"ކިތައް ދުވަހުން ކިތައް ބޮނޑި ބޮއި، ކިތައް ހިތި ތަޖުރިބާއިންހޭ،

މިތަން މިދެކޭ ބަނީއާދަމް ރަނގަޅު މޮޅު މީހަކަށް މިވަނީ."

ޅެންވެރިޔާގެ ބަސް ތެދެވެ. އާދަޔާ ޚިލާފު މޮޅު މީހުން، ނުވަތަ ވަރުގަދަ މީހުން، އުފެދެނީ އެތައް ސަބަބެއް މެދުވެރިވެގެންނެވެ. ވަރަށް ގިނަ ގޮތްގޮތުން ވަރަށް ގިނަ ތަޖުރިބާ ލިބި، ތަފާތު އެތައް ތަޖުރިބާއެއް ކޮށްގެންނެވެ. ފާހަގަ ކޮށްލެވޭ މީސްމީހުންގެ ހަޔާތުނާމާގައި އުފާވެރި ސަފްހާތަކާއި ފަޚުރުވެރިކަމުގެ ސަފްހާތައް ހިމެނޭ ފަދައިން ހިތި އެތައް ސަފްހާއެއް ވެސް ހިމެނޭނެއެވެ.

ދިވެހިބަހުގެ ރަދީފުގައިވާ ގޮތުން ހަޔާތުނާމާއަކީ "މީހެއްގެ ހަޔާތުގައި ހިނގައިފައިވާ ހާދިސާތައް ތަރުތީބުން ބަޔާންކޮށްދޭ ލިޔުމެކެވެ." މީގެ އިނގިރޭސި ލަފްޒަކީ "ބަޔޮގްރަފީ"އެވެ. "އޯތަރައިޒްޑް ބަޔޮގްރަފީ" އަކީ އެމީހާ ނުވަތަ އެމީހާގެ ޢާއިލާގެ އެހީތެރިކަމާއި ހުއްދަޔާއެކު އެކުލަވައިލެވޭ ހަޔާތުނާމާއެވެ. އަންގާރަ ދުވަހުގެ ރޭ ޤާސިމް އިބްރާހީމް ނެރުއްވި "ޤާސިމް އިބްރާހީމް – ލާމަސީލު ދިވެހި ދަރިއެއް" މިއީ ޤާސިމް އިބްރާހީމްގެ "އޯތަރައިޒްޑް ބަޔޮގްރަފީ"އެވެ. މި ހަޔާތުނާމާ ލިޔުނީ ނޫސްވެރިޔާ މުޙައްމަދު ޖަމީލެވެ. އޮނަރަބަލް ޤާސިމް އިބްރާހީމް، މި ފޮތް ތަޚްޞީޞު ކުރައްވައިފައިވަނީ އެމަނިކުފާނުގެ ދަރިދަރިކަލުންނާއި ދަރިދަރިކަނބަލުންނަށެވެ.

މުސައްނިފުގެ ނޯޓުގައި، ފޮތުގެ މުސައްނިފު މުޙައްމަދު ޖަމީލު ލިޔެފައިވެއެވެ. "ޤާސިމް އިބްރާހީމަކީ، ރާއްޖޭގައި ފަހަކަށް އައިސް އުފެދުނު ވަރަށް އާދަޔާ ޚިލާފު ޝަޚްޞިއްޔަތެކެވެ. ހުރިހައި ގޮތަކުންނެވެ. އޭނާގެ ޅައިރުގެ ހަޔާތާއި، ޒުވާން އުމުރުފުރާގައި ކުރައްވާފައިވާ ތަޖުރިބާތަކާއި އަދި މަސައްކަތުގެ މައިދާނާއި، ސިޔާސީ މައިދާނުގައި ހޯއްދަވާފައިވާ ކާމިޔާބުތަކަކީ، ރާއްޖޭގެ މި ޒަމާނުގައި އެހެން އެއްވެސް ދިވެއްސަކަށް ހޯދުނު ކާމިޔާބުތަކެއް ނޫން ކަމަށް ބުނެވިދާނެއެވެ. އަދި އަޅުގަނޑުމެންގެ ޤައުމުގައި، އިންސާނިއްޔަތަށް އެހީވުމަށް އޭނާގެ އަތްޕުޅު ހުޅުއްވާލައްވާފައިވާ މިންވަރަށް އެހެން އެއްވެސް ދިވެއްސަކު ހުޅުވައިލައިފައި ނުވާކަމީ ޔަގީންކަމެކެވެ." މުޙައްމަދު ޖަމީލު ލިޔެފައިވާ ގޮތުގައި ޤާސިމް، އޭނާއާ ބައްދަލު ކުރައްވާފައި މި ފޮތް ލިޔުމަށް އޭނާއާ ހަވާލު ކުރެއްވީއްސުރެ، އޭނާ މަސައްކަތްކޮށްފައި ވަނީ، ޤާސިމް ދެކެވަޑައިގެންނެވި ކަންކަން، ޤާސިމް ސިފަކޮށްދެއްވި ގޮތަށް، ކިޔުންތެރިންނަށް ހުށަހަޅައިދެވޭތޯއެވެ. މި ފޮތް ނިންމުމުގައި ޖަމީލަށް އެންމެ ބޮޑަށް އެހީތެރިވެދެއްވީ ޑޮކްޓަރ މަޙްމޫދު ޝައުޤީ ކަމަށާއި، މި ފޮތަށް ނެގުނު، ގާތްގަނޑަކަށް ހުރިހައި އިންޓަވިއުތަކުން ފެށިގެން ފޮތް ލިޔެ ނިންމުމާ ހަމަޔަށް ޑރ. މަޙްމޫދު ޝައުޤީގެ ފަރާތްޕުޅުން ލިބެމުން ދިޔަ ޢިލްމީ ލަފާއަކީ ޖަމީލަށް މި ރޮނގުން ކުރިޔަށް ދިއުމަށް ލިބުނު ވަރަށް އަގުހުރި އެއްޗެއްކަމުގައި ދެކޭ ކަމަށް ޖަމީލު ލިޔެފައިވެއެވެ.

މި ފޮތުގެ އެންމެ ޝައުގުވެރި ބާބަކީ "ޤާސިމް އިބްރާހީމުގެ ބަސް" މި ސުރުޚީގެ ދަށުން ލިޔެފައިވާ ބާބެވެ. މި ބާބުގައި ލިޔެފައިވެއެވެ. "ކޮންމެ އިންސާނަކު ވެސް ދުނިޔަވީ ހަޔާތެއް ކަޑައްތު ކުރުމަށް ފަހު، މި ދުނިޔެއާ ވަކިވެގެން ދާނެ ދުވަހެއް އަންނާނެއެވެ. އާދެ، އިންސާނެއްގެ ހަޔާތަކީ އެތައް ފިލާވަޅުތަކެއްގެ މައްޗަށް ބިނާވެގެންވާ ވާހަކައެކެވެ. އަޅުގަނޑުގެ މި ބަޔޮގްރަފީ، ނުވަތަ ހަޔާތުގެ ވާހަކަ، ލިޔަން ފެށީ އުމުރުން 72 ވަނަ އަހަރު ފެށުމާ ދިމާކޮށެވެ. ކޮންމެ ކަމެއްވެސް ވާނީ އެކަމެއްގެ ވަގުތު ޖެހުމުންތާއެވެ."

"ޢުމުރުން މިހާތަނަށް އައުމުން، ދުނިޔެއަށް އަންނަ ބަދަލުތަކާއި، އިންސާނުންނަށް އަންނަ ބަދަލާއި، ގުދުރަތީގޮތުން އެމީހެއްގެ ހަށިގަނޑަށް އަންނަ ބަދަލުތައް މަތިން ވިސްނައި، މިހާރު ދެން، މިފަދަ ފޮތެއް ލިޔަންވީ ވަގުތު އަތުވެއްޖެކަން ހިތަށް ވަދެ، މާތް ﷲގެ ވާގިފުޅަށް އެދެމުން، މި ފޮތް ލިޔަން ފެށީއެވެ. އާދެ، ދިވެހި ޤައުމަށް ސިޔާސީ، އިޤްތިޞާދީ، އިޖްތިމާޢީ، އަދި ޢުމްރާނީ ކުރި އެރުން ގެނައުމުގެ މަސައްކަތުގައި އަޅުގަނޑު ކުރި ތަޖުރިބާތައް، އަޅުގަނޑުގެ ދަރިންނަށާއި، ކާފަ ދަރިންނާއި، ދެން އަންނަން ތިބި ބަޔަކަށާއި، އަންނަން އޮތް ޖީލުތަކަށް ކިޔައިދޭންވީ ވަގުތު އައީއެވެ."

އަދިވެސް ޤާސިމް ވިދާޅުވެފައިވެއެވެ. "މި ފޮތަކީ އަޅުގަނޑުގެ ހަޔާތުގެ އެންމެ މުހިއްމު ޞަފްޙާތަކެވެ. އަޅުގަނޑުގެ ކާބަފައިންނާއި، އަޅުގަނޑު ދުނިޔެއަށް އުފަންވީއްސުރެ މިހާތަނަށް އަޅުގަނޑާ މެދު ކަންކަން ހިނގަމުން ދިޔަ ގޮތާއި، އަޅުގަނޑު ކަންތައް ކުރި ގޮތެވެ. މިހެން ދެންނެވިޔަސް، ވޭތުވެދިޔަ ދިގު މާޒީގައި ހަނދާނުން ކައްސާލާފައިވާ ކަންތައްތަކެއް ހުރެދާނެއެވެ. އަޅުގަނޑުގެ ހަޔާތުގައި ހިނގާފައިވާ ކޮންމެ ކަމެއްގެ އެންމެ ފުރިހަމަ ތަފްސީލަށް ދިޔުމަކީ، މިފަދަ އެއް ފޮތަކުން ދެ ފޮތަކުން ފުއްދާލެވޭ ވަރަށްވުރެ ދިގު ވާހަކަތަކެކެވެ. އެކަމަކު މިފޮތާމެދު އަޅުގަނޑު ހިތްހަމަ ޖެހެއެވެ."

ދެން އޮތީ ޤާސިމް އިބްރާހީމްގެ ވަރަށް އަގުހުރި ބަސްކޮޅެކެވެ. އެއީ މުޅި މި ފޮތުގެ ޖައުހަރެވެ. ޤާސިމް އިބްރާހީމުގެ ކާމިޔާބުގެ ސިއްރެވެ. ޤާސިމް ވިދާޅުވެފައި ވެއެވެ. "އެއްވެސް އިންސާނަކަށް އޭނާ އެދޭ ހުރިހާ ކަމެއް މި ދުނިޔޭގައި ފުރިހަމައެއް ނުވެއެވެ. ހަމަ އެހެންމެ ތަނަވަސްކަމަކީ، އެއީ ދުނިޔޭގައި ނިމުމެއް އޮތް ކަމެއްވެސް ނޫނެވެ. އެކަމަކު ހަނދާނުން ކައްސައިލިޔަ ނުދެއްޗެވެ. ތެދުވެރިކަމާއެކީގައި ތިމާމެންގެ ދީނަށާއި، ޤައުމަށާއި، ތިމާމެންގެ މައިންބަފައިންނަށާއި، އަނބިދަރިންނަށާއި، ފިރީންނަށާއި، ގާތްތިމާގެ މީހުންނަށާއި، ރައްޓެހިންނަށާއި، އެކިއެކި ހާޖަތުތައް ޖެހިފައިވާ ނިކަމެތިންނަށް ހެޔޮކޮށް ހިތައިގެން އުޅުމަކީ، ހެޔޮ ފޯރުވައި އުޅުމަކީ، އަހަރެމެންގެ މާތްވެގެންވާ އިސްލާމް ދީނުގައި އަންގަވާފައި އޮތް ގޮތެވެ. އެއީ ކާމިޔާބުގެ ތަޅުދަނޑިއެވެ."

