މި އަހަރުގެ ރޯދަ މަހާއި ޝައްވާލު މަހުގެ ފުރަތަމަ ހަތް ދުވަހުގެ ރަސްމީ މަސައްކަތު ގަޑި ސަރުކާރުން ކަނޑައަޅައިފިއެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި މި އަހަރުގެ ރޯދަ މަހުގެ ރަސްމީ މަސައްކަތު ގަޑިއާއި ޝައްވާލް މަހުގެ ފުރަތަމަ ހަތް ދުވަހުގެ ރަސްމީ މަސައްކަތު ގަޑިއަކީވެސް ހެނދުނު 9:00 އިން މެންދުރުފަހު 1:00 އެވެ. އެއީ ރައީސް އޮފީހުން 6 މާރިޗު 2022 ގައި ނެރުއްވި ދެންނެވުމުގެ ދަށުން ކަނޑައަޅާފައިވާ ގޮތް ކަމަށްވެސް ބުންޏެވެ.

ރޯދަ މަސް ނޫން އެހެން ދުވަސްތަކުގައި ސަރުކާރު މުވައްޒަފުން މަސައްކަތް ކުރަން ޖެހެނީ ހެނދުނު 8:00 އިން މެންދުރުފަހު 2:00 އަށެވެ.

ސަރުކާރު މުވައްޒަފުން ރޯދަ މަހާއި ޝައްވާލު މަހުގެ ފުރަތަމަ ހަތް ދުވަހު ހަތަރު ގަޑިއިރު މަސައްކަތް ކުރަން ޖެހޭއިރު، ރޯދަ މަހުގެ ފަހު ދިހައެއް ސަރުކާރު ބަންދުކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައި، މިދިޔަ އަހަރުން ފެށިގެން އެކަން ވަނީ ތަންފީޒުކުރަން ފައްޓަވައިފައެވެ.