ވިނަރެސްގެ ތިން ކޮޓަރީގެ އެޕާޓްމެންޓުތަކުގެ ތެރެއިން އެއް އެޕާޓްމެންޓް ކުއްޔަށް ދިނުމާއި ވިއްކުން ފަދަ މުއާމަލާތްތައް ވަގުތީ ގޮތުން ހުއްޓާލުމަށް ހައިކޯޓުން އިއްޔެ އަމުރެއްކޮށްފިއެވެ.
މި މައްސަލައަކީ ސ. ހިތަދޫ ފިތުރޯނުގެ މަސްތޫރު ހުސްނީ އަދި ސ. ހިތަދޫ ފިތުރޯނުގެ، މަރީރު މުހައްމަދު ހުސްނީގެ ފަރާތުން ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)އާ ދެކޮޅަށް އިސްތިއުނާފު ކުރި މައްސަލައެކެވެ.
ސީލައިފް ގްލޯބަލް ޕްރައިވެޓް ލިމިޓެޑް އާއި އެޗްޑީސީއާ ދެމެދު ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އިމާރާތް ކުރުމަށް ހެދި އެއްބަސްވުމުގެ ދަށުން، ސީލައިފުން ވިއްކުމަށް ހުޅުވާލި ހުޅުމާލެ އެޕާޓްމަންޓް ތަކެއްގެ ތެރެއިން ތިން އެޕާޓްމަންޓަކަށް މަސްތޫރު ހުސްނީގެ ނަމުގައި ބުކިން ފީ ދައްކާފައިވަނިކޮށް، އެ މަޝްރޫއު ކުރިއަށް ނުގެންދިއުމަށް ނިންމުމާ ގުޅިގެން، އެކަން ހައްލުކުރުމުގެ ގޮތުން ހައުސިން ޔުނިޓް ގަތުމަށް ސީލައިފަށް ބުކިން ފީ ދައްކާފައިވާ ފަރާތްތަކަށް ހުޅުމާލޭގައި ހަދާ "ވިނަރެސް" އެޕާޓްމަންޓްތަކުން، އެޕާޓްމަންޓް ގަތުމުގެ ފުރުސަތު އެޗްޑީސީން ވަނީ ހުޅުވާލައިފައެވެ.
ސީލައިފްއަށް މަސްތޫރު ހުސްނީ ފައިސާ ދެއްކި ދެ އެޕާޓްމަންޓްގެ ބަދަލުގައ،ި ވިނަރެސް އެޕާޓްމަންޓްތަކުން ދެ އެޕާޓްމަންޓް ގަތުމަށް އެދުމުން، އެޗްޑީސީން ދީފައިވަނީ އެންމެ އެޕާޓްމަންޓެއް ގަތުމުގެ ފުރުސަތު ކަމަށްވާތީ، ވިނަރެސް އިން އެޕާޓްމަންޓެއް ގަތުމުގެ ފުރުސަތު ދިނުމަށް އެޗްޑީސީގެ މައްޗަށް އަމުރުކޮށްދިނުމަށާއީ، ސީލައިފުން އެޕާޓްމަންޓްތައް ގަތުމަށް ދެއްކި ބުކިން ފީގެ ތެރެއިން ނުލިބިވާ ދެ އެޕާޓްމަންޓަށް ދެއްކި 100،000 ރުފިޔާގެ ތެރެއިން 50,000 ރުފިޔާ ވިނަރެސް އެޕާޓްމަންޓް ގަތުމުގެ ޑައުންޕޭމަންޓްގެ ގޮތުގައި ހަމަޖެއްސުމަށް އެޗްޑީސީގެ މައްޗަށް އަމުރުކޮށްދިނުމަށާއި، އަނެއް 50,000 ރުފިޔާ އެއްފަހަރާ އެޗްޑީސީން ދެއްކުމަށް އަމުރުކޮށްދިނުމަށް އެދި މަސްތޫރު ހުސްނީ އާއި މަރީރު މުހައްމަދު ހުސްނީގެ ފަރާތުން ވަނީ ސިވިލް ކޯޓަށް މައްސަލަ ހުށަހަޅައިފައެވެ.
