އިޓަލީ ލީގުގައި ރޭ ޔުވެންޓަސްއާ ދެކޮޅަށް ކުޅުނު މެޗުން ބަލިވެ، އިންޓަ މިލާނަށް އެއްވަނައަށް ޖެހިލަން ލިބުނު ފުރުސަތު ގެއްލިއްޖެއެވެ.
ޔުވެންޓަސްގެ އެލިއާންޒް އެރީނާގައި ރޭ ކުޅުނު ލީގު މެޗުގައި އިންޓަ ކައިރިން ޔުވެންޓަސް މޮޅުވީ 1-0 ގެ ނަތީޖާއަކުންނެވެ.
އިޓަލީ ލީގު ތާވަލުގެ ދެވަނައިގައި މިވަގުތު އޮތް އިންޓަ މިލާނަށް 25 މެޗުން 54 ޕޮއިންޓް ލިބިފައިވާ އިރު، އެއްވަނައިގައި ނަޕޯލީ އޮތީ 25 މެޗުން 56 ޕޮއިންޓާއެކުގައެވެ. ލީގު ތިންވަނައިގައި މިވަގުތު އޮތް އެޓަލާންޓާއަށް ވެސް ލީގު ރޭހުގެ އުންމީދު އޮތް އިރު، އެ ޓީމަށް 25 މެޗުން ލިބިފައި ވަނީ 51 ޕޮއިންޓެވެ. މިވަގުތު ޔުވެންޓަސް އޮތީ 25 މެޗުން 46 ޕޮއިންޓާއެކު ހަތަރު ވަނައިގައެވެ.
މި ހަފުތާގައި ނަޕޯލީން ކުޅުނު މެޗުގައި ލާޒިއޯއާ 2-2 އިން އެއްވަރުވުމުން ރޭ އިންޓައަށް އެއްވަނައިގައި ފުރުސަތު އޮތެވެ.
އެ އުންމީދުގައި މެޗަށް ނުކުމެ ދާދި ހަމަހަމަކޮށް ފެނިގެން ގޮސްފައިވާ އިރު، އިންޓައިން ގޯލަކާ އެންމެ ގާތަށް ޖެހިލީ މާކަސް ތުރާމެވެ. އޭނާ ފޮނުވާލި ބޯޅަ ދަނޑިއަށް އަމާޒުވީ ޔުވެންޓަސް ކީޕަރު މިޝޭލް ޑި ގްރެގޯރިއޯ އަތުގައި ޖެހިފައެވެ.
އަނެއްކޮޅުން ޔުވެންޓަސްގެ ނުރައްކާ ފަހުކޮޅުގައި ބޮޑުކޮށްފައިވެއެވެ. ޓެއުން ކޫޕްމައިނާސްގެ ހަމަލާއެއް ޑެންޒެލް ޑަމްފްރީސް ރޮނގުމަތިން ސަލާމަތް ކުރި އިރު، ޔުވެންޓަސްގެ ގޯލު 74 ވަނަ މިނެޓުގައި ޖެހީ ފްރަންސިސްކޯ ކޮންސެކާއޯއެވެ.
އިޓާލިއަން ސެރީއާ
އިޓާލިއަން ސެރީއާ
އިޓާލިއަން ސެރީއާ
އިޓާލިއަން ސެރީއާ