ކުށް ކުރުމަށް ބޭނުންކުރި މުދަލާއި ފައިސާ އާއި، ކުށްކޮށްގެން ހޯދާ މުދަލާއި ފައިސާގެ އިތުރުން، ކުށްކޮށްގެން ހޯދަން އުޅޭ ހޯދާ މުދަލާއި ފައިސާ ދައުލަތަށް ނަގަން، ހިމަނައި ގޭންގުކުށްތައް ހުއްޓުވުމުގެ ބިލް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް މި ބިލް ހުށަހެޅުއްވީ، މައްޗަންގޮޅި ދެކުނު ދާއިރަގެ މެންބަރު މުސްތަފާ ހުސެއިންއެވެ.

ބިލުގައި ކަނޑައަޅާފައިވާ ހަ ކުށުންކުރެ ކުށެއް ސާބިތުވެއްޖެނަމަ، އެމީހެއްގެ ފައިސާއާއި މުދާ ދައުލަތަށް ނެގުމަށްޓަކައި ކޯޓުއަމުރެއް ނެރެންވާނެ ކަަމަށްވަނީ ބުނެފައެވެ.

  • ކުށް ކުރުމަށް ބޭނުންކުރި ފައިސާ ނުވަތަ މުދާ
  • ކުށް ކޮށްގެން ހޯދާ މުދާ، ނުވަތަ ކުށްކޮގެން ހޯދާ މުދަލުން ހޯދާ ފައިސާ އާއި މުދާ
  • ކުށް ކޮށްގެން ހޯދަން އުޅޭ ނުވަތަ ހޯދާފައިވާ ފައިސާ ނުވަތަ މުދާ
  • ކުށް ކުރުމަށް ބޭނުންކުރި މުދާ
  • ކުށް ކޮށްގެން ހޯދާ މުދަލަކާ އެކުވެފައިވާ ފައިސާ ނުވަތަ މުދާ
  • ކުށްކޮށްގެން ހޯދާ މުދަލަކުން، ސީދާގޮތެއްގައި ނުވަތަ ނުސީދާގޮތެއްގައި ލިބޭ މުދާ

މީގެ ތެރެއިން ކުށެއް ޝަރީއަތުގައި ސާބިތު ނުވި ނަމަވެސް، މީހެއްގެ ފައިސާއާއި މުދާ ދައުލަތަށް ނެގޭ ހާލަތެއް ވެސް ބިލުގައި ވަނީ ކަނޑައަޅައިފައެވެ.

  • ކުށް ސާބިތުނުވާ ހާލަތުގައި، އެ ކުށަކާ ގުޅިފައިވާ ފައިސާ ނުވަތަ މުދާ ދައުލަތަށް ނެގުމުގެ އަމުރެއް ނެރެދިނުމަށް ކުށުގެ ދައުވާ އުފުލިއިރު ޕީޖީގެ ފަރާތުން އެދިފައިވުން
  • ދައުވާ ލިބޭ ފަރާތަކީ ކުށުގެ ރެކޯޑެއް އޮތް ފަރާތަކަށްވުން
  • ދައުވާ ލިބޭ ފަރާތަށް ތުހުމަތުކުރެވޭ ކުށުން ނުވަތަ އެ ކުށާ ގުޅިފައިވާ އަމަލަކުން، ސީދާ ގޮތެއްގައިވިޔަސް ނުވަތަ ނުސީދާ ގޮތެއްގައިވިޔަސް، ގާނޫނު ހުއްދަނުކުރާ މަންފާއެއް ލިބިފައިވާކަމުގައި، ފުލުހުންގެ ތަހުގީގަށް އެކަށީގެންވާ ހެކި ލިބިފައިވުން
  • އެ ކުށަކާ ގުޅިގެން ދައުލަތަށް ނެގުމަށް ބޭނުންވާ ފައިސާ ނުވަތަ މުދަލަކީ ގާނޫނު ހުއްދަކުރާގޮތުގެ މަތިން ހޯދާފައިވާ މުދާ ނުވަތަ ފައިސާކަން ދައުވާ ލިބޭ ފަރާތަށް ސާބިތުކޮށްނުދެވުން