މަނާ ބޭހުގެ މައްސަލައިގައި ވޯލްޑް އެންޓި-ޑޯޕިން އެޖެންސީ (ވާޑާ) އާއެކު ވި އެއްބަސްވުމަކާއެކު ދުނިޔޭގެ އެއް ނަމްބަރު ޓެނިސް ކުޅުންތެރިޔާ ޖެނިކް ސިނާއަށް ތިން މަސް ދުވަހުގެ ސަސްޕެންޑް ކޮށްފިއެވެ.
އުމުރުން 23 އަހަރުގެ އިޓަލީ ތަރި ސިނާ، މިދިޔަ މަހު އޮސްޓްރޭލިއަން އޯޕަންވެސް ކާމިޔާބު ކޮށްފައިވާ އިރު، އޭނާ ސަސްޕެންޑް ވެފައި ވަނީ ފެބްރުއަރީ ނުވަޔަކުން މޭ މަހުގެ ހަތަރުވަނަ ދުވަހަށެވެ. ސިނާގެ ސަސްޕެންޝަނުގެ މައްސަލަ އަވަސްކުރީ ސިނާ އެކަމަށް އެއްބަސްވެ، ވީ އެންމެ އަވަހަކަށް މައްސަލަ ނިންމަން ކުރި މަސައްކަތުގެ ތެރެއިންނެވެ.
މިދިޔަ އަހަރު ތެރޭގައި ސިނާގެ ދެ ޓެސްޓެއްވެސް މަނާ ބޭހެއް ކަމަށްވާ ކްލޮސްޓެބޯލްއަށް ޕޮސިޓިވްވެފައިވާ އިރު، އޭނާގެ މައްސަލަ ބެލި އިންޓަނޭޝަނަލް ޓެނިސް އިންޓަގްރިޓީ އެޖެންސީ (އައިޓީއައިއޭ) އިން ނިންމީ ސިނާ ސަސްޕެންޑް ނުކުރުމަށެވެ.
އެއީ ސިނާ އެ ބޭސް ބޭނުންކުރީ އޭނާއަށް ނޭނގި ކަމަށްވެފައި، ބޭހުގެ ބޭނުންކޮށްގެން ސިނާ އޮޅުވާލައި، އޭނާގެ ކުޅުން ރަނގަޅު ކުރަން މަސައްކަތް ކޮށްފައި ނުވާ ކަމަށް ބުނެއެވެ. އަދި މަނާ ބޭހެއްގެ ސަބަބުން ސިނާއަށް ކުޅުމުގައި ފައިދާތަކެއް ނުހޯދޭ ކަމަށްވެސް މައްސަލަ ބެލި މިނިވަން ކޮމިޝަން ކަމަށްވާ އައިޓީއައިއޭ އިން ނިންމާފައިވެއެވެ.
އެ މައްސަލަ އައިޓީއައިއޭއިން ބެލި ގޮތުން، ވާޑާއިން ވަނީ ކޯޓް އޮފް އާބިޓްރޭޝަން ފޯ ސްޕޯޓްސްއަށް އަލުން މައްސަލަ ވައްދާފައެވެ.
ވާޑާއިންވެސް ބުނީ ސިނާގެ މަގުސަދަކީ މަނާ ބޭހެއް ބޭނުންކޮށްގެން ކުޅުން ރަނގަޅުކުރުން ނޫން ކަމަށް ގަބޫލުކުރާ ނަމަވެސް، އެކަމުގައި ސިނާއަށް ފިޔަވަޅު އަޅަން ޖެހޭ ކަމަށެވެ. އެއީ އެތުލީޓުން މަނާ ބޭހުގެ ބާވަތްތަކަށް އަހުލުވެރިކުރުވުމަށް ކަމަށްވެސް ވާޑާ އިން ބުންޏެވެ.
ވާޑާއިން މައްސަލަ ހުށަހެޅިތާވެސް އަހަރެއް ވާން ގާތްވެފައިވުމާއެކު ފިޔަވަޅު އަވަހަށް އަޅަން އެދުނީ ސިނާގެ ފަރާތުންނެވެ. ސިނާގެ ފަރާތުން އެދުނީ މައްސަލަ އަވަހަށް ނިންމަން، އެއްބަސްވުމަކަށް ދާން ބޭނުންވާ ކަމަށެވެ. އެއާއެކު ކުށް ގަބޫލުކޮށް، ސިނާ ނިންމީ ތިން މަހުގެ ސަސްޕެންޝަނެއް ނިންމުމަށެވެ.
ސަސްޕެންޝަނުގެ ސަބަބުން ސިނާއަށް އެއްވަނަ ގެއްލޭނެކަން ޔަގީނެއް ނޫނެވެ. އޭނާއަށް ބައެއް ރޭންކިން މުބާރާތްތައް ގެއްލުނު ނަމަވެސް، ސިނާއަށް އެއްވަނަ ގެއްލޭނީ ކައިރިން ވާދަކުރާ ކުޅުންތެރިން ފުލުފުލުގައި ކާމިޔާބީތަކެއް ހޯދައިގެންނެވެ.
ޓެނިސް
ޓެނިސް
ޓެނިސް
ޓެނިސް