ރައްޔިތުންގެ މަޖިލީހުން ގާނޫނު އަސާސީ އިސްލާހުކުރުމަށް ބަޔާންކޮށްފައިވާ އިޖުރާއަތުގެ ތެރެއިން ގާނޫނުއަސާސީއަށް ގެންނަ އިސްލާހެއްގެ މައްސަލަ ބެލުމުގެ އިހުތިސޯސް ސުޕްރީމް ކޯޓަށް ލިބިގެންވާ ކަމަށް ކަނޑައަޅައި، އެ ކުރިއަށް ގެންދިއުމަށް ސުޕްރީމް ކޯޓުން މިއަދު ނިންމުމާ ގުޅިގެން ކެބިނެޓް ބައްދަލުވުމެއް ބޭއްވި ވާހަކަ ރައީސް އޮފީހުން ދޮގުކޮށްފިއެވެ.
އޮންލައިން ނޫހެއް ކަމަށްވާ 'އަދަދު' ނޫހުން މިއަދު "ސުޕްރީމް ކޯޓުގެ ނިންމުމަށް ފަހު ކުއްލި ކެބިނެޓް ބައްދަލުވުމެއް ބާއްވައިފި" ސުރުހީގެ ދަށުން ޝާއިއުކުރި ހަބަރެއްގައި ބުނީ އެ ކެބިނެޓް ބައްދަލުވުމަށް ވަގުތު ދިނުމުގެ ގޮތުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މިއަދު މެންދުރު ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއެކު ބާއްވަން ތާވަލުކޮށްފައި އޮތް ފަރިއްކޮޅު ކެންސަލް ކުރައްވައިފައި ކަމަށެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު "އެކްސް"ގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އަދަދު ނޫހުގެ އެ ހަބަރަކީ ދޮގު ހަބަރެއް ކަމަށެވެ.
"ސުޕްރީމް ކޯޓުގެ ނިންމުމަށްފަހު ކުއްލި ކެބިނެޓް ބައްދަލުވުމެއް، މި ސުރުހީގެ ދަށުން އަދަދު ނޫހުން ގެނެސްދީފައިވާ ހަބަރަކީ ކަނޑައެޅިގެން ދޮގެއް،" ހީނާ ވިދާޅުވިއެވެ.
ހީނާ ވިދާޅުވީ އެއްވެސް ސައްހަކަމެއް ނެތި އެފަދަ ދޮގު މައުލޫމާތެއް ރައްޔިތުންނަށް އޮޅޭގޮތަށް ގެނެސްދިނުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.
"މިކަމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މި މައްސަލަ މީޑިއާ ކައުންސިލަށް ހުށަހަޅާނެ ވާހަކަ ދަންނަވަން،" ހީނާ ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުން ގާނޫނުއަސާސީއަށް ގެނައި އެ އިސްލާހަކީ ގާނޫނުއަސާސީއާ ހިލާފު އިސްލާހެއް ކަމަށްބުނެ އެ އިސްލާހު ބާތިލުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަދި ގާނޫނީ ވަކީލު އަލީ ހުސައިން ސުޕްރީމް ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލައެކެވެ. 24 ނޮވެމްބަރު 2024 ގައި ހުށަހެޅި އެ މައްސަލަ ސުޕްރީމް ކޯޓުން ބަލައިގަތީ އެ މަހުގެ 27 ގައެވެ.
އެ މައްސަލައިގައި ދައުލަތުން ނެގި ސްޓޭންޑުގައި ބަޔާންކޮށްފައިވަނީ އެ މައްސަލަ ބެލުމުގެ އިހުތިސޯސް ސުޕްރީމް ކޯޓަށް ލިބިގެންނުވާ ކަމަށެވެ. ނަމަވެސް ސުޕްރީމް ކޯޓުން ނިންމާފައިވަނީ އެ މައްސަލަ ބެލުމުގެ އިހުތިސޯސް އެ ކޯޓަށް ލިބިގެންވާ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު