ކާބޯތަކެތީގެ ބާވަތްތައް އިސްތިހާރު ކުރަންވާނީ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ ހުއްދައާއެކު ކަމަށް ހިމަނައި "ކާބޯތަކެތި އިޝްތިހާރުކުރުމާބެހޭ ގަވާއިދު" އާންމުކޮށްފިއެވެ.
އެމްއެފްޑީއޭއިން މިއަދު ގެޒެޓުކުރި "ކާބޯތަކެތި އިޝްތިހާރުކުރުމާބެހޭ ގަވާއިދު" ގެ މަގުސަދަކީ ކާބޯތަކެތި އިޝްތިހާރުކުރުމުގައި ބަލަންޖެހޭ ކަންތައްތަކާއި އުސޫލުތަކާއި މިންގަނޑުތައް ކަނޑައެޅުމެވެ.
ގަވާއިދުގައިވާ ގޮތުން އެއްވެސް ބާވަތެއްގެ ކާބޯއެއްޗެއް އިޝްތިހާރުކުރުމަށް އެދޭ ފަރާތްތަކުން އެ އިޝްތިހާރެއް އެމްއެފްޑީއޭއަށް ހުށަހަޅައި އެ އިދާރާގެ ހުއްދަ ލިޔުމުން ހޯދައިގެން މެނުވީ އިޝްތިހާރެއްގެ ގޮތުގައި ބޭނުންކޮށްގެން ނުވާނެއެވެ. ގަވާއިދުގައިވާ ގޮތުން ކާބޯތަކެތީގެ އިޝްތިހާރު ކުރުމުގެ ހުއްދައިގެ މުއްދަތަކީ ތިން އަހަރު ދުވަހެވެ. އެ މުއްދަތު ހަމަވުމަށްފަހު އިޝްތިހާރުކުރާ ނަމަ، އެ ހުއްދަ އާ ކުރަންޖެހޭނެ ކަމަށް ގަވާއިދުގައި ވަނީ ބަޔާންކޮށްފައެވެ.
ފާސްކުރި އިޝްތިހާރަށް އިތުރު ބަދަލެއް ގެނެސްފި ނަމަ، ބަލާނީ އާ އިޝްތިހާރެއްގެ ގޮތުގައި ކަމަށާއި އެފަދަ އިޝްތިހާރެއްގެ ހުއްދަ އަލުން ހޯދަންވާނެ ކަމަށް ގަވާއިދުގައި ވަނީ ބަޔާންކޮށްފައެވެ.
އިޝްތިހާރުކުރުމުގެ ހުއްދަ ހޯދުމަށް އެދި ހުށަހަޅަންވާނީ، "ދިރިތި" mv.egov.dhirithi://https ޕޯޓަލް މެދުވެރިކޮށް ކަމަށް ގަވާއިދުގައި ވަނީ ބަޔާންކޮށްފައެވެ. ހުއްދަ ހޯދުމަށް އެދި ހުށަހަޅާ އިރު،، އިޝްތިހާރުގެ ސްކްރިޕްޓާއި ފޮޓޯ އާއި ވީޑިއޯ އާއި އޯޑިއޯ ހުށަހަޅަންވާނެ ކަމަށާއި ހުއްދަ އާ ކުރަން ހުށަހަޅަންވާނީ އިސްތިހާރުގެ މުއްދަތު ހަމަވުމުގެ 30 ދުވަހުގެ ކުރިން ކަމަށެވެ.
"ކާބޯތަކެތި އިޝްތިހާރުކުރުމާބެހޭ ގަވާއިދު" ގައި ވަނީ އިޝްތިހާރުކުރުމާބެހޭ އާންމު ޝަރުތުތައް ވެސް ބަޔާންކޮށްފައެވެ.