ދިވެހިރާއްޖޭގެ އެންމެ ބޮޑު ދަރުމަވެރިޔާ، އަދި ދިވެހިރާއްޖޭގެ ސިޔާސީ މައިދާނުގައި ފާހަގަކޮށްލެވޭ އެންމެ މުހިއްމު އެއް ޝަޚްޞިއްޔަތު ކަމުގައިވާ މަޝްހޫރު ވިޔަފާރިވެރިޔާ ޤާސިމް އިބްރާހީމުގެ ނަންފުޅު ނުދަންނަ ދިވެއްސަކު ހުންނާނެހެން ހިޔެއް ނުވެއެވެ. ވަރަށް ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި ޤާސިމް އިބްރާހީމުގެ ޙަޔާތްޕުޅުގެ ގިނަ ކަންކަން އެމީހުންނަށް އެނގެއެވެ. އެހެންނަމަވެސް ޤާސިމް އިބްރާހީމުގެ ހަޔާތުނާމާ، "ޤާސިމް އިބްރާހީމް – ލާމަސީލު ދިވެހި ދަރިއެއް"، މި ފޮތް ކިޔައިލުމުން، އެނގުނީ އެމަނިކުފާނާ ބެހޭ ގޮތުން މީހުންނަށް އެނގެނީ ވަރަށް މަދު އެއްޗެއް ކަމެވެ. ޤާސިމް އިބްރާހީމުގެ ހަޔާތުނާމާގައި އެމަނިކުފާނާ ބެހޭ ވަރަށް ގިނަ ކަންކަމުގެ ތަފްސީލު ހިމަނައިފައިވެއެވެ.

މީގެ 74 އަހަރު ކުރީން 1950 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 26 ވަނަ ދުވަހު އަރިއަތޮޅު ދިއްދޫގައި އުފަންވެވަޑައިގަތް ޤާސިމް އިބްރާހީމުގެ ނަންފުޅަކީ ކުރީން ޢަބްދުލްޢަޒީޒެވެ. ޤާސިމް އިބްރާހީމުގެ ނަމަށް، އެމަނިކުފާނުގެ ނަންފުޅު ބަދަލު ކުރެވުނީ ފަހުންކަމާއި އެއީ ކީއްވެގެން ކަން ވެސް މި ފޮތުގައި ބަޔާންކޮށްފައިވެއެވެ. އަރިއަތޮޅު ދިއްދުއަކީ ޤާސިމްގެ މަންމަގެ ރަށެވެ. ޤާސިމްގެ ކުޑައިރުގެ ޙަޔާތްޕުޅު ވޭތު ކުރެއްވީ އަރިއަތޮޅު މާމިގިލީގައެވެ. އެއީ ޤާސިމްގެ ބައްޕަގެ ރަށެވެ.

ޤާސިމްގެ މަންމަ ޤަމަރުއްނިސާ (ކަނބުލޮ)ގެ މަންމަގެ ކާފައަކީ މީގެ 200 ވަރަކަށް އަހަރު ކުރީން، އަރިއަތޮޅު ދިގުރަށު ބޭރަށް އުރުނު ފަރަންސޭސި ނަވެއްގެ ކެޕްޓަންގެ ދަރިފުޅު ޖޯސެފެވެ. ޖޯސެފު އިސްލާމް ވެގެން ކައިވެނި ކުރީ ދިގުރަށު ކަތީބުގެ އަންހެން ދަރިފުޅާއެވެ. މި ދެމަފިރީން ދިރިއުޅުނީ އަރިއަތޮޅު ދިއްދޫގައެވެ. މި ޖޯސެފު އިސްލާމް ވެގެން ކީ ނަމަކީ ދޮން ޔޫސުފެވެ. އާއްމުނަމަކީ ދޮންތަކުރެވެ. މި ވާހަކަ، މި ފޮތުގައި ގެނެސްފައި އޮތް އިރު، ޢިބާރާތް ކުރެވިފައި އޮތް ގޮތުން، ދޮންތަކުރާއި ޖޯސެފަކީ ތަފާތު ދެމީހަކު ކަމަށް ދޭހަ ވެދާނެއެވެ. ފޮތުގައި އޮތީ، "ކަނބުލޮއަކީ، ޖޯސެފްގެ ދެމަފިރީންނަށް ލިބުނު ދޮންތަކުރުގެ މުޙައްމަދުގެ ހަ ދަރީންގެ ތެރެއިން ޙައްވަގެ ފަސްވަނަ ދަރިފުޅެވެ." ދޮންތަކުރަކީ ޖޯސެފްގެ ދެމަފިރީންނަށް ލިބުނު ދަރިއެއް ކަމަށާއި މުޙައްމަދަކީ ޖޯސެފްގެ ކާފަ ދަރިއެއް ކަމަށް މި ޢިބާރާތުން ދޭހަވެދާނެއެވެ. މިހެންވީ އެ ޢިބާރާތުގެ ތެރޭގައި "ދޮންތަކުރު" މި ނަމާއި، "މުޙައްމަދު" މި ނަމާ ދެމެދަށް "ގެ" ގެނެވިފައިވާތީއެވެ. " ޖޯސެފްގެ ދެމަފިރީންނަށް ލިބުނު ދޮންތަކުރުގެ މުޙައްމަދު" މިހެން އޮތުމުގެ ބަދަލުގައި "ޖޯސެފްގެ ދެމަފިރީންނަށް ލިބުނު ދޮންތަކުރު މުޙައްމަދު" ނުވަތަ "ޖޯސެފް (ދޮންތަކުރު)ގެ ދެމަފިރީންނަށް ލިބުނު މުޙައްމަދު" މިއިން ގޮތަކަށް ގެނެވުނު ނަމަ، ދޭހަވާން ފަސޭހަވީހެވެ. ޤާސިމްގެ މަންމަ ފަރާތު މާމަ (ޙައްވަ)ގެ ބައްޕަ ފަރާތު ކާފައަކީ ފަރަންސޭސި ޖޯސެފް (ދޮން ޔޫސުފް) ނުވަތަ ދޮންތަކުރެވެ. ޤާސިމުގެ މަންމައަކީ ދޮންތަކުރުގެ މުޙައްމަދުގެ ޙައްވަގެ ޤަމަރުއްނިސާ (ކަނބުލޮ)އެވެ.

