ދިރާގުން ކުރިއަށްގެންދިޔަ "ވިން އަ ސްޕީޑްބޯޓް" ޕްރޮމޯޝަންގެ ނަސީބުވެރިޔާއަށް ބޯޓު ހަވާލުކޮށްފިއެވެ.

އަލް ޝާލީ މެރިން ބޯޓްޔާޑުގައި ބޭއްވި ހާއްސަ އިވެންޓުގައި، މި ޕްރޮމޯޝަންގެ ނަސީބުވެރި ފަރާތް ގއ. ވިލިނގިލި، ހުސައިން ފަޔާޒްއާ ވަނީ އަލް ޝާލީ މެރިން މަޖެލަން 32 ބޯޓާއެކު ޔަމަހާ 175 ހޯސްޕަވަރުގެ ދެ އައުޓްބޯޑް އިންޖީނު ވެސް ހަވާލުކޮށްފަ އެވެ.

ދިރާގުން މިއަދު ބުނީ ފަޔާޒް އާއި އޭނާގެ އާއިލާގެ އިތުރުން، ދިރާގުގެ މެނޭޖްމަންޓާއި މުވައްޒަފުންނާއި އަލް ޝާލީ މެރިން އަދި އެލިއާ އިންވެސްޓްމަންޓްސްގެ އިސް އޮފިޝަލުން ބައިވެރިވެފައިވާ ކަމަށެވެ.

ފަޔާޒް ބުނި ގޮތުގައި، މި ޕްރޮމޯޝަންގައި ފުރަތަމަ ބައިވެރި އިރު، މި އިނާމް ލިބިދާނެ ކަމަށް ހީ ނުކުރާ ކަމަށާއި މި ޕްރޮމޯޝަންގައި ބައިވެރިވީ އޭނާގެ ހަގު ފިރިހެން ދަރިފުޅު މި ކަމަށް ޝައުގުވެރިވާތީ، ދަރިފުޅު ހިތްހަމަޖައްސައިދޭން ކަމަށެވެ.

މިދިޔަ 16 އަހަރު ވެސް މެދުކެނޑުމެއް ނެތި ދިރާގުގެ ގިނަ ހިދުމަތްތައް ބޭނުން ކުރަމުން އަންނަ ފަޔާޒް ބުނީ މި ބޯޓު ލިބިނުކަން އެނގުމުން ފުރަތަމަ ގަބޫލުކުރަން ދަތިވި ނަމަވެސް ވަރަށް އުފާވި ކަމަށެވެ.

ދިރާގުން ކަސްޓަމަރުންނަށް މި ފަދަ ޕްރޮމޯޝަންތައް ބާއްވައި، ތަފާތު އަގުހުރި އިނާމުތައް ހާސިލުކުރުމުގެ ފުރުސަތުތައް ހޯދައިދެމުންދާތީ އެ ކަމަށް އޭނާ ދިރާގަށް ޝުކުރު އަދާ ކުރިއެވެ.

ގިނަ އަދަދެއްގެ ކަސްޓަމަރުން ބައިވެރިވި، "ވިން އަ ސްޕީޑްބޯޓް" ޕްރޮމޯޝަނަކީ ދިރާގުގެ ކަސްޓަމަރުންނަށް ތަފާތު، ބޭނުންތެރި އަދި އަގުހުރި އިނާމުތައް ހޯދައިދިނުމުގެ މަގުސަދުގައި އެ ކުންފުނިން 16 ސެޕްޓެންބަރު 2024 އިން 16 ޑިސެމްބަރުގެ 2024ގެ ނިޔަލަށް ކުރިއަށްގެންދިޔަ ޕްރޮމޯޝަނެކެވެ.

މި ބޯޓަކީ އާއިލާއާ އެކު ވަގުތު ހޭދަކޮށްލަން ނުވަތަ މަސް ދަތުރު ދިޔުން ފަދަ އެކިއެކި މުނިފޫހިފިލުވުމުގެ ހަރަކާތްތަކަށް ވެސް ބޭނުންކުރެވިދާނެ ބޯޓެކެވެ.

ދިރާގުން ވަނީ ވޭތުވެދިޔަ އަހަރު ވެސް މި ފަދަ ބޮޑު ޕްރޮމޯޝަނެއް ކުރިއަށް ގެންގޮސް، ނަސީބުވެރި ފަރާތަކަށް ޓެސްލާ ކާރެއް ދީފައެވެ.