ބަޔަކު ފާޑުކިޔަސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހުގައި މިއަދު އިއްވެވި ރިޔާސީ ބަޔާނުން ކަންކަން ރަނގަޅު ކުރެއްވުމަށް އެ މަނިކުފާނުގެ ރަނގަޅު ނިޔަތެއް އެބަ އޮތްކަން އެނގިގެންދާ ކަަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިނލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ގާސިމް ވިދާޅުވީ އިގުތިސާދީ ގޮތުންނާއި އިޖުތިމާއީ ގޮތުންނާއި ސިޔާސީ ގޮތުން ގައުމު އޮތީ އަދަވަޅެއްގައި ކަމަށެވެ.
"މިއަދު ގައުމު އޮތީ ވަރަށް ނިކަމެތި ހާލަތުގައި، މިއަދުގެ ސަރުކާރުން ކަމެއް ނުކޮށްދޭ ވާހަކަ، ގަވާއިދާ ހިލާފުވާ ވާހަކަ، ކޮން ސަރުކާރުން، ވެރިކަމެއްގައިތޯ، ވައުދާ އެއްގޮތަށް ކަންތައްކުރީ، އެއްވެސް ސަރުކާރަކުން ސަތޭކަ ޕަސެންޓް ނުކުރެވޭ، އެކަމަކު ވިސްނުން އޮތީ ކަންކުރަން،"
"ދެން ސަރުކާރުތަކުން ހިޔާނާތްތެރިވާ ވާހަކަ، އަބަދުވެސް ހިނގަމުންދާކަމެއް، އިވޭ އަޑެއް، ވިސްނާލަން އޮތީ މިއަދުގެ ސަރުކާރަށް ބަލާއިރު އެކަން ރަނގަޅުކުރަން ވަރަށް ގިނަ ފިޔަވަޅުތައް އަޅުއްވާ،" ގާސިމު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ކުންފުނިތަކުގެ އިސްވެރިންނާ ވަޒީރުން ވަކިކުރައްވައި، އެ ތަންތަނަށް ފަސްބައި ސާފު، އަހުލާގު ރަނގަޅު މީހުން މި ސަރުކާރުން އައްޔަންކުރައްވަމުން ގެންދަވާ ކަމަށެވެ. އަދި ރައީސް މުއިއްޒު މިއަދު އިއްވެވި ރިޔާސީ ބަޔާނުގައި ކަންތައްތައް ރަނގަޅު ކުރެއްވުމަށް އުއްމީދުގައި ހުރި ގިނަ ކަންތައްތަކެއް ހުށަހަޅުއްވާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
"އަޅުގަނޑުގެ ވާހަކައަކީ ޑްރީމެއް އޮވެގެންނޭ ފެންޓަސީ އައިޑިއާއެއް އޮވެގެންނޭ ނުވަތަ ހިޔާލެއް އޮވެގެން އޭގެ މައްޗަށޭ ކަންތައްތައް ކުރެވޭނީ، އެހެންނޫން ކަމަށްވަންޏާ އެކަމެއް ނުކުރެވޭނެ، އެހެންވީމަ ގުޑް އިންޓެންޝަން އޮތްކަން އެނގޭ މިއަދުގެ ރައީސްގެ ރިޔާސީ ބަޔާނުގައި،" ގާސިމު ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު