މ. ގޯލްޑަން މޫން/ އަހުމަދު ނާޝިދުގެ ބަދަލުގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ނައިބު ރައީސްކަމުގެ މަގާމަށް އައްޔަން ކުރަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި، ރ. އަލިފުށި، ފަސާނާ، އަބުދުﷲ ނާޝިދަށް ރުހުންދޭން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

އަހުމަދު ނާޝިދާއި އަބްދުﷲ ނާޝިދަކީ ވެސް، ޖިލީހުން ރުހުން ދީގެން މިދިޔަ ޖެނުއަރީ މަހުގެ 26 ވަނަ ދުވަހު އޭސީސީގެ މެންބަރުކަމަށް ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރެއްވި ދެ ބޭފުޅުންނެވެ.

އޭސީސީގެ ނައިބު ރައީސަކަށް އަހްމަދު ނާޝިދު އައްޔަން ކުރެއްވުމަށް ރައީސް މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވީ މިމަހުގެ 10 ވަނަ ދުވަހުއެވެ. ނަމަވެސް ޖެހިގެން އައި ދުވަހު މިމަހުގެ 11 ވަނަ ދުވަހު، އަހުމަދު ނާޝިދުގެ ބަދަލުގައި އަބްދުﷲ ނާޝިދު އޭސީސީގެ ނައިބު ރައީސް ކަމަށް އައްޔަން ކުރެއްވުމަށް އެދިވަޑައިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބުދުﷲ އަށް ސިޓީއެއް ފޮނުއްވިއެވެ.

އެ ސިޓީފުޅުގައި ވަނީ އަހުމަދު ނާޝިދުގެ ބަދަލުގައި އަބުދުﷲ ނާޝިދު އޭސީސީގެ ނައިބު ރައީސް ކަމަށް އައްޔަން ކުރަން މަޖިލީހުގެ ރުހުން ދެއްވުމަށް އެދިވަޑައިގެންފައެވެ.

ނަމަވެސް އެ ބަދަލު ގެންނެވި ސަބަބެއް ރައީސް ވިދާޅުވެފައެއް ނުވެއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ނާޝިދަށް ރުހުންދޭން މަޖިލީހުން ފާސްކުރީ، މިއަދުގެ ޖަލްސާގައި ތިއްބެވި 81 މެންބަރުންގެ ތެރެއިން 69 މެންބަރުންގެ ވޯޓުންނެވެ.