ޤާސިމްގެ ބައްޕަ (ބުރުމާ އިބްރާހީމް)ގެ ބައްޕަ ފަރާތު ކާފައަކީ އައްޑުއަތޮޅު ބައްތެއްޔަކުން މާމިގިއްޔަށް ފޭބި މީހެއް ކަމަށް ބުނެވެއެވެ. މި ފޮތުގައި މި މޫސާ ތަކުރުފާނުގެ މަތިކޮޅާ ބެހޭ ގޮތުން އިތުރު ތަފްސީލެއް ދީފައެއް ނުވެއެވެ. އައްޑުއަތޮޅު ހިތަދޫގެ ދަރިކޮޅުތައް ދިރާސާ ކުރައްވާ ބޭފުޅަކާ ވާހަކަ ދައްކައިލުމުން، މި މޫސާ ތަކުރުފާނަކީ ހުވަދުއަތޮޅު ތިނަދޫ މާވަޑި ކަލޭގެފާނު، އައްޑުއަތޮޅު ހިތަދުއަށް އައިސް، އައްޑޫ ގަމު ފަތްކިޔަވާ މުޙައްމަދު އެދުރުތަކުރުފާނުގެ ޢައިޝާފާނާ ކައިވެނިކޮށްގެން ލިބުނު، ހިތަދޫ މާވަޑި ތަކުރުފާނުގެ ޙުސައިން ތަކުރުފާނުގެ މޫސާ ތަކުރުފާނު ކަމަށް މަޢުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށް ވިދާޅުވިއެވެ. އަދި އެ މަޢުލޫމާތު ކަށަވަރު ކުރެއްވުމަށް އަދިވެސް އިތުރަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ވިދާޅުވިއެވެ. ޤާސިމްގެ ބައްޕަ ބުރުމާ އިބްރާހީމަކީ މޫސާ ތަކުރުފާނުގެ މުޙައްމަދުގެ އިބްރާހީމެވެ. މޫސާ ތަކުރުފާނުގެ ޢަލީގެ ދަރީންގެ ތެރެއިން ކަތީބު ޢަބްދުއްރަޙްމާނު ކަލޭފާނާއި ކަތީބު ދޮން އާދަމް ވަނީ މާމިގިލީގެ ވެރިކަން ކުރައްވައިފައެވެ. މަތީގައި ބަޔާންކޮށްފައި އެވާ ހިތަދޫ މާވަޑި ތަކުރުފާނާ އެއްބަނޑުއެއްބަފާ ދޮންބީފާނުގެ މާވަޑި ޙަސަންމަނިކުގެ ފާޠިމަތު ޙަސަންގެ މުޙައްމަދު ޢަލީގެ ޙަސަން ލަޠީފު ވަނީ އައްޑުއަތޮޅު ހިތަދޫގެ ބޮޑުކަތީބުކަމާއި ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ މެންބަރުކަން ކުރައްވައިފައެވެ.

ޤާސިމް އިބްރާހީމްގެ ޙަޔާތްޕުޅަކީ ކާމިޔާބީތަކާއި ގޮންޖެހުންތަކުން ފުރިގެންވާ ދަތުރެކެވެ. އެކަން މި ހަޔާތުނާމާއިން ވަރަށް ފުރިހަމައަށް ސިފަކޮށްދީފައިވެއެވެ. ވިޔަފާރިވެރިއެއްގެ ހައިސިއްޔަތުންނާއި ސިޔާސީ ލީޑަރެއްގެ ހައިސިއްޔަތުން އެމަނިކުފާނު ކުރައްވާފައިވާ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުވައި ނުލައެއް މި ޒަމާނުގެ ދިވެހި ތާރީޚުގެ ޞަފްޙާތައް ފުރިހަމައެއް ނުވާނެއެވެ. އެމަނިކުފާނުގެ ހިތްވަރުފުޅާއި ޤައުމަށް ކުރައްވަމުން ގެންދަވާ ޚިދުމަތަކީ ކުރިމަގުގެ ޖީލުތަކަށް ވެސް ޢިބުރަތާއި ނަމޫނާ ލިބިގަނެވޭނެ ފަދަ ލާމަސީލު ފިލާވަޅުތަކެކެވެ. ޤާސިމް އިބްރާހީމްގެ ޙަޔާތުނާމާއަކީ ދިވެހި ތާރީޚުގައި ފާހަގަކޮށްލެވޭ، އަދި ދިރާސާކުރެވޭނެ މުހިންމު ބާބެކެވެ. ޤާސިމަކީ ކިންގަކަށް ނުވިޔަސް "ކިންގުމޭކަރ"އެއް ކަން އެންމެންވެސް ޤަބޫލު ކުރެއެވެ.

