ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމު ބޭނުންވެގެން ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު، އެ ޕާޓީގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު، މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ނޫޅުއްވާ ކަމަށް ޖޭޕީން ބުނެފިއެވެ.

މިއަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރިޔާސީ ބަޔާން ދެއްވައި ނިމުމުން، މަޖިލީހުގެ އިދާރާގައި ގާސިމް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަނީ ރައީސް މުއިއްޒަށާއި ސަރުކާރަށް ވަރަށް ބޮޑު ތައުރީފު ކުރައްވައިފައެވެ.

އެކަމާ ގުޅިގެން، ޕީޕަލްސް ނޭޝަނަލް ފްރަންޓް (ޕީއެންއެފް) އިން ރޭ ބޭއްވި ޖަލްސާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެފައިވަނީ ގާސިމް ކުއްލިއަކަށް ސަރުކާރަށާއި ރައީސް މުއިއްޒަށް އެހާ ވަރަށް ތައުރީފު ކުރައްވަނީ މަޖިލީހުގެ ރައީސްގެ މަގާމަށް ޝައުގުވެރިވާތީ ކަމަށެވެ. ގާސިމް އެ މަގާމަށް ޝައުގުވެރިވަނީ މަޖިލީހުގެ ރައީސްގެ މަގާމު ހުސްވާހެން އުޅޭތީ ކަމަށް ޔާމީން ވިދާޅުވެފައިވެއެވެ.

ޔާމީންގެ އެ ވާހަކަތަކާ ގުޅިގެން ޖޭޕީން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ އަމިއްލަ ހޮޅުއަށީގައި (ޕީއެންއެފް އޮފީހުގައި) ޔާމީން އިނދެގެން ގާސިމާ މެދު މީހުންގެ ހިތްތަކުގައި ނަފުރަތު އުފެއްދުމަށް ދައްކަވާ ވާހަކަތައް ކުށްވެރިކުރާ ކަމަށެވެ. ޖޭޕީން ބުނީ 3،000 މެންބަރުން ހަމަނުވާ ޕާޓީއެއްގައި ޔާމީން ހުންނަވައިގެން ދައްކަވާ ވާހަކަތައް ހުދު ޔާމީނަށް ވެސް މޭރުންނުވާ ކަމަށެވެ.

"ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ގޮނޑި ހުސްވާން އުޅޭކަން ޒާތެއްގެ ކަހީނުކަމަކުން ޔާމީނަށް އެނގުނަސް އަޅުގަޑުމެންނަކަށް އެކަމެއް ނޭނގެއެވެ. ވެރިކަމުގެ ފަސް އަހަރުގެ ތެރޭގައި އެތަކެއް ނާއިބު ރައީސުން އަތުކޮޅަށް ހޫރާލި މީހަކަށް އެހެންވެސް ހީވާނެތާއެވެ. އޮނަރަބަލް ގާސިމް އިބްރާހިމް އެއްވެސް ހާލަތެއްގައި ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން ބޭނުންފުޅުވެގެން ނޫޅުއްވައެވެ. އެމަނިކުފާނު މަޖިލިސްކުރާ ގޭގައި ނޫސްވެރިންނާ ބައްދަލުކުރެއްވީ މިއަދުގެ ސިޔާސީ މަސްރަހާއި ގައުމުގެ ހާލަތާ މެދު އެމަނިކުފާނު ދެކިވަޑައިގަންނަވާ ގޮތް ހާމަކުރެއްވުމަށެވެ..،" ޖޭޕީން ބުންޏެވެ.

ޖޭޕީން ބުނީ ޔާމީންގެ އަމިއްލަ ދުލުން ގެކޮޅު ދޫވެއްސަށް ވަދެފައިވާ ތަކެތީގެ ހަލާލާއި ހަރާމުގެ ވާހަކަ ވެސް އެ މަނިކުފާނު ދެއްކެވި ކަމަށެވެ. މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ބޮޑު ވައްކަމުން ރެކިގަންނަން ޔާމީން އުޅުއްވިޔަސް އެ ހިޔާނާތުގެ ފައިސާ ވަނީ އެ މަނިކުފާނުގެ ގެކޮޅަށް ވަދެފައި ކަމަށް ޖޭޕީން ބުންޏެވެ.

"ފޭބިއިރު މަތިބަލައިލީމާ ތޮފި ވެއްޓޭވަރުގެ އިމާރާތަކާއި އަދިވެސް ލައްކަ ސާމާނު ހުއްޓެވެ. ކޮންތާކުން ތިލަވި މުއްސަނދި ކަމެއް ހެއްޔެވެ. ލައްގަޅޭ ލައްގަޅޭ ގޮވައިގޮވައި އިންދާ ލެއްގި ފައިސާ ހެއްޔެވެ..،" ޖޭޕީން ބުންޏެވެ.

ގާސިމަކީ އެއްވެސް ވެރިކަމެއްގައި ނުހައްގު މުއްސަނދި ކަމެއް ހޯއްދެވި ބޭފުޅެއް ނޫން ކަމަށް ޖޭޕީން ބުންޏެވެ. ގަވާއިދާހިލާފަށް ގާސިމް ހޯއްދެވި ފަޅެއް، ފަރެއް، ފިނޮޅެއް، ގިރިއެއް އަދި ބިމަކާއި ފައިސާ ފޮށި ގަނޑެއް ވެސް ނޯންނާނެ ކަމަށް ޖޭޕީން ބުންޏެވެ. ގާސިމްގެ ނަން ކިލަބުވާ ގޮތަށް ހަދަހަދައިގެން ވާހަކަ ދެއްކިދާނެ ކަމަށާއި ނަމަވެސް ހަގީގަތް ސާފުކޮށް ފެންނަން އޮންނާނެ ކަމަށް ޖޭޕީން ބުންޏެވެ.

ޖޭޕީން ބުނީ ގާސިމަކީ ދީލަތި، ނަމޫނާ ބޭފުޅެއް ކަމަށާއި އާސަންދައާއި ބޭސް ފަރުވާގެ ހިލޭ އެހީގެ ނިޒާމު ނެތް ޒަމާނުގައި ވެސް ގާސިމް ވަނީ އަމިއްލަ ޖީބުން އެހީތެރިކަން ފޯރުކޮށްދެއްވާފައި ކަމަށެވެ. އަދި ތައުލީމީ ޖީލެއް ބިނާކުރުމުގެ ގޮތުން ގާސިމް ފެއްޓެވި މަސައްކަތުގެ ނަތީޖާ ވެސް ފެންނަން އެބަހުރި ކަމަށް ޖޭޕީން ބުންޏެވެ. ގާސިމް ކޮށްދީފައިވާ އެފަދަ ކިތަންމެ ކަމެއް ބުނެދެވިދާނެ ކަމަށް ޖޭޕީން ބުންޏެވެ.

ނަމަވެސް ޔާމީން ކޮށްދެއްވި އެފަދަ ކަމެއް ނޯންނާނެ ކަމަށް ޖެޕީން ބުންޏެވެ. ޔާމީނަށް ވެރިކަން ލިބިވަޑައިގަތީމާ އެ މަނިކުފާނު ވަނީ ހުރިހާ ސިޔާސީ ބޭފުޅުން ޖަލަށް ލައިފައި ކަމަށް ޖޭޕީން ބުންޏެވެ. ޔާމީން ދައުލަތުގެ މާލިއްޔަތު ވައްދާފައިވަނީ އަލިކިލެގެފާނުމަގުގައި ހުރި ގެޔަކަށް ކަމަށް ޖޭޕީން ބުންޏެވެ. އެ ވާހަކަތައް ދައްކާފައިވަނީ ޔާމީންގެ އަމިއްލަ ދުލުން ކަމަށް ޖޭޕީން ބުންޏެވެ.

އެންމެފަހުން ހދ. ކުޅުދުއްފުށީގައި ތާރުގަނޑެއްގައި ރަންވޭއެކޭ ކިޔާފައި ފުލައިޓެއް ޖައްސުވައިގެން ވާރެޔާ ތެމިފޯވެ، ރައްޔިތުން ކައިރީގައި އެ މަނިކުފާނަށް އަލުން ވެރިކަންދިނުމަށް އެދުމުން ވެސް ރައްޔިތުން ވަނީ ޔާމީނަށް ނޫނެކޭ ބުނެފައި ކަމަށް ޖޭޕީން ބުންޏެވެ.