ރަށްރަށުގެ ހެލްތު ސެންޓަރުތަކަށާއި ހެލްތު ޕޯސްޓުތަކަށް ސިއްހީ ސާމާނުތަކެއް ފޯރުކޮށްދިން ކުންފުންޏަކަށް 2,011,510.99 ޑޮލަރު (31،017،499.47 ރުފިޔާ) ހެލްތު މިނިސްޓްރީ ނުދޭ ކަމަށާއި އެ ފައިސާ އެ ކުންފުންޏަށް ހެލްތު މިނިސްޓްރީން ދޭންޖެހޭ ކަމަށް ސިވިލް ކޯޓުން ކުރި ހުކުމަށް ހައިކޯޓުން އިއްޔެ ތާއީދުކޮށްފިއެވެ.
ސެންޓާ އެންޓަޕްރައިސަސް އާއި ޑިޕާޓްމަންޓް އޮފް މެޑިކަލް ސާވިސަސްއާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން ފޯރުކޮށްދިން މެޑިކަލް އިކުއިޕްމަންޓް އެންޑް ކޮންސިއުމަބަލްސްގެ އިންވޮއިސްގެ ފައިސާ އާއި އޭގެ ސާޗާޖާއެކު 2,011,510.99 ޑޮލަރު ދައްކާފައިނުވާތީ، އިންވޮއިސްގެ ޓާމްސް އެންޑް ކޮންޑިޝަންސްގެ ދަށުން ސާޗާޖަށް ލިބެންޖެހޭ 3،637،940.00 ޑޮލަރާއެކު 5،149،450.99 ޑޮލަރަކީ ހެލްތު މިނިސްޓްރީން ދައްކަންޖެހޭ ފައިސާއެވެ. އެ ފައިސާ މިނިސްޓްރީން ދައްކައި ހަލާސްކޮށްފައިނުވަނީ ގާނޫނީ ސަބަބެއް އޮވެގެން ކަމުގައިނުވާތީ އެ ފައިސާ ވީހާވެސް ކުރު މުއްދަތެއްގައި ދައްކައި ހަލާސްކުރުމަށް އަމުރުކޮށްދިނުމަށް އެދި ސެންޓާއިން ސިވިލް ކޯޓުގައި ދައުވާ ކުރިއެވެ.
އެ ދައުވާއަށް ޖަވާބުދާރީވަމުން ހެލްތު މިނިސްޓްރީން ވަނީ ދައުވާގައި ހިމެނޭ އިންވޮއިސްގައިވާ ޖޫރިމަނާގެ އަދަދަށް އިންކާރުކުރާ ކަމަށެވެ. ސާޗާޖުގެ ގޮތުގައި ހޯދުމަށް އެދިފައިވާ ޖޫރިމަނާގެ ފައިސާ ދިނުމަށް ވެސް މިނިސްޓްރީން ވަނީ އިންކާރުކޮށްފައެވެ.
ސިވިލް ކޯޓުން އެ މައްސަލައިގައި ކުރި ހުކުމުގައި ބުނެފައިވަނީ ސެންޓާގެ ފަރާތުން ހުށަހެޅި ހެކިތައް ރިއާޔަތް ކުރާއިރު 2,011,510.99 އަކީ ހެލްތު މިނިސްޓްރީގެ ފަރާތުން ސެންޓާއަށް ދައްކަންޖެހި ނުދައްކައިފައިވާ ފައިސާއެއްކަން ސާބިތުވާ ކަމަށެވެ. އެކަން ސާބިތު ވަނީ ސިއްހީ ސާމާނުތައް ފޯރުކޮށްދިނުމަށް ސެންޓާއިން ހުށަހެޅި ހުށަހެޅުމާއި އަގުތަކަށް އެއްބަސްވެ، މިނިސްޓްރީން 02 ސެޕްޓެމްބަރު 2007 ގައި ފޮނުވި ލިޔުންތަކުން ކަމަށެވެ.
ނަމަވެސް ސެންޓާއިން އެދިފައިވާ 3،637،940.00 ޑޮލަރު ނަގައިނުދެވޭނެ ކަމަށް ސިވިލް ކޯޓުން ހުކުމް ކުރިއެވެ. އެއީ އެ ފައިސާއަކީ ޑިޕާޓްމެންޓް އޮފް މެޑިކަލް ސާވިސަސް ދައްކަންޖެހޭ ފައިސާ ކަމަށް ގަބޫލުނުކުރެވޭތީ ކަމަށް ސިވިލް ކޯޓުން ހުކުމް ކުރިއެވެ.
ސިވިލް ކޯޓުގެ އެ ހުކުމް ހެލްތު މިނިސްޓްރީގެ ފަރާތުން ވަނީ ހައިކޯޓުގައި އިސްތިއުނާފު ކޮށްފައެވެ. މިނިސްޓްރީން ހައިކޯޓުގައި ބުނެފައިވަނީ މިއީ 28 އޮގަސްޓު 2007 ގައި ސޮއިކުރި އެއްބަސްވުމެއް ކަމަށާއި އެ އެއްބަސްވުމާ ގުޅޭ މައުލޫމާތާއި ލިޔެކިޔުންތައް ދައުލަތުގެ ކަމާ ގުޅުންހުރި އިދާރާތަކުގެ ރިކޯޑުތަކުން ހޯދުމަށް ގޮންޖެހުންތަކެއް ދިމާވި ކަމަށެވެ.
ސިވިލް ކޯޓުގައި ދައުވާއަށް ޖަވާބުދާރީވި އިރު، ދައުވާގެ ވަކި ބަޔަކަށް އިންކާރުކޮށް، ދެން ހުރި ކަންކަމަށް މައްސަލައާ ގުޅޭ ލިޔެކިޔުންތަކެއް ލިބުމުން ޖަވާބުދާރީވާނެ ކަމަށް ފޯމު ހުށަހެޅި ކަމަށް މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީން ބުނީ 2,011,510.99 ޑޮލަރު ހަރަދުކުރި ކަމަށް ސެންޓާއިން ބުނި ނަމަވެސް، އެ ހަރަދު ކުރި ގޮތެއް އެނގެން އޮންނަންވާނެ ކަމަށެވެ. ސެންޓާގެ 2007 2008, 2009, އަދި 2010 ވަނަ އަހަރުގެ ކުންފުނީގެ އަހަރީ ރިޕޯޓުތައް ހޯދައި، އެ އަހަރީ ރިޕޯޓުތަކާ އެކީ ހުށަހަޅާފައިވާ ކުންފުނީގެ ފައިނޭންޝަލް ސްޓޭޓްމަންޓްތައް ހޯދައި ދިރާސާ ކުރި އިރު، 2,011,510.99 ޑޮލަރު އެ ކުންފުންޏަށް ލިބެންޖެހޭކަން ނުވަތަ އެވަރުގެ މުއާމަލާތަކަށް ކުންފުނިން ހަރަދުކުރި ކަމަށް ބަޔާންކޮށްފައިނުވާ ކަމަށެވެ. އަދި އޮޑިޓް ރިޕޯޓުން ވެސް ފެންނަން ނެތް ކަމަށެވެ.
ސެންޓާގެ ފަރާތުން އެކަންކަމުގެ ރައްދުގައި ބުނެފައިވަނީ ކުންފުންޏެއްގެ އަހަރީ ރިޕޯޓަކީ، އެ ރިޕޯޓުގައި ބަޔާންކޮށްފައިވާ ކަންކަމުގެ މައްޗަށް އެކަނި ބިނާކޮށް، އެ ކުންފުންޏަކުން ކޮށްފައިވާ ހުރިހާ މުއާމަލާތްތަކަކީ ހަމައެކަނި މި ރިޕޯޓެއްގައި ބަޔާންކޮށްފައިވާ މުއާމަލާތްތައް އެކަނި ކަމަށް ކަނޑައެޅޭނެ އެއްޗެއް ނޫން ކަމަށާއި އަހަރީ ރިޕޯޓުގައި ނުހިމެނޭ އެހެން މުއާމަލާތްތަކަށް ދައުލަތުން ފައިސާ ދޫކޮށްފައިވާ ކަމަށެވެ.
ދައުވާގައި ހިމެނޭ މުއާމަލާތުގެ އެއްވެސް ލިޔުމެއް ފެންނަން ނެތް ކަމަށް މިނިސްޓްރީން ބުނާއިރު، 3 އޮގަސްޓް 2022 ގައި މިނިސްޓްރީން، ސިވިލް ކޯޓަށް ފޮނުވި ސިޓީގައި އިސްތިއުނާފު ރައްދުވާ ފަރާތުގެ ލިޔެކިޔުންތަކެއް ފެނިފައިވާ ކަމުގައި ސިވިލް ކޯޓަށް އަންގާފައިވާ ކަމަށް ސެންޓާއިން ބުންޏެވެ. އެއީ ހެލްތުން 22 އޮގަސްޓް 2022 ގައި އެޓާނީ ޖެނެރަލް އޮފީހަށް ފޮނުވާފައިވާ ލިޔުމުގައި ވެސް ފާހަގަ ކުރާ ކަމެއްކަމަށާއި މައްސަލަ ނިމިގެން ދިޔަ އިރުވެސް އެއީ ކޮން ލިޔުމެއް ކަމެއް މިނިސްޓްރީން ދަށު ކޯޓުގައި ހާމަކޮށްފައިނުވާ ކަމަށް ސެންޓާއިން ބުންޏެވެ.
ދެ ފަރާތުން ދެއްކި ވާހަަކަ އަޑުއެހުމަށްފަހު ހައިކޯޓުން ހުކުމް ކުރީ މި މައްސަލައިގައި ސިވިލް ކޯޓުން ކޮށްފައިވާ ހުކުމް ބާތިލު ކުރަންޖެހޭ ޝަރުއީ އަދި ގާނޫނީ ސަބަބެއް ނެތް ކަމަށެވެ.
މިއީ ހައިކޯޓުގައި މި މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ކުރި ހުކުމެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު