ހައްޖުގެ އަޅުކަމަށް ފުރާ 500 ހައްޖުވެރިން ގައުމީ އެއާލައިން، މޯލްޑިވިއަނުން ދަތުރުތައް ކުރާގޮތަށް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

އިސްލާމީ މަރުކަޒު ހޯލުގައި އަކަމަށްޓަކައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ހައްޖު ކޯޕްރޭޝަންގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަކީލެވެ. އަދި މޯލްޑިވިއަންގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް އިޔާޒެވެ.

އެ އެއްބަސްވުމަށްފަހު ވާހަކަދައްކަވަމުން ހައްޖު ކޯޕްރޭޝަންގެ މެނޭޖިން ޑިރެކްޓަރު ޝަކީލް ވިދާޅުވީ ރާއްޖެއިން މިއަހަރަށް ހައްޖަށް ފުރާ ހައްޖުވެރިންގެ ތެރެއިން 50 އިންސައްތަ ހައްޖުވެރިން ދަތުރުކުރާނީ މޯލްޑިވިންގެ ފުލައިޓުގައި ކަމަށެވެ.

"މިއަހަރު ހައްޖަށްދާ މީހުންގެ ތެރެއިން 500 މީހުން ދަތުރުކުރުމަށް ހަމަޖެހިފައިވަނީ މޯލްޑިވިއަންގެ ފްލައިޓުން. ސޮއިކުރި އެއްބަސްވުމުގެ ދަށުން މިއަހަރު ރާއްޖެއިން ހައްޖަށް ދަތުރުކުރާ ހާޖީންގެ 50 އިންސައްތަ ހާޖީން އުފުލާނީ މޯލްޑިވިއަން ފުލައިޓުގައި،" ޝަކީލު ވިދާޅުވިއެވެ.

އެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަަދައްކަވަމުން އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ މިއަދަކީ ތާރީހީ ދުވަހެއް ކަމަށެވެ. ސައުދީ ސަރުކާރުގެ ފަރާތުން ކޮންމެ ގައުމެއްގައިވެސް އެ ގައުމެއްގެ، ގައުމީ އެއާލައިނުން 50 ޕަސަންޓު ހައްޖުވެރިން ހައްޖުގެ އަޅުކަން އަދާކުރުމަށް ސައުދީއަށް ދަތުރުކުރަން ހުއްދަދީފައި އޮތް ނަމަވެސް، ރާއްޖޭގައި އެކަން މީގެ ކުރިން ހަމަޖެހިފައި ނެތް ކަމަށް ވިދާޅުވިއެވެ.

"ރާއްޖޭގައި އެ ފަރާތްތައް ނެތީމަ ބޭރުގެ އެއާލައިނުތައް ޗާޓަރުކޮށްގެން ދަތުރުތައް ކުރަމުން އައި. އަމާޒަކީ މުސްތަގުބަލުގައި 100 ޕަސެންޓު ހައްޖުވެރިން ރާއްޖޭގެ ގައުމީ އެއާލައިނުގައި އުފުލުން،" ޝަހީމް ވިދާޅުވިއެވެ.

ޝަކީލު ވިދާޅުވީ މޯލްޑިވިއަނުން ހައްޖުގެ ދަތުރުތައް ފެށުމުން 50 ޕަސެންޓު ހައްޖުވެރިން ސައުދީއަށް ގެންދަން ކުރާ ޓްރާންސްޕޯޓު ހަރަދަށް ބެލި ނަމަވެސް، 3.6 މިލިއަން ހަރަދު ކުޑަ ކަމަށެވެ.

"މޯލްޑިވިއަނުން ހައްޖުގެ ދަތުރުތައް ފެށުމުން، ހަރަދު 3.6 މިލިއަން ހަރަދު ކުޑަވެގެން އެބަދޭ ޓްރާސްޕޯޓަށް މިކުރާ ހަރަދުތަކަށް ބަލާއިރު. އުންމީދަކީ ކުރިއަށްއޮތް ތަނުގައި ހުރިހާ ހައްޖުވެރިން ވެސް މޯލްޑިވިއަންގެ ފުލައިޓުގައި ސައުދީއަށް ގެންދިއުން،" ޝަކީލު ވިދާޅުވިއެވެ.

މީގެ އިތުރުން އުމްރާ ދަތުރުތައްވެސް މޯލްޑިވިއަންގައި ކުރުމަށް އެ އެއާލައިނުގެ އިސްވެރިންނާ މަޝްވަރާކުރަމުންގެންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މޯލްޑިވިއަންގެ މެނޭޖިން ޑިރެކްޓަރު އިޔާޒް ވިދާޅުވީ އެކަން ހަމަޖެހުމުގެ ފަހަތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިސްނެންގެވުން ބޮޑު ކަަމަށެވެ. އަދި އެ ހިދުމަތް ފޯރުކޮށްދިނުމަށް މަސައްކަތްކުރެއްވި އެންމެހާ ފަރާތްތަކަށް ޝުކުރު އަދާކުރެއްވިއެވެ.