ސޯޅަ ޗެޕްޓަރަށް ބައި ކޮށްފައިވާ މި ފޮތުގެ ކޮންމެ ޗެޕްޓަރެއްގައި ވެސް މައުޟޫތައް ހުށަހަޅައިފައި ވަނީ ކިޔުންތެރީންނަށް ފަސޭހަ ވާނޭހެން ވަކިވަކި ސުރުޚީތަކުގެ ދަށުންނެވެ. ފޮތުގެ ލޭއައުޓު ހެދީ ވެސް ފޮތުގެ މުސައްނިފު މުޙައްމަދު ޖަމީލެވެ. ފޮތް އެޑިޓުކުރެއްވީ ޑރ. ފާޠިމަތު ތައުފީޤާއެވެ. ކަވަރ ޖެކެޓު ޑިޒައިންކުރީ ޢަބްދުލްޙަކީމް ޢަބްދުލްޤާދިރެވެ.

މީލާދީ ސަނަތުން 2024 ވަނަ އަހަރުގެ ތެރޭގައި ވިލާ ފައުންޑޭޝަނުން ޝާއިޢުކޮށް، 2025 ވަނަ އަހަރުގެ ފެބުރުވަރީ މަހުގެ 11 ވަނަ ދުވަހުގެ ރޭ ނެރެވުނު 714 ސަފުހާގެ މި ފޮތަކީ އިބުރަތްތެރި ހަގީގީ ވާހަކަތަކަށް ޝައުގުވެރިވާ ކޮންމެ މީހެއްގެ ފޮތް އަލަމާރީގައި ވެސް، ކޮންމެހެން އޮންނާން ޖެހޭ ފޮތެކެވެ.

ނޫސްވެރިޔާ މުޙައްމަދު ޖަމީލު ލިޔެފައިވާ "ޤާސިމް އިބްރާހީމް – ލާމަސީލު ދިވެހި ދަރިއެއް" މި ފޮތުން ލިބިދޭ ފިލާވަޅުތަކުގެ ބޭނުންތެރިކަން ފުރިހަމައަށް ކަށަވަރު ކުރެވޭނީ މި ފޮތް މުޠާލިޢާ ކުރި މީހަކަށެވެ. މި ޒަމާނުގައި ދިވެހި ގައުމު ދުށް އެންމެ ލާމަސީލު ދިވެހި ދަރި، ޤާސިމް އިބްރާހީމުގެ ހަޔާތުން ފިލާވަޅުތައް ލިބިގަތުމަށް އޮތް އެންމެ ރަނގަޅު ވަސީލަތަކީ "ޤާސިމް އިބްރާހީމް – ލާމަސީލު ދިވެހި ދަރިއެއް" މި ފޮތެވެ.

ނޫސްވެރިޔާ މުޙައްމަދު ޖަމީލު މީގެ ކުރީން ލިޔެފައިވާ ފޮތްތަކެކޭ އެއްފަދައިން، މި ފޮތުގެ އިބާރާތްތަކަކީ ވެސް، މާ ވަރުގަދަ ޢިލްމީ ލަފްޒުތަކެއްގެ ބަދަލުގައި، އާދައިގެ މައް ދިވެހި ބަހުން، ވަރަށް ފަސޭހަ ބަސްކޮށާރެއް ބޭނުން ކޮށްގެން ލިޔެފައިވާ އިބާރާތްތަކެކެވެ. ހިތަށް އަސަރު ކުރާ ކަހަލަ އެތައް ޖުމުލައެއް ހިމެނޭ މި ފޮތަކީ ޞަފްޙާތައް ކިތައްމެ ގިނަ ނަމަވެސް، ވާހަކައެއް ހެން، ހުއްޓުމެއް ނެތި ކިޔަމުން ގޮސް ނިންމައިލެވޭ ފަދަ "ލުއި" ފޮތެކެވެ.

މިފޮތާއެކު ގާސިމްގެ ހަޔާތުނާމާގެ ޚާއްޞަ "ވެބްސައިޓު" (https://qasimibrahim.bio) އާއި "އަޑު ފޮތް" (https://qasimibrahim.bio/audio) ވެސް ވަނީ ނެރެފައެވެ. އަދި އިއްޔެއިން ފެށިގެން މި ފޮތް ވަނީ ހިލޭ ބަހާން ވެސް ފަށައިފައެވެ.