ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު އަދި ރާއްޖޭގެ އެންމެ ކާމިޔާބު އެއް ވިޔަފާރިވެރިޔާ ގާސިމް އިބްރާހިމްގެ ހަޔާތްޕުޅުގެ މައްޗަށް ލިޔެފައިވާ ބަޔޮގްރަފީ ފޮތް ނެރެފިއެވެ.

ވިލާ ކޮލެޖުގެ ހޯލުގައި މިރޭ ބޭއްވި ރަސްމިއްޔާތެއްގައި ގާސިމްގެ ބަޔޮގްރަފީ ނެރެދެއްވީ ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމްގެ ސަރުކާރުގައި ވަޒީރުކަން ކުރެއްވި ނިޝާން އިއްޒުއްދީން އިއްޒަތުގެ ވެރިޔާ އިލްޔާސް އިބްރާހީމެވެ. ގާސިމްގެ ބަޔޮގްރަފީ ލިޔުއްވާފައިވަނީ ތަޖުރިބާކާރު ނޫސްވެރިޔާ އަދި ލިޔުންތެރިޔާ މުހައްމަދު ޖަމީލެވެ.

މިރޭ ބޭއްވި ރަސްމިއްޔާތުގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކާއި ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން އަދި ސަރުކާރުގެ ބައެއް ވަޒީރުން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ހަތްސަތޭކަ އަށްވުރެ ގިނަ ސަފުހާގެ މައްޗަށް ޖަމީލް ލިޔުއްވާފައިވާ އެ ފޮތުގައި ގާސިމްގެ ޒާތީ، ވިޔަފާރި، އަދި ސިޔާސީ ހަޔާތުގައި ކުރިމަތިލައްވަން ޖެހިވަޑައިގެންނެވި މައިގަނޑު ހުރިހާ ކަމަކަށް އަލިއަޅުވާލާފައިވެއެވެ. އަދި އެ މަނިކުފާނުގެ ކާމިޔާބުތަކާއި ނާކާމިޔާބުތަކާއި ދަރުމަވެރި ހިދުމަތްތަކާއި ވިޔަފާރި އާއި އިޖުތިމާއީ ދައުރާއި އާއިލީ ދިރިއުޅުއްވުމާއި ސިޔާސީ ގޮތުން ދިވެހިރާއްޖެއަށް އައިސްފައިވާ ބޮޑެތި ބަދަލުތަކުގައި އެ މަނިކުފާނު ތަޖުރިބާ ކުރައްވަން ޖެހިވަޑައިގެންނެވި ކަންކަން ވެސް ވަރަށް ތަފްސީލީ ގޮތެއްގައި މި ފޮތުގައި ހިމަނުއްވާފައިވެއެވެ.

މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ގާސިމް ވިދާޅުވީ ސިޔާސީ ދާއިރާ އާއި ވިޔަފާރީގެ ދާއިރާއަށް ވެސް ވަދެވެގެންދިޔައީ އުޅުނު މާހައުލުގެ ގޮތުން ކަމަށާއި އެގޮތުން އެންދެރިމާގޭގައި އުޅުއްވި އިރު، އިލްޔާސާއި އައްބާސް އިބްރާހިމް ފަދަ ބޭފުޅުންގެ ފަރާތްޕުޅުން ގިނަ ކަންތައްތަކެއް ދަސްވެގެންދިޔަ ކަމަށެވެ. އަދި އެއަށްފަހު އެ ދާއިރާތަކުން ގިނަ ތަޖުރިބާތަކެއް ކުރެވިގެންދިޔަ ކަމަށް އޭނާ ވިދާޅުވިއެވެ.

ގާސިމްގެ ބަޔޮގްރަފީގެ ހާޑްކަވަރު އެޑިޝަނުގެ އިތުރުން އޯޑިއޯ ބުކް އަދި ހާއްސަ ވެބްސައިޓެއް ވެސް މިރޭ އިފްތިތާހުކުރިއެވެ. އޭގެ އިތުރުން ގާސިމްގެ ހަޔާތްޕުޅު ކުރު ގޮތަކަށް ދައްކައިދޭ ފޮޓޯ މައުރަޒެއް ވެސް ވިލާ ކޮލެޖުގައި ހުޅުވުނެވެ. އެ މައުރަޒަށް މާދަމާ ހެނދުނު 9:00 އިން ރޭގަނޑު 10:30 އަށް އާންމުންނަށް ވަދެވޭނެއެވެ. މައުރަޒަށް ޒިޔާރަތްކުރާ މީހުންނަށް ބަޔޮގްރަފީގެ ކޮޕީއެއް ހިލޭ ދޭ ގޮތަށް ވަނީ ހަމަޖެހިފައެވެ.

ގާސިމް އިބްރާހީމަކީ ރާއްޖޭގެ ވިޔަފާރީގެ ދާއިރާއަށް އިންގިލާބީ ބަދަލުތަކެއް ގެނެސްދިނުމުގައި އެންމެ އިސްދައުރެއް އަދާކުރެއްވި ބޭފުޅާއެވެ. ހާއްސަކޮށް ޓޫރިޒަމް ދާއިރާއަށް ގިނަ އިސްވެސްޓްތަކެއް ކޮށް އެ ދާއިރާ ކުރިއަރުވަން ގިނަ މަސައްކަތްތަކެއް ކުރެއްވިއެވެ.

ގާސިމް ވަނީ ތައުލީމީ ދާއިރާ އާއި ސިއްހީ ދާއިރާއިން ވެސް އެތައް ބަޔަކަށް އެހީތެރިކަން ފޯރުކޮށްދެއްވައިފައެވެ. އެގޮތުން ސްކޮލާޝިޕްގެ ފުރުސަތުތައް ފަހިކޮށްދީ، ބޭސްފަރުވާއަށް ބޭނުންވާ ފަރާތްތަކަށް ގިނަ ހަރަދުތަކެއް ވެސް ގާސިމް ވަނީ ކުރައްވައިފައެވެ.

ރާއްޖޭގެ ސިޔާސީ ދާއިރާގައި ވެސް ގާސިމް ވަނީ ގިނަ ހިދުމަތްތަކެއް ކުރައްވައިފައެވެ. އެގޮތުން މިހާރު އަމަލުކުރަމުން އަންނަ ގާނޫނުއަސާސީ އެކުލަވާލި ރައްޔިތުންގެ ހާއްސަ މަޖިލީހުގެ ރައީސްކަމުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގައި އެންމެ ގިނަ ދުވަހު މެންބަރުކަން ކުރެއްވި އެއް ބޭފުޅަކީ ވެސް ގާސިމެވެ.

އޭގެ އިތުރުން ރާއްޖޭގެ އެންމެ ބޮޑު އެއް ޕާޓީ، އެމްޑީޕީ އުފެއްދެވުމުގައި އެންމެ ފުރަތަމަ ސޮއިކުރެއްވި މީހުންގެ ތެރޭގައި ވެސް ގާސިމް ހިމެނިވަޑައިގަންނަވައެވެ. އޭގެފަހުން ޑީއާރްޕީގައި އުޅުއްވުމަށްފަހު އަމިއްލަ ޕާޓީ، ޖުމްހޫރީ ޕާޓީ އުފައްދަވައި އެ ޕާޓީގެ ލީޑަރުކަން ގެންދަވަނީ ފުރުއްވަމުންނެވެ.

ގާސިމް ވަނީ ސަރުކާރުގެ ގިނަ މަގާމުތަކެއް ވެސް ފުރުއްވައިފައެވެ. އެގޮތުން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ވެރިކަމުގައި ފިނޭންސް މިނިސްޓަރުކަމާއި އެމްއެމްއޭގެ ގަވަރުނަރުކަން ކުރައްވައިފައެވެ. އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ވަނީ ހޯމް މިނިސްޓަރުކަން ކުރައްވައިފައެވެ.