- އިޝްތިހާރުތަކުގައި ބޭނުންކުރާ އިބާރާތްތައް ހުންނަންވާނީ ދިވެހިބަހުން ނުވަތަ އިނގިރޭސިބަހުން
- އިޝްތިހާރުގައި ބޭނުންކުރާ އިބާރާތްތައް ހުންނަންވާނީ، އަދަބާ ހިލާފުނުވާ ގޮތަށާއި އާންމު އިޖުތިމާއީ މިންގަނޑުތަކާ ހިލާފުނުވާ ގޮތަށް
- ބުއިމަށް ބޭނުންކުރާ ކިރުގެ އިޝްތިހާރެއް ކުރާއިރު، އިޝްތިހާރުގައި (ކަރުދާސް، އޯޑިއޯ، ވީޑިއޯ އަދި މި ނޫން ވެސް ޑިޖިޓަލް މީޑިއާގައި ޝާއިއުކުރާ އިޝްތިހާރުތައް ހިމެނޭގޮތަށް) އިސްތިހާރުގައި "ޅަފަތުގެ ކުދިންނަށް އުމުރުން 6 މަސްދުވަސް ވަންދެން އެންމެ ރަނގަޅީ ހަމައެކަނި މައިމީހާގެ ގާތުންދޭ ކިރު، “For infants, the best nutrition up to six months of age is exclusively mother's breast milk" އެ އިސްތިހާރެއް ފެށުނީއްސުރެ ނިމެންދެން ފެންނަން ހުންނަންޖެހޭނެ
- ކާބޯތަކެއްޗާ ބެހޭގޮތުން ބިލްބޯޑާއި ޕޯސްޓަރު ފަދަ ތަކެތީގެ ޒަރިއާއިން ކުރާ އިޝްތިހާރުތަކުގައި "ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ކަސްރަތުކުރުމާއި މިންހެޔޮކޮށް ކެއުމާއި ލޮނާއި ހަކުރާއި ސަރުބީ މަދުކޮށް، މޭވާ އާއި ތަރުކާރީ ބޭނުންކުރުން އިތުރުކުރުމަށް އާދަކުރޭ" މި އިބާރާތް، އެ އިޝްތިހާރެއްގެ އާންމު ލިޔުންތައް ހުންނަވަރަށްވުރެ ބޮޑުކޮށް، ފަސޭހައިން ކިޔަން އެނގޭނޭ ގޮތަށް ލިޔެފައި ހުރުން
- ތިން އަހަރުންމަތީގެ ކުޑަކުދިންނާއި މީހުން ބޭނުންކުރުމަށް ތައްޔާރުކޮށްފައި ހުންނަ ކިރުގެ އިޝްތިހާރު ކުރާ އިރު، އެ އިޝްތިހާރުގައި އެކަން އެނގޭގޮތަށް އިބާރާތެއް ފެންނަން ހުރުން
- އެމްއެފްޑީއޭ ނުވަތަ ސިއްހަތާ ގުޅުން ހުރި ބައިނަލްއަގުވާމީ ޖަމިއްޔާއަކުން ނުވަތަ އިދާރާއަކުން އާންމުކޮށް ބޭނުންކުރުމަށް އެދެވިގެންވާ އެއްޗެއް ނޫން ކަމަށް ކަނޑައަޅައިފައިވާ އެނާޖީ ޑްރިންކްސް އާއި ސޮފްޓް ޑްރިންކްސް ނުވަތަ ކާބޮނޭޓެޑް ޑްރިންކްސް އާއި ފުޑް ސަޕްލިމެންޓްސް އާއި އެ ނޫން ވެސް ކާބޯތަކެތީގެ އިޝްތިހާރު ކުރެވޭނީ ހަމައެކަނި އޯޑިއޯ އާއި ވީޑިއޯ އިޝްތިހާރުތަކުން
- އެނާޖީ ޑްރިންކްސް ނުވަތަ އެފަދަ އެއްޗެއްގެ އިޝްތިހާރުގައި "ކުޑަކުދިންނާއި މާބަނޑު އަންހެނުންނާއި ގާތުން ކިރުދޭ މައިން، މި އުފެއްދުން ބޭނުންކުރުމަކީ ސިއްހަތަށް ގެއްލުން ލިބިދާނެކަމެއް"، އެ އިޝްތިހާރެއްގެ އާންމު ލިޔުންތައް ހުންނަވަރަށް ވުރެ ބޮޑުކޮށް، ފަސޭހައިން ކިޔަން އެނގޭގޮތަށް އިޝްތިހާރު ފެށުނީއްސުރެ ނިމެންދެން ލިޔެފައި ހުރުން
- ކާބޯތަކެތީގެ އެއްވެސް ބާވަތެއްގެ އެއްޗަކުން ސިއްހަތަށް ވަކި ފައިދާއެއް ކުރާނެ ކަމަށް ނުވަތަ އެކިއެކި ބަލިބަލީގެ ފަރުވާއަށް ރަނގަޅުވާނެ ކަމަށް ދޭހަވާގޮތަށް އިޝްތިހާރުކުރުމަކީ މަނާކަމެއް. ނަމަވެސް ވަކި ނިއުޓްރިއެންޓެއްގެ ގޮތުން ހަށިގަނޑަށް ފައިދާ ހުރި ބައިތައް އެކުލެވޭ ކާނާއަކުން ސިއްހަތަށް ފައިދާކުރާނެ ވާހަކަ ޖުމުލަ ގޮތެއްގައި ބަޔާންކުރުމަކީ އެކަން އެގޮތަށް ސާބިތުކޮށްދެވޭ ނަމަ، ހުއްދަ ކަމެއް
- ކާބޯތަކެތީގެ ބާވަތެއްގައި ވަކި މާއްދާއެއް ނުވަތަ ވަކި ޚާއްސަކަމެއް އެކުލެވިގެންވާ ކަމަށް އިޝްތިހާރުގައި ބަޔާންކޮށްފައިވާ ނަމަ، އެކަން ސާބިތުކޮށްދޭން ޖެހޭނެ. އަދި އިޝްތިހާރުކުރާ އުފެއްދުމަކީ ވަކި ބައްޔެއްގެ މީހުން ބޭނުންކުރުން ރަނގަޅު ނޫން އެއްޗެއް ނަމަ، އެކަން އެނގޭނޭ ފަދަ އިބާރާތެއް ނުވަތަ މައުލޫމާތެއް ހިމަނަން ޖެހޭނެ
ގަވާއިދުގައިވަނީ އިޝްތިހާރުކުރުމުގައި ކޮށްގެން ނުވާނެ ކަންތައްތަކާއި އިޝްތިހާރުކުރުމުގައި މަނާ ކަންތައްތައް ވެސް ބަޔާންކޮށްފައެވެ.
ގަވާއިދާ ހިލާފަށް ކާބޯތަކެތި އިޝްތިހާރުކުރާ ނަމަ ޖޫރިމަނާގެ ކުރާގެ ގޮތުގެ ތަފުސީލު ވެސް ބަޔާންކޮށްފައިވެއެވެ. އެގޮތުން ފުރަތަމަ ފަހަރަށް ގަވާއިދާހިލާފުވެއްޖެ ނަމަ 10،000 ރުފިޔާ، ދެވަނަ ފަހަރަށް ގަވާއިދާހިލާފުވެއްޖެ ނަމަ 100،000 ރުފިޔާ އަދި ތިންވަނަ ފަހަރަށް ގަވާއިދާ ހިލާފުވެއްޖެ ނަމަ 300،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ ކަމަށް ގަވާއިދުގައި ވަނީ ބަޔާންކޮށްފައެވެ.
ތިންވަނަ ފަހަރަށް ވުރެ އިތުރަށް ކުށް ތަކުރާރު ކުރާ ކޮންމެ ފަހަރަކު 500،000 ރުފިޔާއިން ޖޫރިމަނާ ކުރާނެ ކަމަށް ގަވާއިދުގައި ވަނީ ބަޔާންކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު