ބޮޑީބޯޑިންގެ އާ ޖީލެއް އުފެއްދުމަށް މޯލްޑިވްސް ބޮޑީބޯޑިން އެސޯސިއޭޝަން (އެމްބީބީއޭ) އިން ކުރިއަށްގެންދާ 'ހުދު ފޮނު' ގައުމީ ބޮޑީބޯޑިން ޕްރޮގްރާމް ފުރަތަމަ ފަހަރަށް އަތޮޅު ތެރޭގެ ރަށެއްގައި ބާއްވަން ތައްޔާރުވެއްޖެއެވެ.
މިއަހަރުގެ ފުރަތަމަ ބޮޑީބޯޑިން ކްލަނިކް ބާއްވަން އެމްބީބީއޭއިން ނިންމާފައި ވަނީ ށ. ކަނޑިތީމުގައެވެ. މިފަހަރުގެ ހުދު ފޮނު ޕްރޮގްރާމް ކަނޑިތީމުގައި އޮންނާނީ މިއަދުން ފެށިގެން ހޮނިހިރު ދުވަހުގެ ނިޔަލަށެވެ. ކްލިނިކް ކުރިއަށްދާނީ ބޮލިކައްޓަފުޅި ސަރަހައްދުގައެވެ.
ހުދު ފޮނު ޕްރޮގްރާމަކީ ސާފިންނާއި ބޮޑީބޯޑިންގެ ގްރާސް ރޫޓް ޕްރޮގްރާމެކެވެ. އެ ޕްރޮގްރާމުގައި ސާފިންގެ އެކިއެކި ދާއިރާތަކުގެ ވަޒީފާގެ ފުރުސަތުތަކުގެ މައުލޫމާތާއި ބޮޑީބޯޑިންގެ ބޭސިކް ތަމްރީނުތަކުގެ އިތުރުން ތަޖުރިބާކާރު ކޯޗުންގެ އިރުޝާދު އަދި ކަނޑުފަޅުގެ މައުލޫމާތު ބައިވެރިންނަށް ފޯރުކޮށްދޭނެއެވެ.
"ހުދު ފޮނު ކަނޑިތީމުގައި ބޭއްވުން ވެގެންދާނީ ޒުވާން އެތުލީޓުންނަށް ރަނގަޅު ފުރުސަތަކަށް. އަޅުގަނޑުމެންގެ ހަމައެކަނި ބޭނުމަކީ ބޮޑީބޯޑިން ކުރިއެރުވުމެއް ނޫން، އެއާއެކު ހަމަ ކުޅިވަރާއި ހަށިހެޔޮކަމުގެ ރަނގަޅު އާދަތައް އަށަގަންނަވަން މަސައްކަތްކޮށް، ދާއިރާއިން ހުރި އިތުރު ފުރުސަތުތައް ޕްރޮމޯޓްކުރުންވެސް ހިމެނޭނެ،" އެމްބީބީއޭގެ ރައީސް ހުސައިން ނިޒާމް (ނިޒޯ) ވިދާޅުވިއެވެ.
ކަނޑިތީމުގެ އިވެންޓް ކުރިއަށް ގެންދާނީ އެ ރަށުގެ ކައުންސިލާއި ޒުވާނުން އިސްނަގައިގެން ހިންގަމުންދާ ސާފް ކޮމިއުނިޓީއެއް ކަމަށްވާ ސާފް ކަނޑިތީމާވެސް ގުޅިގެންނެވެ.
ސާފް ކަނޑިތީމުގެ ފަރާތުން އިވެންޓް ކޯޑިނޭޓަރު ޔާނިއު ރައޫފް ވިދާޅުވީ މިދިޔަ އަހަރު 'އާޖީލަކަށް ރާޅު' ޕްރޮގްރާމާއެކު ސާފިން ސެޝަންތަކެއް ބޭއްވި ކަމަށާއި، ބޮޑީބޯޑިންގެ އިވެންޓް ބާއްވަން ނިންމާފައި ވަނީ އެކަމަށް ގިނަ ބަޔަކު އެދުމުން ކަމަށެވެ. އަދި އެމްބީބީއޭގެ އިސްނެގުމާއެކު ރަށަށް 'ހުދު ފޮނު' ކަހަލަ އިވެންޓެއް ގެންގޮސް ދިނުމަކީ ސާފް ކޮމިއުނިޓީއަށް ލިބުނު އުފަލެއް ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
ގައުމީ ބޮޑީބޯޑިން ޑެވަލޮޕްމަންޓް ޕްރޮގްރާމް 'ހުދު ފޮނު' އަކީ 2023 ވަނަ އަހަރުން ފެށިގެން އެމްބީބީއޭއިން މާލެ ސަރަހައްދުގައި ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. މިއީ މާލެއިން ބޭރުގައި އެ ޕްރޮގްރާމްގެ ހަރަކާތްތައް ކުރިއަށް ގެންދާ ފުރަތަމަ ފަހަރެވެ.
މޯލްޑިވްސް ބޮޑީބޯޑިން އެސޯސިއޭޝަން (އެމްބީބީއޭ)
މޯލްޑިވްސް ބޮޑީބޯޑިން އެސޯސިއޭޝަން (އެމްބީބީއޭ)
މޯލްޑިވްސް ބޮޑީބޯޑިން އެސޯސިއޭޝަން (އެމްބީބީއޭ)
މޯލްޑިވްސް ބޮޑީބޯޑިން އެސޯސިއޭޝަން (އެމްބީބީއޭ)