ކުރިއަށްއޮތް ރަމަޟާން މަހަށް ސަރުކާރުން ހަދިޔާކުރާ މަސްދަޅު ކޭސް، މިމަހުގެ 20 ވަނަ ދުވަހު މާލެ ސަރަހައްދުގައި ބެހުމަށް ނިންމައިފިއެވެ.

މިއަހަރުގެ ރޯދަ މަހު ކޮންމެ ގޭބިސީއަކަށް ހިލޭ މަސްދަޅު ކޭހެއް ދެއްވާނެކަން ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާންކުރައްވާފައިވަނީ، ސަރުކާރަށް އެއް އަހަރު ފުރުން ފާހަގަކުރުމަށް ސޯޝަލް ސެންޓަރުގައި، މިދިޔަ އަހަރުގެ ނޮވެމްބަރު 17 ގައި ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.

މިފްކޯގެ އޮފިޝަލަކު މިއަދު "ވަން" އަށް ވިދާޅުވީ މަސްދަޅު ކޭސް ބެހުމުގެ މަސައްކަތް ކުރިއަށްގެންދާނީ އެސްޓީއޯއިން ކަމަށެވެ.

"ޕްރޮޑަކްޝަން މިފްކޯ އިން ގެންދިޔަ ނަމަވެސް، މުޅި އޯޑަރު މެނޭޖުކޮށް ހައުސްހޯލްޑްތަކަށް ފޯރުކޮށްދޭނީ އެސްޓީއޯ އިން،" އޮފިޝަލް ވިދާޅުވިއެވެ.

އެސްޓީއޯ އިން މިއަދު ބުނީ މާލެ ސަރަހައްދުގައި މަސްދަޅު ކޭސް ބަހާނީ ހަމައެކަނި ދިވެހި ރައްޔިތުންނަށް ކަމަށާއި އެގޮތުން މިއަހަރު ސަރުކާރުން ގޭބިސީތަކަށް ބަހާ މަސްދަޅު ކޭސް މާލެ ސަރަހައްދުގައި ބެހުމަށް ނިންމާފައިވަނީ މިމަހުގެ 20 ވަނަ ދުވަހުން ފެށިގެން މިމަހުގެ 27 ވަނަ ދުވަހުގެ ނިޔަލަށް، މެންދުރުފަހު 2:30 އިން ހަވީރު 6:00 އަށް އަދި ރޭގަނޑު 8:30 އިން 11:00 އަށް ކަމަށެވެ. އަދި ގޭބިސީތަކަށް ބަހަން ހަމަޖެހިފައިވާ މަސްދަޅު ކޭހުގައި ހުންނާނީ 180 ގްރާމުގެ ތެޔޮމަހުގެ (ޗަންކްސް އިން އޮއިލް) 48 ދަޅު ކަމަށް އެސްޓީއޯ އިން ބުންޏެވެ.

މަސްދަޅު ކޭސް ދޫކުރާނީ ގޭގޭގެ ކަރަންޓު މީޓަރު ނަންބަރު ޗެކްކުރުމަށްފަހު، ބަލައި އަންނަ ފަރާތުގެ އައިޑީ ކާޑާއި ގުޅޭނެ ފޯނު ނަންބަރު ރެކޯޑު ކުރުމަށްފަހުގައި ކަމަށާއި މާލެ ސަރަހައްދުގެ ގޭބިސީތަކަށް މަސްދަޅު ކޭސް ދޫކުރުމުގެ މަސައްކަތް ކުރިއަށްގެންދާނީ މާލޭ ސިޓީ ކައުންސިލުގެ ބެލުމުގެ ދަށުން ކަމަށެވެ. އަދި އެ ތާރީހުތަކަށް އެއްވެސް ބަދަލެއް އަތުވެއްޖެ ނަމަ، އެކަން އަންގާނެ ކަމަށް އެސްޓީއޯ އިން ބުންޏެވެ.

އެސްޓީއޯ އިން އިތުރަށް ބުނީ އަތޮޅުތެރެއަށް ފޮނުވާ މަސްދަޅު ކޭސްތައް އެ ކުންފުނިން މިމަހުގެ ފަސްވަނަ ދުވަހުން ފެށިގެން ދޯނިފަހަރަށް އަރުވަން ފަށާފައިވާ ކަމަށާއި ރަށްރަށުގެ ގޭބިސީތަކަށް މަސްދަޅު ކޭސް ބެހުމުގެ މަސައްކަތް ކުރިއަށްގެންދާނީ އެ ރަށެއްގެ ކައުންސިލުން ކަމަށެވެ.

އެ މަސައްކަތް އެސްޓީއޯ އިން ކުރިއަށްގެންދަނީ ސަރުކާރުގެ އެކި މުއައްސަސާތަކާއި މިފްކޯ އާއި މޭލެ ސިޓީ ކައުންސިލު އަދި ރަށްރަށުގެ ކައުންސިލުތަކާ މަޝްވަރާކޮށް ގިނަ ފަރާތްތަކެއްގެ އެއްބާރުލުމާއެކުގައި ކަމަށް އެ ކުންފުނިން ބުންޏެވެ.

  • މާލެ ސިޓީ ކައުންސިލުގެ އާންމު ހިދުމަތްތަކާ ބެހޭ ބައި
  • މިފްކޯ އޮފީސް ގްރައުންޑް ފްލޯ
  • ވިލިމާލެ ސޯޝަލް ސެންޓަރު
  • ހުޅުމާލެ ފޭސް އެކެއްގައި ހުންނަ އުމަރު ޒާހިރު ބިލްޑިން
  • ހުޅުމާލެ ފޭސް ދޭއްގެ ހިޔާ ފުލެޓުގެ ދިހަވަނަ ފުލެޓުގައި ހުންނަ ޔޫތު ސެންޓަރު

ކުރިއަށްއޮތް ރޯދައަށް ސަރުކާރުން މަސްދަޅު ކޭސް ބަހާ އިރު، މިދިޔަ ރޯދަ މަހު ސަރުކާރުން ވަނީ ކޮންމެ ގޭބިސީއަކަށް 10 ކިލޯ ހަނޑޫ އަދި 10 ކިލޯ ފުށް ހިލޭ ދީފައެވެ. އެއީ 82،000 ގޭބިސީއަކަށް 1.6 މިލިއަން ކިލޯގެ ކާޑުގެ ބާވަތްތަކެވެ.