ހުޅުމާލޭގައި ގާއިމުކުރަން މަސައްކަތްކުރާ މަލްޓި ސްޓޯރީ ފުޓްސަލް ކޮމްޕްލެކްސް އާއި މަލްޓި ސްޓޯރީ ނެޓްބޯލް ކޮމްޕްލެކްސްގެ އިތުރުން ޑްރިފްޓިން ސްޓޭޑިއަމާއި މާލޭގެ ރާޅުގަނޑު ސަރަހައްދުގައި ގާއިމުކުރާ ސާފިން ސްޓޭޑިއަމްގެ މަސައްކަތް މިއަހަރު ފަށާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މިއަދު މަޖިލީހުގައި ރިޔާސީ ބަޔާން އިއްވަމުން ރައީސް ވިދާޅުވީ ވައުދުތަކުގެ ތެރޭގައި ހިމެނޭ ފުޓްސަލް އާއި ނެޓްބޯޅައިގެ އިތުރުން ޑްރިފްޓިން ސްޓޭޑިއަމްގެ ވެސް އަމަލީ މަސައްކަތް މިއަހަރު ފެށޭނެ ކަމަށެވެ.
"މީގެ އިތުރުން، އަޅުގަނޑުގެ ވައުދުގެ ތެރޭގައި ހިމެނޭ ހުޅުމާލޭގައި ގާއިމުކުރެވޭ މަލްޓި ސްޓޯރީ ފުޓްސަލް ކޮމްޕްލެކްސް އާއި މަލްޓި ސްޓޯރީ ނެޓްބޯލް ކޮމްޕްލެކްސް އަދި ޑްރިފްޓިން ސްޓޭޑިއަމާއި މާލޭގެ ރާޅުގަނޑު ސަރަހައްދުގައި ގާއިމުކުރެވޭ އިންޓަނޭޝަނަލް ސަފިން ސްޓޭޑިއަމްގެ އަމަލީ މަސައްކަތްތައް އިރާދަކުރެއްވިއްޔާ މި އަހަރުގެ ތެރޭގައި ފެށިގެންދާނެ،" ރައީސް މުއިއްޒު ވިދާޅުވިއެވެ.
ރައީސް އެހެން ވިދާޅުވެފައިވާ އިރު، ސާފިން ސްޓޭޑިއަމްގެ މަސައްކަތަށް މިހާރުވެސް ރާޅުގަނޑު ސަރަހައްދުގެ ބްރިޖް ޕްލެޓްފޯމް ވަނީ ރޫޅާލައިފައެވެ. އެއީ މިދިޔަ އަހަރު ނޮވެމްބަރު ފަހު ކޮޅުގައެވެ. އޭގެފަހުން އަދި މަސައްކަތް ނުގޮސް އޮތް ނަމަވެސް، ރައީސްގެ ވާހަކަފުޅާ އެކު މިއަހަރު ދެން ހުރި މަސައްކަތްތައް ކުރަން ފަށާނެ ކަމަށް ބެލެވެއެވެ.
ކުޅިވަރުން މިދިޔަ އަހަރު ހޯދި ބައެއް ކާމިޔާބީތައް ފާހަގަކުރައްވައި، ރައީސް ވިދާޅުވީ ބިނާކުރަނިވި އެތައް މަޝްވަރާތަކަކަށްފަހު، 20 އަހަރުގެ ގައުމީ ކުޅިވަރު ތަރައްގީގެ ޕްލޭނެއް މިހާރު އެކުލަވާލާފައިވާ ކަމަށެވެ. ހަމައެއާ އެކު، ގައުމީ އަދި ބައިނަލްއަގްވާމީ ކުޅިވަރު މުބާރާތްތައް ބާއްވާ ސްޓޭޑިއަމްތަކުގައި ހުރުން ލާޒިމު ސިއްހީ ހިދުމަތްތަކާ ބެހޭ މިންގަނޑުތަކެއް އެކުލަވާލެވިފައިވާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު