ޑޮމެެސްޓިކް އެއާޕޯޓުތައް ކުރިން ހިންގަމުން އައި ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އާރްއޭސީއެލް) ހުރިހާ އޮޕަރޭޝަންތަކެއް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ދަށަށް ބަދަލުކޮށްފިއެވެ.

އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޝަރީފު މުހައްމަދު "ވަން" އަށް މިއަދު ވިދާޅުވީ، އާރްއޭސީއެލުން ހިންގަމުން އައި ނުވަ އެއާޕޯޓުގެ ހިންގުމާ މީގެ ދެ ހަފުތާ ކުރިން އެމްއޭސީއެލުން ހަވާލުވެފައިވާ ކަމަށެވެ.

ޝަރީފް ވިދާޅުވީ، އެ އެއާޕޯޓުތަކާ ހަވާލުވި އިރު ހާލަތު އޮތީ ވަރަށް ދެރަކޮށް ކަމަށެވެ.

"ބައެއް އެއާޕޯޓުތަކުގެ ފަޔާ ލޮރީ އޮތީ ހަލާކުވެފައި. މެއިންޓަނެސް ކުރަން ގިނަ ކަންކަން އެބަހުރި. ގަންނަން ޖެހޭ ބައެއް އިކުއިޕްމަންޓްތައް އެބަހުރި. އޯޑަރު ދިނީމާ މެނިފެކްޗާކޮށްގެން ގެންނަން ޖެހޭ ބައެއް ތަކެތިވެސް އެބަހުރި. އަޅުގަނޑުމެން މިހާރު މިކުރާ ކަމަކީ ފުލް އިންސްޕެކްޝަނެއް ހަދައި ތަކެތި ހަމަކުރުމުގެ މަސައްކަތް،" ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ، އެއާޕޯޓުތައް އެމްއޭސީއެލްގެ ދަށަށް ބަދަލުކުރުމުން ހަރަދު ކުޑަވާނެ ކަމަށެވެ. އަދި އެއާޕޯޓުތަކުގެ ހާލަތު ކުރިއަށް އޮތް ހަ މަސް ދުވަހުގެ ތެރޭގައި ރަނގަޅު ކުރެވޭނެ ކަމަށްވެސް ބުންޏެވެ.

ރީޖަނަލް އެއާޕޯޓްސް ކުންފުނި އެމްއޭސީއެލްއާ އެއްކޮށްލަން ސަރުކާރުން ނިންމީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުއެވެ.