އަލަށް ތައާރަފުކުރާ ޑިޖިޓަލް އައިޑީކާޑާއެކު މައުލޫމާތަށް އެކްސެސްވާ ނަމަ އެނގޭނެ ގޮތް ހަދާނެ ކަމަށާއި ޑިޖިޓަލައިޒޭޝަންގެ ސައިބަ ސެކިއުރިޓީ ވެސް ކަށަވަރުކޮށްދޭނެ ކަމަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.
ޕީއެސްއެމްގެ ރިޔާސީ ބަޔާން ފޯރަމްގައި ވާހަކަދައްކަވަމުން މިނިސްޓަރު އިހުސާން ރޭ ވިދާޅުވީ ޑިޖިޓަލައިޒޭޝަން މަސައްކަތުގެ ތެރެއިން އެންމެ ފުރަތަމަ ރައްޔިތުންނަށް ފެނިގެން އަންނާނީ ރާއްޖޭގައި މި ޒަމާނުގެ ބޭނުންތަކަށް ބޭނުންވާ ވަރުގެ ޑިޖިޓަލް އައިޑެންޓިޓީއެއް ގާއިމުވެގެން އަންނަތަން ކަމަށެވެ.
"ހެދިފައި އިންޓަނޭޝަނަލް ސްޓޭންޑަޑަށް އޭތި ފަންކްޝަން ކުރަމުން އަންނަ އިރު، ރައްޔިތުމީހާއަށް ފެންނާނީ އެމީހާގެ މައުލޫމާތަށް އެއްވެސް އެޖެންސީއަކުން ނުވަތަ ޕްރައިވެޓް ސެކްޓާގެ ފަރާތަކުން ނުވަތަ ހިދުމަތް ފޯރުކޮށްދޭ ފަރާތަކުން އެކްސެސްވާ ކަމުގައިވާ ނަމަ، އެމީހާގެ ކޮންސެންޓް އެކަމަށް ބޭނުންވާނެ. އެ ކޮންސެންޓާއެކުގައި އެ އިދާރާއަކުން އެކަން ކުރާނީ. ހަމަ އެއާއެކުގައި މީހާއަށް ބަލައިލެވޭނެ ކޮންސެންޓް ދިނުމަށްފަހު ވެސް، ކާކުތޯ، ކޮން ސަބަބަކާ ހުރެތޯ ތިމަންނާގެ މި ޒާތީ މައުލޫމާތަށް އެކްސެސްވެފަ މިއޮތީ،" މިނިސްޓަރު ވދިާޅުވިއެވެ.
އިހުސާން ވިދާޅުވީ ލުއިފަސޭހަ ގޮތަކަށް އިދާރާތަކުން ހިދުމަތްތައް ފޯރުކޮށްދިނުމުގެ ގޮތުން ހުރިހާ އިދާރާއެއް ގުޅިފައި އޮންނަ ގޮތަށް ޑޭޓާ އެކްސްޗޭންޖު ލޭޔާއެއް ގާއިމުކުރާނެ ކަމަށާއި އެއާއެކު އެމީހަކު ބޭނުންތަނަކު ހުރެގެން ހިދުމަތްތަކަށް އެދުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމަށެވެ. އަދި އެ ޑިޖިޓަލައިޒޭޝަންތަކާއެކު ސައިބަ ސެކިއުރިޓީ ކަށަވަރުކުރުމަށް ވެސް މަސައްކަތްކުރެވިގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
"އެނގިވަޑައިގަންނަވާނެ މި މުޖުތަމައުގެ ތެރޭގައި، މިސާލަކަށް ސައިބާ އެންވަޔަރަމަންޓުގެ ތެރޭގައި މިހާރުވެސް އެކްސްޕްލޮއިޓޭޝަން ވަރަށް ބޮޑު. ސްކޭމްގެ އެތައް ބައެއްގެ ފައިސާތަކެއް މިވަނީ އެކިއެކި ގޮތްގޮތުން މީހުން ފޭރިގެންފަ. މައުލޫމާތުތަކާއި ހިދުމަތްތަކުގެ އިންޓަވެންޝަން ހެދުމާއި، ހިދުމަތްތައް ދެމުން އަންނަ ތަންތަނުގެ ސާވިސް ޑައުންކުރުމާއި، މިފަދަ ބައިވަރު ތުރެޓުތައް އަންނާނެ މިފަދަ އޮންލައިން ޑިޖިޓަލް އެންވަޔަރަމަންޓެއް ކުރިއޭޓްވެގެން އަންނަ އިރު. އެހެންވީމާ އަޅުގަނޑުމެން ތިންވަނަ ކަމަކަށް މައިގަނޑު ގޮތެއްގައި ފޯކަސް ކުރަނީ އެ ސްޕޭސް ސެކިއޯ ކުރުމަށް، ނުވަތަ ސައިބަ ސެކިއުރިޓީ ކަށަވަރުކުރުމަށް،" މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު އިހުސާން އިތުރަށް ވިދާޅުވީ މިދިޔަ އަހަރުގެ ކުރީކޮޅުގައި ނޭޝަނަލް ސައިބަ ސެކިއުރިޓީ އެޖެންސީގެ ނަމުގައި އުފެއްދި އިދާރާގެ މިއަހަރުގެ ބަޖެޓުން އެ އިދާރާއަށް ބޭނުންވާ ކެޕޭސިޓީ ގާއިމުކުރަމުން އަންނަ ކަމަށާއި އެ އިދާރާ ވެގެންދާނީ ފުރިހަމަ ސައިބަ އެންވަޔަރަމަންޓެއް ކަށަވަރުކުރެވޭނެވަރުގެ މީހުންނާއި ވަަސީލަތްތައް ގާއިމުކޮށްފައި އޮތް ރާއްޖޭގެ ސެންޓްރަލް ސައިބަ ސެކިއުރިޓީ އެޖެންސީއަށް ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު