެއްކަމުގައި ބުނަނީކީއްވެގެން ހެއްޔެވެ؟ އަޅެ ކިހައި އަޖައިބުވާފަދަ ކަމެއް ހެއްޔެވެ. ތިޔަބައިމީހުންނަށްޓަކައި ތިޔަބައިމީހުން ޤަބޫލުނޫން ޖިންސެއް ތިޔަބައިމީހުން الله سبحانه وتعالي އަށްއެބަ ނިސްބަތް ކުރަމުއެވެ. ކީރިތި ޤުރްއާނުގައި މާތް الله ވަޙީކުރައްވައިފައިވާ އާޔަތެއްގެ މާނައިގައިވެއެވެ.

[އޭ މުޙައްމަދުގެ ފާނެވެ!] ފަހެ ކަލޭގެފާނު އެއުރެންނާ ސުވާލު ކުރައްވައި ބައްލަވާށެވެ! ކަލޭގެފާނުގެ ވެރިރަސްކަލާނގެއަށް އަންހެން ދަރީން ތިބެފައި އެއުރެންނަށް ފިރިހެން ދަރީންވަނީހެއްޔެވެ؟ ނުވަތަ އެއުރެން ޙާޟިރުވެ ބަލާން ތިއްބައި ތިމަންރަސްކަލާނގެ މަލާއިކަތުން އަންހެންބަޔަކަށް ހެއްދެވީހެއްޔެވެ؟ ދަންނާށެވެ! ހަމަކަށަވަރުން الله އަށް އަންހެންދަރީންވާކަމަށް އެއުރެން އެބުނަނީ ބޮޑުދޮގެއް ހެދުމުގެ ގޮތުންނެވެ. ހަމަކަށަވަރުން އެއުރެންނީ ދޮގުވެރީންކަން ކަށަވަރެވެ. ފިރިހެން ދަރީންގެ މައްޗަށް އަންހެންދަރީން އެކަލާނގެ ޚިޔާރުކުރެއްވީ ހެއްޔެވެ؟ ތިޔަބައިމީހުން ތިޔަތިބީކީއްވެފައިހެއްޔެވެ؟] (الصّافات : 149،150،151،152،153،154،155)

(ނުނިމޭ)