ލަވަކިޔުންތެރިޔާ މުހައްމަދު މާޖިދު (މެޒޯ މުހައްމަދު) ނިޔާވުމާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ތައުޒިޔާ ވިދާޅުވެއްޖެއެވެ.

"ވަން"އަށް އެނގިފައިވާ ގޮތުގައި ސިއްހީ ހާލަތު ގޯސްވެގެން، އުމުރުން 59 އަހަރުގެ މެޒޯ މުހައްމަދު ނިޔާވީ އައިޖީއެމްއެޗްގައި ފަރުވާދެމުން ދަނިކޮށް މިއަދުގެ ވަގުތެއްގައެވެ.

ރައީސް އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ފަންނާއި މުނިފޫހިފިލުވުމުގެ ދާއިރާއަށް 45 އަހަރަށްވުރެ ދިގު މުއްދަތަކަށް ހިދުމަތްކުރައްވައި، އަދި ދިވެހި އަމިއްލަ ފަންނީ ބައެއް އުފެއްދުން އުފެއްދުމުގައި ވެސް މަގުބޫލު ހުނަރުވެރިކަަމެއް ދައްކަވާފައިވާ، މެޒޯ މުހައްމަދު ނިޔާވުމުގެ ހިތާމައިގައި، މެޒޯ މުހައްމަދުގެ އާއިލާއަށް ތައުޒިޔާ ރައްދުކުރައްވާ ކަމަށެވެ.

މެޒޯ މުހައްމަދަކީ އަމިއްލަ ރާގު ގެނެސްދިނުމުގައި މަޝްހޫރުކަން ހޯދާފައިވާ ފަންނާނެކެވެ. އެގޮތުން އޭނާ ވަނީ 40 އަށްވުރެ ގިނަ އަމިއްލަ ރާގު ގެނެސްދީފައެވެ.

ނުވަދިހައިގެ އަހަރުތަކުގައި ދިވެހީންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދި މެޒޯ މުހައްމަދު ގެނެސްދީފައިވާ ލަވަތަކުގެ ތެރެއިން، "އުޑުން ތަރިތައް"، "ވިސްނާ ވިސްނާ" އަދި "މަސްތު" ފަދަ ލަވަތައް ވަރަށް ބޮޑަށް ފާހަގަވެގެންދިޔައެވެ.

މެޒޯ މުހައްމަދުގެ އަންހެން ދަރި، މީރާ މުހައްމަދު މާޖިދު ވެސް އަންނަނީ ލަވަކިޔުންތެރިއެއްގެ ގޮތުގައި މަގުބޫލުކަން ހޯދަމުންނެވެ.