ޔޫރަޕުގައި ރަޖިސްޓްރީކޮށްފައިވާ މަތިންދާބޯޓުތައް މަރާމާތުކުރުމުގެ ހުއްދަ އައިލެންޑް އޭވިއޭޝަނަށް ލިބިއްޖެއެވެ.

ގައުމީ އެއާލައިން، މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަނަށް ލިބިފައިވަނީ ޔޫރަޕިއަން އޭވިއޭޝަން ސޭފްޓީ އޭޖެންސީ (އިއާސާ) ޕާޓް 145 ގެ ސެޓްފިކެޓެވެ. މިއީ ރާއްޖޭގެ ކުންފުންޏަކަށް އެ ހުއްދަ ލިބުނު ފުރަތަމަ ފަހަރެވެ.

އައިލެންޑް އޭވިއޭޝަނުން ބުނީ، މިއީ އެ ކުންފުނީގެ މަތިންދާބޯޓުތައް މަރާމާތުކުރުމުގެ ގާބިލުކަމަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ.

ޕާޓް 145 ހުއްދައަކީ މަތިންދާބޯޓުތައް މަރާމާތުކުރުމުގެ ކަންކަން ކުރުމަށް ކަނޑައަޅާފައިވާ ބައިނަލްއަގުވާމީ އެންމެ މަތީ މިންގަނޑެކެވެ. އެގޮތުން އައިލެންޑް އޭވިއޭޝަންގެ އަތުގައި ރާއްޖޭގެ ސިވިލް އޮތޯރިޓީން ދީފައިވާ ހުއްދައިގެ އިތުރުން ބޭރުގެ 11 ސިވިލް އޭވިއޭޝަން އޮތޯރިޓީއެއްގެ ހުއްދަވެސް އޮވެއެވެ.

މިކަމާ ގުޅިގެން ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިފަދަ ކާމިޔާބީތައް ހާސިލުވެގެންދަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު ގައުމީ އެއާލައިން ޒަމާނީކޮށް ފުޅާކުރެއްވުމަށް ގެންގުޅުއްވާ ސިޔާސަތުގެ ތެރެއިން ކަމަށެވެ.