މަހުގެ އުފެއްދުންތައް ބާޒާރަށް ނެރުމަށް ކުދި އަދި މެދު ފަންތީގެ ވިޔަވާފިތަކަށް ލޯނު ދޫކުރުމަށް 1.8 މިލިޔަން ޑޮލަރު ހަމަޖެހިފައިވާ ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ޝިޔާމް މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކެންދޫ ދާއިރާގެ މެންބަރު މައުރޫފު ޒާކިރު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.

މެންބަރު ޒާކިރު މިނިސްޓަރާ ސުވާލު ކުރެއްވީ، މުޅި ދިރިއުޅުން މަސްވެރިކަމުގެ މައްޗަށް ބިނާވެފައިވާ ކަނޑުމަސް، ލައްޓ،ި ރާގޮނޑ،ި ހިކިކަނޑުމަހުގެ ގޮތުގައި ކައްކައ،ި ހިއްކައި ވިއްކައިގެން އާމްދަނީ ހޯދާފަރާތްތަކާއ،ި ފަރުމަސްވެރިކަން ކުރާ ފަރާތްތަކާއި، އެހެނިހެން ވެސް މަސްވެރިކަން ކުރާ ފަރާތްތަކަށް ދެމެހެއްޓެނިވި އާމްދަނީއެއް ހޯދައިދިނުމަށް ކުރަމުން އަންނަ މަސައްކަތްތަކާ ބެހޭގޮތުންނެވެ.

އެ ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، ހާއްސަކޮށް މަހުގެ އުފެއްދުންތައް އުފައްދައި ބާޒާރަށް ނެރުމަށް ބާރު އެޅުމުގެ ގޮތުން ހިންގަން ހަމަޖެހިފައިވާ މި ޕްރޮގްރާމްގައި ހިމެނޭ، 1.8 މިލިޔަން ޑޮލަރަކީ 27.7 މިލިޔަން ރުފިޔާ ކަމަށެވެ.

މި މަޝްރޫއުގެ ދަށުން ހުށަހަޅާ ޕްރޮޖެކްތްތަކުގެ ޖުމުލަ އަގުގެ 40 އިންސައްތަ ހިލޭ އެހީގެ ގޮތުގަިއ ލިބޭނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

އަދި ވިދާޅުވީ މި ޕްރޮގްރާމްގެ ދަށުން ފަންޑު ހޯދުމަށް ކުރިމަތިލެވޭނެ އުސޫލުތައް ކަނޑައަޅައި، އެޕްލިލޭޝަން ހުޅުވާލުމުގެ މަސައްކަތް މިހާރު ކުރައްވަމުން ގެންދަވާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، އެ މިނިސްޓްރީގެ ރިވޯލްވިން ފަންޑުން މިހާރުވެސް މަސްވެރިކަމުގެ ވިޔަފާރި ކުރާ ފަރާތްތަކަށް 18 މލިޔަން ރުފިޔާ ދޫކޮށްފައިވާ ކަމަށެވެ.