މީގެ މަދު އަހަރުތަކެއް ކުރީން ރާއްޖޭގައި ހުރީ އެއް އަތުގެ އިނގިލިތަކުން ގުނައިލެވޭހާ މަދު އަދަދެއްގެ ޑޮމެސްޓިކް އެއާޕޯޓެވެ. ޑޮމެސްޓިކް އެއާޕޯޓުތައް އިތުރުކުރުމުގެ ކޮންސެޕްޓަކީ، ރާއްޖެ އުފެދިފައިވާ ގޮތާއި ގުޅިފައިވާ މުހިންމު ކަމެކެވެ. ރާއްޖޭގެ ތަރައްގީގެ އެންމެ މުހިންމު ބަޔަކީ ގުޅިލާމެހިފައިވާ ދަތުރުފަތުރުގެ ނިޒާމެކެވެ. ކަނޑާއި ވައިގެ މަގުންނެވެ. އެތެރޭގެ އުދުހުންތައް ފުޅާކުރުމަކީ، އަބަދުވެސް މުހިންމުވެފައި އޮތް ކަމެކެވެ.

އެހެންނަމަވެސް، ދަތުރުފަތުރުގެ ނިޒާމަކީ، އަގުބޮޑު ނިޒާމެއްކަމުން، އެ ނިޒާމު ތަރައްގީ ކުރުމުގެ އެންމެ ރަނގަޅު، ފައިދާ ނެރެވިދާނެ މޮޑެލަކީ ކޮބައިތޯ ބަލައި އަބަދުވެސް ދިރާސާތައް ކުރަމުން އައިސްފައިވެއެވެ. އެކި ދުވަސްވަރު އެކި ގޮތަށެވެ. ޑޮމެސްޓިކް އެއާޕޯޓަކުން ފައިދާ ކުރުމުގެ ވިސްނުމެވެ. ޑޮމެސްޓިކް އެއާޕޯޓު ހިންގާ ފަރާތްތަކަށް ލިބޭނޭ ގެއްލުން ކުޑަކުރެވޭނޭ ގޮތްތަކެވެ. ނުވަތަ އެ ފަދަ ކުންފުނިތަކަށް ލިބޭ ގެއްލުން ފޫބެއްދޭނޭ ގޮތްތަކެވެ.

ޑޮމްސްޓިކް އެއާޕޯޓުތަކަށް ސަޕޯޓް ލިބޭނެ އަދި ރީޖަނަލް އެއާޕޯޓްސް އަށް މާލީ ގޮތުން މަންފާ ކުރުވަނިވި، ރަނގަޅު މޮޑެލެއްގެ ވިސްނުންތަކެއް ރީޖަނަލް އެއާޕޯޓްސް ކުންފުނީގެ މެނޭޖިން ޑައިރެކްޓަރު، އަހުމަދު މުބީން ވަނީ ދާދި ފަހުން ކުރިޔަށް ނެރުއްވައިފައެވެ. އެއީ ގދ. ފަރެސްމާތޮޑާ އެއާޕޯޓާއި ޏ. ފުވައްމުލަކު އެއާޕޯޓުގައި ޓޫރިޒަމް ޒޯނެއް ތަރައްގީކުރުމުގެ ވިސްނުމެވެ.

ފުވައްމުލަކު ސިޓީގައި ޓޫރިޒަމް ޒޯނެއް ތަރައްގީ ކުރުމަށް، އިންވެސްޓަރުން ހޯދުމާ ބެހޭ އެއްބަސްވުމެއްގައި ރީޖަނަލް އެއާޕޯޓް ކޮމްޕެނީ ލިމިޓެޑް (އާރްއޭސީއެލް) އާއި ފުވައްމުލަކު ސިޓީ ކައުންސިލާ ދެމެދު މި އަހަރުގެ މާޗް މަހުގެ ތެރޭގައި އެމްއޯޔޫއެއްގައި ސޮއިކޮށްފައިވެއެވެ.

މި އެމްއޯޔޫގައި ސޮއިކުރެވިފައިވަނީ ފުވައްމުލަކު އެއާޕޯޓާ އިންވެގެން އޮތް ހުސްބިން ކަމުގައިވާ (ބިޅިފޭށި) ގައި ޓުއަރިޒަމް ޒޯނެއް ތަރައްގީކުރުމަށާއި އާރްއޭސީއެލްގެ ފަރާތުން ޓުއަރިޒަމް ޒޯން ތަރައްގީކުރުމަށް ބޭނުންވާ ފައިސާ ނުވަތަ އިންވެސްޓަރުން ހޯދުމަށެވެ. މި ސަރަހައްދު ތަރައްގީ ކުރުމުގައި ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް އަދި ފުވައްމުލަކު ސިޓީ ކައުންސިލްގެ ވިސްނުމާ އެއްގޮތަށް އެތަން ކުރަހާފައިވާ ކަމަށްވެސް ބުނެފައިވެއެވެ. އެ ކުރެހުމުގައިވާ ގޮތުގެމަތީން އެ ސަރަހައްދުގައި 108 ކޮޓަރި ހަދާން ނިންމާފައިވާ ކަމަށްވެސް އާރްއޭސީއެލުން ބުނެފައިވެއެވެ.

މި މަޝްރޫއުގެ ސަބަބުން ފުވައްމަލަކު އެއާޕޯޓަށް ބާއްވާ ފުލައިޓުތަކުގެ އަދަދު އިތުރުވެ، ފުވައްމުލަކަށް އިގުތިސޯދީ ކުރިއެރުން ލިބި، ވަޒީފާގެ ފުރުސަތުތައް ވެސް އިތުރުވެގެންދާނެ ކަމަށްވެސް ރީޖަނަލް އެއާޕޯޓުން ބުނެފައިވެއެވެ.

ހަމަ މި ގޮތަށް، ފަރެސްމާތޮޑާ އެއާޕޯޓްގައި ޓޫރިޒަމް ޒޯނެއް ތަރައްގީކުރުމަށް ވެސް ރީޖަނަލް އެއާޕޯޓުން ވަނީ އެމްއޯޔޫއެއްގައި ސޮއިކޮށްފައެވެ. އެއީ ރީޖަނަލް އެއާޕޯޓްސް ކޮމްޕަނީ ލިމިޓެޑް (އާރްއޭސީއެލް) އާއި ސިލްވާ ލޭންޑް ހޮޓެލްސްއާ ދެމެދު ސޮއިކުރި އެއްބަސްވުމެކެވެ. މި އެއްބަސްވުމުގައި ސޮއި ކުރީ މިދިޔަ މެއި މަހުގެ ތެރޭގައެވެ.

އާރްއޭސީއެލުން ބުނެފައިވާ ގޮތުގައި، އެ އެމްއޯޔޫގެ ދަށުން ފަރެސްމާތޮޑާ އެއާޕޯޓާ އިންވެގެން އޮތް ހުސްބިމުގައި 100 ޓުއަރިސްޓް ކޮޓަރީގެ ސިޓީ ހޮޓަލެއް ހަދާނެ އެވެ. އަދި އެ ސިޓީ ހޮޓަލުގެ ސަބަބުން އެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް 200 އަށްވުރެ ގިނަ ވަޒީފާގެ ފުރުސަތު ހުޅުވިގެންދާނެ އެވެ. އެއީ ޖުމުލަ 20 މިލިއަން ޑޮލަރުގެ މަޝްރޫއެއް ކަމަށް ސިލްވާ ލޭންޑް ހޮޓަލްސްއިން މައުލޫމާތު ދީފައިވާ ކަމަށްވެސް އާރްއޭސީއެލުން ބުނެފައިވެއެވެ.

އާރްއޭސީއެލްގެ އެމްޑީ، އަހުމަދު މުބީން ވިދާޅުވީ އެއާޕޯޓްތަކުގައި ހުރި މިފަދަ ހުސްބިންތަކުގައި ސިޓީހޮޓާތައް ހަދައި ރައްޔަތުންނަށް އިގުތިސޯދީ އިތުރު ފުރުސަތުތައް ހޯދައިދިނުމަކީ އާރްއޭސީއެލްގެ އަމާޒެކެވެ. އެހެންކަމުން އެއާޕޯޓްތަކުގައި ހުރި ހުސްބިންތަކުގެ ރަޖިސްޓްރީގެ ކަންކަން ފުރިހަމަކުރުމުގެ މަސައްކަތްތައް ކައުންސިލްތަކާއި ސަރުކާރުގެ ކަމާ ގުޅުންހުރި ފަރާތްތަކާ ގުޅިގެން ކުރައްވަމުން ގެންދަވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ސަރަހައްދީ އެއާޕޯޓުތަކުން މާލީ ބޮޑެތި ގެއްލުންތައް ވަމުންދާ ވާހަކައަކީ އަބަދުވެސް އިވޭ ވާހަކަ އެކެވެ. އެހެންކަމުން، އެ ފަދަ އެއާޕޯޓުތައް ހިމެނޭ ސަރަހައްދުގައި އިގްތިސޯދީ އެހެން ކޮންމެވެސް ކަމެއް ކުރުމުގެ ވިސްނުމަކީ ގިނަ ގޮތްގޮތުން ބަލާއިރު ފައިދާ ހުރި ރަނގަޅު ވިސްނުމެއް ކަމަށް ވިޔަފާރީގެ ދާއިރާގެ ބޭފުޅުން ދެކިވަޑައިގަންނަވައެވެ.

"ކޮންމެ ގޮތެއްވިޔަސް މިކަން ކުރެވޭނީ ސަރުކާރުގެ އެހީތެރިކަން އޮވެގެން. މިސާލަކަށް ގެސްޓްހައުސް ވިޔަފާރި ކުރިނާރާ އެތައް އަތޮޅެއް އެބަހުރި. ހަގީގަތުގަ އަދިވެސް ކާމިޔާބުކަމާއެކު މި ހިންގެނީ މާލެ ކައިރި، އެއީ ކުރު ދަތުރަކުން ކަނޑުމަގުން ދެވޭ ހިސާބު. ފުލައިޓުން ދާން ބަލާއިރު އަގުބޮޑުކަމުން އެއީ ކުރެވޭ ވަރުގެ ކަމެއް ނޫން. އެހެން ވަނީ ފުލައިޓު މަދުވީމަ." ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ޓްރަވެލް އެޖެންޓު ވިޔަފާރި ކުރާ މީހަކު ބުންޏެވެ.

އޭނާ ބުނީ، ޑޮމެސްޓިކް އެއާޕޯޓު ތަކުގައި ރަނގަޅު ފެންވަރުގެ ސިޓީ ހޮޓާތަކެއް ތަރައްގީކޮށް، އެތަންތަން ރަނގަޅު ފެންވަރެއްގައި އޮޕަރޭޓް ކުރެވޭނެ ހަރުދަނާ މޮޑެލެއް ސަރުކާރުން ހޯދައިފި ނަމަ، އެއިން ކޮންމެ ތަނަކަށް ދުވާލަކު އެތައް ސަތޭކަ ޓޫރިސްޓުން ދަތުރުކުރާނެ ކަމަށާއި އޭގެ ނަތީޖާއެއްގެ ގޮތުން، ޓިކެޓުގެ އަގު ބޮޑުތަނުން ދަށް ކުރެވޭނެ ކަމަށެވެ. މި ބަދަލާއެކު، ރަށްރަށުގައި ލޯކަލް ޓޫރިޒަމް ތަރައްގީކުރާން ބޭނުންވާ އާންމުންނަށްވެސް ފަހި ފުރުސަތުތަކެއް ހުޅުވިގެން ދާނެ ކަމަށް އޭނާ ބުންޏެވެ. އެއާޕޯޓުތަކަށް ދަތުރުކުރާ ފުލައިޓުތައް ގިނަވުމުން، ދަތުރުކުރާ ދިވެހީންވެސް އެތައް ގުނައެއް އިތުރުވެ، އެއިންވެސް ވިޔަފާރިއާއި އިޖުތިމާއީ އެތައް ފައިދާއެއް ކުރާނެ ކަމަށް އޭނާ ބުންޏެވެ.

ހުވަދު އަތޮޅުގެ ވިޔަފާވެރިވެރިޔަކު ވިދާޅުވީ ރާއްޖޭގެ ހަގީގީ ރީތިކަމުން ޓޫރިސްޓުންނަށް ފެންނަނީ ކުޑަމިންވަރެއް ކަމަށާއި އަސްލު ރީތިކަން ފެންނާނީ ފަސޭހަ ދަތުރުފަތުރުގެ ނެޓްވޯކެއް އޮވެގެން ކަމަށެވެ.

"މިސާލަކަށް އަޅުގަނޑުމެންގެ އަތޮޅު މިއީ ރާއްޖޭގައިވެސް އަދި މުޅި ދުނިޔޭގެވެސް އެންމެ ބޮޑު އަދި އެންމެ ރީތި އަތޮޅޭ ބުނެވިދާނެ. އެކަމަކު މިތަން މިއޮތީ ރާއްޖެއަށް އަންނަ ޓޫރިސްޓުންނަށް ބީރައްޓެހިތަނެއްގެ ގޮތުގަ. އެއީ މިތަނަށް ޚަރަދުކުޑަކޮށް، ފަސޭހައިން އާދެވޭނެ ގޮތެއް ނެތީމަ، ބަޖެޓު ޓޫރިސްޓުން ގެންނަން އަޅުގަނޑުމެން މަސައްކަތްކުރިއިރު، އެމީހުން އަޅުގަނޑުމެންގެ ގެސްޓުހައުސްއެއްގަ ހަފުތާއެއްގަ ތިބުމުގެ ހަރަދަށްވުރެ ޓިކެޓުގެ އަގު ބޮޑު. އެހެންވީމަ މިކަން ކުރާނީ ކިހިނެއްތޯ؟" ހުވަދު އަތޮޅުގެ ވިޔަފާރިވެރިޔާ އޭނާގެ ކަންބޮޑުވުން ފާޅުކުރިއެވެ.

އެއާޕޯޓު ތަކަށް ގިނަ ރަށްރަށުން ދީފައި އޮންނަނީ ވަރަށް ބޮޑު ސަރަހައްދެކެވެ. އަދި ގިނަ ރަށްރަށުގައި މި ސަރަހައްދު އޮންނަނީ ރަށުގެ އެއްފަޅީން އަތިރިމައްޗާ އިންވެގެންނެވެ. އެހެން ކަމުން، މި ސަރަހައްދު ވެގެން ދާނީ ލޯކަލް ޓޫރިޒަމަށް ރަނގަޅަށް ފައްކާ ކުރެވޭނެ ތަނަކަށެވެ. ރަނގަޅު ފެންވަރުގައި ތަރައްގީ ކުރެވި، ޚިދުމަތް ފެށިއްޖެ ނަމަ، މިއީ ގިނަ ގޮތްގޮތުން ކާމިޔާބު މޮޑެލަކަށް ހެދިދާނެ އެވެ.