އެ ދައުވާއާ ގުޅިގެން އެޗްޑީސީން ބުނެފައިވަނީ ކަނޑައަޅާފައިވާ އުސޫލުގެ ދަށުން ފައިސާ ހޯދުމަށް އެދި ހުށަހަޅާފައި ނެތުމުން، ދައުވާގައި މަސްތޫރު ހުސްނީގެ ފަރާތުން ހޯދުމަށް އެދިފައިވާ 50،000 ރުފިޔާ ދޭން ނުޖެހޭނެ ކަމަށެވެ. އެޗްޑީސީން ބުނެފައިވަނީ މަރީރު މުހައްމަދު ހުސްނީއަކީ ސީލައިފަށް ފައިސާ ދެއްކި ފަރާތް ނޫން ކަމަށާއި މަސްތޫރު ހުސްނީ މެދުވެރިކޮށް ފައިސާ ދައްކާފައިވާކަމަށް ބުނާއިރު، ފައިސާގެ ރަސީދު ހުށަހަޅާފައި ނުވާ ކަމަށެވެ. އިއުލާނުގައި ބަޔާން ކުރި މުއްދަތުގައި އެޕްލިކޭޝަން ހުށަހަޅާފައި ނުވާތީ އާއ،ި ވިނަރެސް މަޝްރޫއުން ބާކީ ދެ އެޕާޓްމެންޓެއް ލިބެން ނެތުމުން ދައުވާއަށް އިންކާރުކުރާ ކަމަށެވެ.
އެޗްޑީސީން ބުނީ ވަގުތީ އަމުރަށް އެދުނު ފަރާތަކީ ސީލައިފަށް ފައިސާ ދެއްކި ފަރާތެއްކަން ސާބިތުވާ ކާފީ ހެއްކެއް ނެތް ކަމަށެވެ. އަދި އެ ފަރާތަކީ ސީލައިފަށް ފައިސާ ދެއްކި ފަރާތެއްކަން ސާބިތުވާ ހާލަތުގައި ވެސް، ސީލައިފަށް ފައިސާ ދެއްކި ފަރާތްތަކާއެކު ވެފައިވާ އެއްބަސްވުމުގައި ވަކި މަޝްރޫއަކުން ހައުސުން ޔުނިޓް ގަތުމުގެ ފުރުސަތު ދޭން ޖެހޭ ކަމަށް އެއްބަސްވެފައި ނުވާނެ ކަމަށެވެ.
މި މައްސަލައިގައި ވަގުތީ އަމުރަށް އެދުނު ފަރާތަކީ ސީލައިފަށް ފައިސާ ދެއްކި ފަރާތެއް ނޫން ކަމަށް ސިވިލް ކޯޓުން ކަނޑައަޅައިފައިވާ ކަމަށް އެޗްޑީސީން ބުންޏެވެ. ވިނަރެސް މަޝްރޫއޫގެ ދަށުން ހަދާފައިވާ އެޕާޓްމަންޓް ޔުނިޓްތަކުގެ މައްޗަށް މަރީރު މުހައްމަދު ހުސްނީގެ އެއްވެސް ހައްގެއް އޮތްކަމަށް ބެލެވޭނެ އަސާސެއް ނެތް ކަމަށާއި އަދި މަރީރު މުހައްމަދު ހުސްނީ ފައިސާ ދައްކާފައިވާކަން ސާބިތުވާ ހާލަތުގައި ވެސް ވިނަރެސް މަޝްރޫއުގެ ދަށުން ހަދާފައިވާ އެޕާޓްމަންޓެއް ދިނުން ލާޒިމު ނޫންކަން އެއްބަސްވުމުން ސާފުކޮށް އެނގެން އޮތުމުން ގާނޫނީ ގޮތުން ހިޔާޔަތް ލިބެން ޖެހޭ ހައްގެއް ނުވަތަ ގާނޫނީ މަރުކަޒެއް ނެތުމުން، ދައުވާކުރާ ފަރާތުން އެދުނު ގޮތަށް އަމުރު ނެރެދޭން ޖެހޭ ހާލަތެއް ނެތް ކަމަށް އެޗްޑީސީން ބުންޏެވެ.
