ޕާޓީތަކުން މެންބަރުން ގެންދިއުމުގެ ކަންތައް ފެށީ އިދިކޮޅު އެމްޑީޕީން ކަަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލިހުގެ އިދާރާގައި މިއަދު ބޭއްވި ނިއުސްކޮންފަރެންސްގައި ގާސިމް މިހެން ވިދާޅުވީ، ޕާޓީ ބަދަލުކޮށްފި ނަމަ، މަޖިލިސް މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް މި ސަރުކާރުން ގެނައި އިސްލާހަކީ ގާނޫނުއަސާސީއާ ހިލާފު އިސްލާހެއް ކަމަށް އިދިކޮޅު އެމްޑީޕީން ބުނަމުންދާއިރު އެކަންތައްތައް ފެށީ އެ ޕާޓީންކަން ފާހަގަ ކުރައްވަމުންނެވެ.

ގާސިމް ވިދާޅުވީ، އެ އިސްލާހުގެ ސަބަބުން ގާނޫނުއަސާސީން މަޖިލިސް މެންބަރުންނަށް ދިން މިނިވަންކަން މި ސަރުކާރުން ބަންދު ކުރީކަމަށް އެމްޑީޕީން ބުނާއިރު، އެކަން ފެށީ ވެސް އެމްޑީޕީން ކަމަށެވެ.

"އެހެން ބުނާއިރު އެއް ޕާޓީން އަނެއް ޕާޓީއަށް މެންބަރުން ގެންދިއުމުގެ މަސައްކަތްފެށީ އެމްޑީޕީން، 2009 ވަނައަހަރު އެމްޑީޕީއަށް ލިބުނީ 26 ގޮނޑި ނަމަވެސް ނިމިގެންދިޔައިރު 35 ގޮނޑި އޮތް، އެއީ އެހެން ޕާޓީތަކުގައި ތިބި މިހުން ގެންގޮސްގެން، ރައީސް ޔާމީންގެ ވެރިމުގައިވެސް ހެއްދެވީ އެހެން، އެފަހަރު އަޅުގަނޑުމެންގެ ޕާޓީގައި ތިބި 16 މެންބަރުން، ޕީޕީއެމުން މީހުންކޮޅު ގަނެގެން ގެންގޮސް ތިބީ ހަތް މެންބަރުން، ނަމަވެސް އެ ދިޔަ މެންބަރުން ފަހުން އަނެއްކާ އަޅުގަނޑުމެން ކައިރިއަށް އައިސް ޕީޕިއެމްއަށް މެޖޯރިޓީ ގެއްލުނު، ދެން އައި އެމްޑީޕީގެ ރައީސް ސޯލިހުގެ ސަރުކާރުންވެސް މިނިވަން ކެންޑިޑޭޓުންގެ ގޮތުގައި ތިބި ބަޔަކު ގެންދިޔަ،" ގާސިމް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ އެމްޑީޕީގެ ވެރިކަން އޮތްއިރު، އެ ޕާޓީގެ މެޖޯރިޓީ އޮތް 19 ވަނަ ރައްޔިތުންގެ މަޖިލީހުންވެސް މެންބަރުންގެ ގޮނޑި ގެއްލޭގޮތަށް ގާނޫނެއް ފާސްކުރި ކަމަށެވެ. ނަމަވެސް އެ ގާނޫނަކީ ގާނޫނުއަސާސީއާ ހިލާފަށް، މެންބަރުން އަމިއްލައަށް އިސްތިއުފާ ހުށަހަޅަން މަޖުބޫރުވާ ގޮތަށް އޮތް ގާނޫނެއް ކަމަށްވެސް ގާސިމް ވިދާޅުވިއެވެ. އެފަހަރު ގާނޫނުއަސާސީއަށް އެމްޑީޕީން އެ އިސްލާހު ނުގެނައީ ގާނޫނުއަސާސީ އިސްލާހުކުރަން ބޭނުންވާ ވަރަށް މެންބަރުން ނެތުމުން ކަމަށްވެސް ވިދާޅުވިއެވެ.

ނަމަވެސް މިސަރުކާރުން ގާނޫނުއަސާސީއަށް އެގޮތަށް އިސްލާހު ގެނައީ، ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވިތާ ތިންމަސްވެސް ނުވަނީސް ވެރިކަމުން ބޭރުކޮށްލާނަމޭ އިދިކޮޅު ފަރާތްތަކުން ގޮވަމުންދާތި އަމިއްލަ ސަލާމަތަށްޓަކައި ކަމަށްވެސް ގާސިމް ފާހަގަކުރެއްވިއެވެ.

"ކޮންމެ ބަޔަކުވެސް އެބައެއްގެ ސަލާމަތަށް އެޅެން އޮތް ފިޔަވަލެއް އަޅާނެ އެގޮތުން ގެންނެވި ބަދަލެއް އެއީ،" ގާސިމް ވިދާޅުވިއެވެ.