ކުށް ކުރުމަށް ބޭނުންކުރި މުދަލާއި ފައިސާ އާއި ކުށްކޮށްގެން ހޯދާ މުދަލާއި ފައިސާގެ އިތުރުން، ކުށްކޮށްގެން ހޯދާ މުދަލާއި ފައިސާ ދައުލަތަށް ނަގަން، ހިމަނައި މަޖިލީހަށް ހުށަހެޅި ގޭންގު ކުށްތައް ހުއްޓުވުމުގެ ބިލް ބަލައިގަނެ އިތުރަށް ދިރާސާ ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ފޮނުވައިފިއެވެ.

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް މައްޗަންގޮޅި ދެކުނު ދާއިރަގެ މެންބަރު މުސްތަފާ ހުސެއިން ހުށަހެޅުއްވި މި ބިލް މަޖިލީހަށް ބަލައިގަތީ، މިއަދުގެ ޖަލްސާގައި ތިއްބެވި 44 މެންބަރުންގެ ތެރެއިން 42 މެންބަރުން ވޯޓު ދެއްވައިގެންނެވެ.

ބިލުގައި ކަނޑައަޅާފައިވާ ހަ ކުށުންކުރެ ކުށެއް ސާބިތުވެއްޖެނަމަ، އެމީހެއްގެ ފައިސާ އާއި މުދާ ދައުލަތަށް ނެގުމަށްޓަކައި ކޯޓު އަމުރެއް ނެރެންވާނެ ކަމަށް ވަނީ ބުނެފައެވެ.

  • ކުށް ކުރުމަށް ބޭނުންކުރި ފައިސާ ނުވަތަ މުދާ
  • ކުށް ކޮށްގެން ހޯދާ މުދާ ނުވަތަ ކުށްކޮށްގެން ހޯދާ މުދަލުން ހޯދާ ފައިސާ އާއި މުދާ
  • ކުށް ކޮށްގެން ހޯދަން އުޅޭ ނުވަތަ ހޯދާފައިވާ ފައިސާ ނުވަތަ މުދާ
  • ކުށް ކުރުމަށް ބޭނުންކުރި މުދާ
  • ކުށް ކޮށްގެން ހޯދާ މުދަލަކާ އެކުވެފައިވާ ފައިސާ ނުވަތަ މުދާ
  • ކުށްކޮށްގެން ހޯދާ މުދަލަކުން، ސީދާ ގޮތެއްގައި ނުވަތަ ނުސީދާ ގޮތެއްގައި ލިބޭ މުދާ

މީގެ ތެރެއިން ކުށެއް ޝަރީއަތުގައި ސާބިތު ނުވި ނަމަވެސް، މީހެއްގެ ފައިސާ އާއި މުދާ ދައުލަތަށް ނެގޭ ހާލަތެއް ވެސް ބިލުގައި ވަނީ ކަނޑައަޅައިފައެވެ. އެގޮތަށް ކަނޑައަޅާފައިވާ ހާލަތްތައް:

މި ބިލްގައި ކުށްކުރާ ފަރާތްތަކަށް ބޮޑެތި އަދަބުތަކެއް ވަނީ ކަނޑައަޅައިފައެވެ. އެގޮތުން 25 އަހަރަށް ޖަަލަށް ލުމާއެކު، 100 މިލިޔަނާ ހަމައަށް ޖޫރިމަނާ ކުރެވޭގޮތަށް ހިމަނާފައިވެއެވެ.

އެގޮތުން ކުށްކުރާ ގްރޫޕެއްގައި ބައިވެރިވާން އުޅުނު މީހެއްގެ އަދަބަކީ 10 އަހަރު ދުވަހަށް ޖަލަށްލުމާ އެކު 50،000 ރުފިޔާ އާއި ފަސްލައްކަ ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމެވެ.

މީގެ އިތުރުން އެމީހަކީ ކުށްކުރާ ގްރޫޕެއްގެ މެންބަރެއްކަން ދެއްކުމާއި އެފަދަ ގްރޫޕެއްގެ ނިޝާން ގެންގުޅުމަކީ ކުށެކެވެ. އަދަބަކީ 12 އަހަރަށް ޖަލަށް ލުމާއެކު 75،000 ރުފިޔާ އާއި އެއް މިލިޔަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމެވެ.

އެފަދަ ގްރޫޕަކަށް ތާއީދު ހޯދުމަކީ ކުށެއް ކަމަށް ކަނޑައަޅައި، އަދަބަކީ 10 އަހަރަށް ޖަލަށްލުމާ އެކު 50،000 ރުފިޔާ އާއި ފަސް ލައްކަ ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމެވެ. އެގޮތަށް ތާއީދު ހޯދަން އުޅޭ މީހެއްގެ އަދަބަކީ އަށް އަހަރަށް ޖަލަށްލުމާ އެކު 50،000 ރުފިޔާ އާއި ތިން ލަައްކަ ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމެވެ.

ބިލްގައިވާ ގޮތުން ތަނެއްގައި އިންތިޒާމުވެގެން ކުށެއް ކުރާކަން އެނގޭ އިރު، އެކަން ހިނގިޔަ ދިނުމާއި އެކަން ހުއްދަކުރުމަކީ، އެތަނުގެ ވެރިފަރާތް ނުވަތަ އެތަނާ ހަވާލުވެ ހުރި ފަރާތް ނުވަތަ އެތަން ކުއްޔަށް ހިފައިގެން އުޅޭ ފަރާތް ކުށްވެރިވާނެ ކަމެކެވެ. އަދަބަކީ ފަސް އަހަރަށް ޖަލަށްލުމާއެކު 50،000 ރުފިޔާ އާއި އެއް ލައްކަ ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމެވެ.

ކުށްކުރާ ގްރޫޕަކާ ބެހޭގޮތުން މީހަކު ޝަރީއަތަށް ކެހިބަސްދިނުމާއި އެކަމާ ބެހޭ މައުލޫމާތު ފުލުހުންނަށް ދިނުން ހުއްޓުވުމަށް، މީހަކަށް އަނިޔާއެއް، އިންޒާރެއް ނުވަތަ ގެއްލުމެއް ދިނުމާއި އެކަމުގައި ބައިވެރިވުމަކީ ކުށެކެވެ. އަދަބަކީ، ހަތް އަހަރަށް ޖަލަށްލުމާ އެކު 50،000 ރުފިޔާ އާއި ދެ ލައްކަ ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމެވެ.

އިންތިޒާމުވެގެން ހިންގާ ކުށްތަކުގެ ތެރޭގައި ކަނޑަައަޅާފައިވާ ކުށެއް ކުރީ، ގާނޫނީ ޝަހުސަކުން ކަމަށް ވެފައި، އެކަންކުރީ އެ ގާނޫނީ ޝަހުސުގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރެއް ނުވަތަ އެޝަހްސު ހިންގުމުގެ މަސްއޫލިއްޔަތު ހަވާލުވެފައިވާ މީހެއްގެ ރުހުމާއެކު ނުވަތަ އެއިން މީހަކަށް އެނގި ހުރެ ކަމަށް ވާނަމަ، އެމީހެއްގެ އަދަބަކީ، އެއް މިލިއަން ރުފިޔާ އާއި 100 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމެވެ. އަދި އެކުށް ކުރީ ގާނޫނީ ޝަހުސެއް ނަމަ، އެ ގާނޫނީ ޝަހުސު އުވާލުމަށް ކޯޓުން އަމުރު ކުރަންވާނެ ކަމަށްވެސް ވަނީ ކަނޑައަޅައިފައެވެ.

އޭގެ އިތުރުން ކޯޓު އަމުރަކާ ނުލައި ބަލައި ފާސްކުރުމާއި ތަންތަނަށް ވަދެ ފާސްކޮށް މީހުން ހައްޔަރު ކުރުމުގެ ބާރު ފުލުހުންނަށް ދިނުމަށް ވެސް ވަނީ ހިމަނައިފައެވެ.