ދެ ފަރާތުން ދެއްކި ވާހަކަތަކައް ރިއާޔަތް ކުރުމަށްފަހު މި މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތުގައި އިންނެވި ފަނޑިޔާރު ހުޒައިފާ މުހައްމަދު މައްސަލައިގެ ރައުޔުގައި ވިދާޅުވީ މި މައްސަލައިގައި ވަގުތީ އަމުރަކަށް އެދުމުގެ ހައްގު ދައުވާ ކުރާ ފަރާތަށް ލިބިގެން ވޭތޯ ބަލާއިރު ސިވިލް ކޯޓުން މި މައްސަލަ ނިންމާފާއިވަނީ ދައުވާކުރާ ފަރާތްތަކާ ދެކޮޅަށް ކަމަށެވެ. މި މައްސަލައަށް މަތިމަތީން ބަލާއިރު އެޗްޑީސީއާ ދެކޮޅަށް ދައުވާ ކުރުމުގެ ހައްގު ދައުވާކުރާ ފަރާތަށް ލިބިގެންވާ ކަމަށް ބެލެވޭ ކަމަށް ފަނޑިޔާރު ވިދާޅުވިއެވެ.
ވަގުތީ އަމުރަށް އެދޭ ފަރާތަށް ގާނޫނީ ގޮތުން ހިމާޔަތް ލިބެން ޖެހޭ ހައްގެއް ނުވަތަ ގާނޫނީ މަރުކަޒެއް އޮތުމުގެ އިހުތިމާލު އޮތްތޯ ބަލާއިރު އެފަދަ އިހުތިމާލެއް އޮތްކަން އެނގިގެންދަނީ އެކަމާ ގުޅޭ ގޮތުން ކޯޓަށް ހުށަހަޅާ މައްސަލައިގެ ވާގިޔާތަކުން ކަމަށް ވެސް ވިދާޅުވިއެވެ.
ވަގުތީ އަމުރެއް ނެރޭއިރު ވަގުތީ އަމުރު ނެރުމަކާ ނުލައި މައްސަައިގެ އަސްލު މައުލޫއީ ދައުވާ ލަސްވެގެން ހިނގައްޖެ ނަމަ އިއާދަ ނުކުރެވޭ ގެއްލުމެއް ނުވަތަ ކުރިމަތިވެދާނެ ނުރައްކަލެއް އޮތްތޯ ބަލަން ޖެހޭ ކަމަށް ފަނޑިޔާރު ވިދާޅުވިއެވެ. ނުރައްކަލާއި ގެއްލުން ވަޒަންކުރުމުގައި ގިނަ ގައުމުތަކުން ބަލަނީ އަމުރަށް އެދޭ ފަރާތަށް ކުރިމަތިވެދާނެ ގެއްލުން ބެލުމުގެ ބަދަލުގައި މައްސަލައިގައި ހިމެނޭ އެންމެހައި ފަރާތްތަކަށް ލިބިދާނެ ގެއްލުން ވަޒަންކުރުން ކަމަށް ފަނޑިޔާރު ވިދާޅުވިއެވެ.
"މި މައްސަލައިގައި ވަގުތީ އަމުރެއް ނެރެނުދީފި ނަމަ، އިސްތިއުނާފުކުރާ ފަރާތްތަކަށް އިިއާދަ ނުކުރެވޭ މިންވަރަށް ލިބޭ ގެއްލުމަކ،ީ 'ވިނަރެސް' ގެ އެޕާޓްމަންޓްތައް ވިއްކަމުންދާ ނަމަ، އެއްވެސް އެޕާޓްމަންޓެއް ނުލިބުމުގެ ފުރުސަތު ކަމުގައި އިސްތިއުނާފުކުރާ ފަރާތްތަކުން ބުނެފައިވެއެވެ. އަދި އެތަނުން އެއްވެސް އެޕާޓްމަންޓެއް ނުލިބި ދިޔުމަކީ އަނބުރާ އިއާދަ ނުކުރެވޭނެ ގެއްލުމެއް ކަމުގައި ވެސް އެ ފަރާތްތަކުން ފާހަގަކުރެއެވެ" ފަނޑިޔާރު ވިދާޅުވިއެވެ.
ނަމަވެސް އެޗްޑީސީން ބުނެފައިވަނީ ވަގުތީ އަމުރަކަށް އެދޭ ފަރާތުން ފާހަގަކުރާ ގެއްލުންތަކަކީ އިއާދަ ކުރެވޭނެ އަދި އެ ގެއްލުމަށް ބަދަލު ދެވިދާނެ ގެއްލުމެއް ކަމަށް ފަނޑިޔާރު ވިދާޅުވިއެވެ. އެހެންކަމުން އަމުރެ ނެރެފިނަމަ އެޗްޑީސީއަށް ލިބޭނެ ގެއްލުން ބޮޑު ކަމަށް އެ ކުންފުނިން ބުނެފައިވާ ކަމަށް ފަނޑިޔާރު ވިދާޅުވިއެވެ.
"ދެ ފަރާތަށް ލިބިދާނެ ކަމަށް ބަޔާންކުރާ ނުރައްކަލާއި ގެއްލުން ވަޒަންކުރާއިރު، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑަށް ލިބިދާނެކަމަށް ބަޔާންކުރާ ނުރައްކަލާއި ގެއްލުން މިހިނދު އިއާދަ ނުކުރެވޭ މިންވަރަށް ބޮޑުކަމަށް ބެލެވޭކަށް ނެތެވެ" ފަނޑިޔާރު ހުޒައިފާ ވިދާޅުވިއެވެ.
އެހެންވެ ފަނޑިޔާރު ހުޒައިފާ ރައުޔު ކަނޑައެޅުއްވީ ވިނަރެސް އެޕާޓްމެންޓުތަކުގެ ތެރެއިން ތިން ކޮޓަރީގެ އެއް އެޕާޓްމެންޓް އެއްވެސް ފަރާތަކަށް ވިއްކުމަށާއި ކުއްޔަށް ދިނުން ހުއްޓުވުމަށެވެ. އެ ރައުޔަށް ދެން ތިއްބެވި ދެ ފަނޑިޔާރުން ކަމަށްވާ ހުޒައިން މަޒީދު އާއި ފަނޑިޔާރު ހަސަން ޝަފީއު ވަނީ ތާއީދު ކުރައްވައިފައެވެ.
އެހެންވެ ތިން ފަނޑިޔާރުންގެ އިއްތިފާގުން ފަނޑިޔާރު ހުޒައިފާ ކުރެއްވި އަމުރުގައި ވިދާޅުވީ ހައިކޯޓުން މި މައްސަލައިގެ އަސްލު މައުލޫއަށް ގޮތަށް ކަނޑައަޅަންދެން ވިނަރެސް އެޕާޓްމެންޓުތަކުގެ ތެރެއިން ތިން ކޮޓަރީގެ އެއް އެޕާޓްމެންޓް އެއްވެސް ފަރާތަކަށް ވިއްކުމާއި، ދިނުމާއި، ވިއްކަން ހުށަހެޅުމާއި، މިނޫންވެސް ގޮތަކުން ވިނަރެސްގެ އެއް އެޕާޓްމެންޓް މިލްކުވެރިކަން ނުވަތަ އޭނުންވެސް ހައްގެއް އެއްވެސް ފަރާތަކަށް ބަދަލު ނުކުރަން ހިމެނޭ ގޮތަށް ވިނަރެސްގެ ތިން ކޮޓަރީގެ އެއް އެޕާޓްމެންޓް ބެހެއްޓުމަށް ހުކުމްކުރާ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު