ހުޅުމާލޭގައި ކޯރާޑިއަކުން މީހަކަށް ހަމަލާދިން މައްސަލައިގައި ހައްޔަރުކުރި ގދ. ފޮޔޯރީ/ ހީނާމާގެ، ރުސްތުމް އިބްރާހިމް 25އ. ވެސް ޝަރީއަތް ނިމެންދެން ބަންދުކޮށްފިއެވެ.

އެ މައްސަލައިގައި ދެން ހައްޔަރުކުރީ ބ. ގޮއިދޫ/ ސްޓާ، ސައިފުﷲ ފައިސަލް، 19 އ.އެވެ. އޭނާ ވެސް ވަނީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައެވެ.

ފުލުހުން މި ދެ މީހުން އަތުލައިގަތީ ހުޅުމާލޭގެ ރެހެންދި ޓާފް ދަނޑު ހުޅަނގު ފަޅީގައި މަޑުކޮށްގެން ހުރި މީހަކަށް ހަމަލާދިނުމަށްފަހު، ފިލަން މާލެ ދަނިކޮށް ހައިވޭމަތިންނެވެ.

އެ ހަމަލާގައި އަނިޔާވި މީހާއަށް، ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާދިނުމަށްފަހު މިހާރު ދޫކޮށްލާފައި ކަމަށާއި އެ މާރާމާރީގައި ހަމަލާދިނީ ކޯރާޑިއަކުން ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

ފުލުހުން އަންނަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.