ބައިބައިނުވެ، އެކަކު އަނެކަކަށް އަޅައިލުމަށް އޭނާގެ ދަރީންނަށް، ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު އަދި ރާއްޖޭގެ އެންމެ ކާމިޔާބު އެއް ވިޔަފާރިވެރިޔާ ގާސިމް އިބްރާހިމް ވަސިއްޔަތްކުރައްވައިފިއެވެ.
ވިލާ ކޮލެޖުގެ ހޯލުގައި މިރޭ ބޭއްވި ރަސްމިއްޔާތެއްގައި ނެރުނު ގާސިމްގެ ހަޔާތްޕުޅުގެ މައްޗަށް ލިޔެފައިވާ ބަޔޮގްރަފީ ފޮތް ހާއްސަކުރައްވާފައިވަނީ އޭނާގެ ދަރިންނަށެވެ. އެގޮތުން އެ ފޮތުގައި ވަނީ އޭނާގެ ދަރިންނަށް ވަސިއްޔަތެއް ވެސް ކުރައްވައިފައެވެ.
ގާސިމްގެ އެ ވަސިއްޔަތުގައި ވިދާޅުވީ ކުދީންގެ ކުރިމަގުގެ ކާމިޔާބީ އޮތީ ވަރަށް އިހުލާސްތެރިކަމާއެކު އެކަކު އަނެކަކަށް އަޅައިލައިގެން އެކަތިގަނޑެއްގެ ގޮތުގައި ތިބެގެން ކަމަށާއި ދަރީންގެ އަތްމައްޗަށް މި ދޫކޮށްލަނީ ދަރީންގެ މައިންނަށާއި އަދި ދަރީންނަށް ބައްޕަ ދޭންޖެހޭ ވަގުތު ނުދެވި، މަސައްކަތުގައި ވެފައިވާ ގުރުބާނީގެ ސަބަބުން ހޯދުނު އެއްޗެއް ކަމަށެވެ.
އެހެންވީމާ އެ އިންވެސްޓުމަންޓުތައް ކުދީންގެ މެދުގައި ތެދުވެރިކަމާއި އިންސާފުވެރިގޮތުގައި ކުރިއަށްގެންދިއުމަކީ ވަރަށް މުހިންމު ކަމެއް ކަމަށާއި މިއީ ދަރީންގެ އަމިއްލަ އިންވެސްޓުމަންޓުތަކަށް ވިޔަސް އެ ހޯދުމަށް ބައްޕަވީ ގުރުބާނީ ހިތުގައި ބަހައްޓައިގެން، ގައުމަށް ފައިދާކުރާނޭ ގޮތަށް ބިނާކުރަމުން ގެންދިއުމަށް ގާސިމްގެ ވަސިއްޔަތުގައި ވިދާޅުވިއެވެ.
"ބައްޕަގެ ވަސިއްޔަތަކީ ތިޔަކުދިން ބައިބައިވެގެން ނުދިއުމެވެ. އެއް ކުއްޖަކު އަނެއް ކުއްޖަކު އަޅައިލުމެވެ. އަކީގައި އުޅޭ އިރު، ހިތްހަމަނުޖެހޭ ކަންތައްތަކާ ދިމާވިޔަސް ކެތްތެރިވާށެވެ. ވިސްނުންތެރިވާށެވެ. ހިތްހަމަނުޖެހޭ ކަންކަމާ ދިމާވުމުން ވަކިވެގެން ލިބޭ އެއްޗެއް ހިފައިގެން ގޮސް އުޅޭ އިރު، ވަރަށް ގިނަ ފަހަރު ކާމިޔާބު މަސައްކަތަކާ ހަމައަށް ނުދެވިދާނެއެވެ..،" ގާސިމްގެ ވަސިއްޔަތުގައި ވިދާޅުވިއެވެ.
ވަސިއްޔަތުގައި ގާސިމް ވިދާޅުވީ ބައްޕަ ދެކެން ބޭނުންވަނީ ތިޔަ ކުދީންނަށްޓަކައި ބައްޕަ ބިންގާ އަޅައި، ފަށާފައިވާ ކަންކަން ތިޔަ ކުދީން އިހުލާސްތެރިކަމާއެކު މަސައްކަތްކޮށް، މިއަށްވުރެ ވެސް ފުޅާކުރެވިގެންދާނެ ދުވަހެއް ކަމަށެވެ. އެއްވެސް އިންސާނަކަށް އޭނާ އެދޭ ހުރިހާ ކަމެއް މި ދުނިޔޭގައި ފުރިހަމަނުވާނޭ ކަމާއި، ތަނަވަސްކަމަކީ ދުނިޔޭގައި ނިމުމެއް އޮތް ކަމެއް ނޫންކަން ހަނދާނުގައި ބެހެއްޓުމަށް ވެސް ވަސިއްޔަތްކުރެއްވިއެވެ.
ބައްޕަގެ ހަޔާތުގެ އެންމެ މުހިންމު އެއް ބަޔަކީ އިންސާނިއްޔަތަށް އެހީތެރިވުން ކަމަށާއި ކުރިމަތިލާން ޖެހުނު އަނިޔާތަކާއި ހުރަސްތަކާއެކުވެސް، ދިވެހި ގައުމަށާއި ރައްޔިތުންނަށް ހިދުމަތް ކުރުން ކަމަށެވެ. އަދި އެކަން އެންމެ ފަހު ނޭވާއާ ހަމައަށް ވެސް ދެމިއޮންނާނެ ކަމަށް ގާސިމްގެ ވަސިއްޔަތުގައި ވިދާޅުވިއެވެ.
"އެއީ ބައްޕަގެ ދަރިންނަށާއި، ކާފަދަރިންނަށާއި އަދި ފަހަށް ދެމިގެންދާ ދަރިކޮޅަށް ދޫކޮށްދާ ހަނދާންތަކެކެވެ. ދަރިފުޅުމެންގެ ކާފަ، ބުރުމާ އިބްރާހީމްގެ ފަރާތުން ބައްޕައަށް ލިބުނު އެންމެ މުހިންމު ފިލާވަޅަކީ ދަތި ހާލުގައި ޖެހިފައިވާ މީހުންނަށް ވެވުނު ވަރަކުން އެހީވުމެވެ. ތިޔަ ކުދިން ވެސް، ބައްޕަގެ ވަސިއްޔަތެއްގެ ގޮތުގައި ދެކެންވީ، އަބަދުވެސް ދަތި ހާލުގައި ޖެހިފައި ތިބޭ މީހުންނާ މެދު ރަހުމުކޮށް އެހީތެރިވުމުގެ އަތްތިލަ ހުޅުވާލައިގެން ތިބުމަށެވެ. އިސްރާފު ނުކުރުމަށެވެ..،" ގާސިމްގެ ވަސިއްޔަތުގައި ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ ހުރިހާ ދަރީންގެ ތެރެއިން އެންމެ އިސްކޮށް މަސްއޫލިއްޔަތު ހަވާލުކުރަނީ އިބްރާހީމް ސިޔާދު ގާސިމްއާ ކަމަށާއި އޭނާ ނެތް ދުނިޔޭގައި ދެން އެންމެ ރަނގަޅަށް ހަރުދަނާކޮށް ކަންތައްކުރާ ކުއްޖަކު އިސްކޮށްގެން އޭނާގެ ފަހަތުން ހުރިހާ ކުދިން ވެސް އެކީގައި އުޅުމަށް ވަސިއްޔަތްކުރައްވާ ކަމަށެވެ. އަދި ހުރިހާ ކުދީން ވެސް ވަކިވަކި ކުދީންގެ ހައްގުތަކަށް ރައްކާތެރިވުމަށް ވެސް ގާސިމް ވަސިއްޔަތްކުރެއްވިއެވެ.
ގާތްމީހަކު ކަމެއް ގޯސްކުރަން ނަސޭހަތްދިނަސް އެކަހަލަ ކަންތައްތަކުގައި ބައިވެރިނުވުމަށާއި، ބަޔަކު ނުބައި ރޭވުމެއް ރާވައިގެން ދެރައެއް ދޭން އުޅުނަސް އެ ބަޔަކަށް ބަދަލުގައި ދެރައެއް ދޭން ނުވިސްނުމަށް ވެސް ގާސިމް ނަސޭހަތްތެރިވިއެވެ.
ވިސްނަންވީ ހަމައެކަނި އެކަމަކު ސަލާމަތްވެވޭނެ ގޮތެއް ހޯދައިގެން ސަލާމަތްވުމަށް ކަމަށާއި ތިމާ ދެކެ މީހަކު ރުޅި އައިސްގެން އުޅުނަސް އެމީހާއަށް ދެރައެއް ދިނުމުގެ ވިސްނުން ނުގެންގުޅުމަށް ވަސިއްޔަތްކުރައްވާ ކަމަށް ގާސިމް ވިދާޅުވިއެވެ. އަދި ގާސިމް ވަނީ ދަރީންގެ މައިންނަށް ހާއްސަ ޝުކުރެއް އަދާކުރައްވައި، ނަސޭހަތްތަކެއް ދެއްވައިފައެވެ.
"ބައްޕަގެ ދަރިންގެ މަންމައިންގެ ކިބައިން އެދެނީ، އެއް ކުއްޖަކު އަނެއް ކުއްޖަކަށް ހަސަދަވެރިކަން އުފެދިދާނެ ފަދަ ކަމަކަށް މަގު ތަނަވަސްވިޔަ ނުދީ، އުފާވެރި ސުލްހަވެރި ހަޔާތެއްގައި އެ ކުދިން އުޅުމަށް ނަސޭހަތްތެރިވުން މަތީގައި ދެމިތިބުމަށެވެ. ތިޔަ މައިން ތަރުބިއްޔަތު ކުރި ދަރީންނާ މެދު އަހަރެން ފަހުރުވެރިވަމެވެ. ތިޔަ މައިންވި ގުރުބާނީގެ އަގު އަހަރެން ވަޒަންކުރަމެވެ..،" ގާސިމްގެ ވަސިއްޔަތް ނިންމަވައިލައްވަމުން ވިދާޅުވިއެވެ.
ގާސިމްގެ ބަޔޮގްރަފީ ނެރެދެއްވީ ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމްގެ ސަރުކާރުގައި ވަޒީރުކަން ކުރެއްވި ނިޝާން އިއްޒުއްދީން އިއްޒަތުގެ ވެރިޔާ އިލްޔާސް އިބްރާހީމެވެ. ގާސިމްގެ ބަޔޮގްރަފީ ލިޔުއްވާފައިވަނީ ތަޖުރިބާކާރު ނޫސްވެރިޔާ އަދި ލިޔުންތެރިޔާ މުހައްމަދު ޖަމީލެވެ.
ހަތްސަތޭކަ އަށްވުރެ ގިނަ ސަފުހާގެ މައްޗަށް ޖަމީލް ލިޔުއްވާފައިވާ އެ ފޮތުގައި ގާސިމްގެ ޒާތީ، ވިޔަފާރި، އަދި ސިޔާސީ ހަޔާތުގައި ކުރިމަތިލައްވަން ޖެހިވަޑައިގެންނެވި މައިގަނޑު ހުރިހާ ކަމަކަށް އަލިއަޅުވާލާފައިވެއެވެ. އަދި އެ މަނިކުފާނުގެ ކާމިޔާބުތަކާއި ނާކާމިޔާބުތަކާއި ދަރުމަވެރި ހިދުމަތްތަކާއި ވިޔަފާރި އާއި އިޖުތިމާއީ ދައުރާއި އާއިލީ ދިރިއުޅުއްވުމާއި ސިޔާސީ ގޮތުން ދިވެހިރާއްޖެއަށް އައިސްފައިވާ ބޮޑެތި ބަދަލުތަކުގައި އެ މަނިކުފާނު ތަޖުރިބާ ކުރައްވަން ޖެހިވަޑައިގެންނެވި ކަންކަން ވެސް ވަރަށް ތަފްސީލީ ގޮތެއްގައި މި ފޮތުގައި ހިމަނުއްވާފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު