ދެ އިންތިހާބު އެއްކޮށްލުމާއި މެންބަރުންގެ އަދަދު ކަނޑައެޅުމުގެ ބިލް މި އަހަރު މަޖިލީހަށް ހުށަހަޅަން ނިންމާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވުމަށް ބޭއްވި ޖަލްސާގައި ރިޔާސީ ބަޔާން އިއްވަމުން ރައީސް ވިދާޅުވީ މިދިޔަ އެއް އަހަރުގެ ތެރޭގައި ގައުމުގެ ކަންކަން ރަނގަޅުކުރުމަށްޓަކާ ސަރުކާރުގެ ފަރާތުން 35 ބިލެއް މަޖިލީހަށް ހުށަހަޅާފައިވާނެ ކަމަށެވެ. އޭގެ ތެރެއިން 30 ބިލެއް މަޖިލީހުން ފާސްކޮށްފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. މަޖިލީހުން ފާސްކުރި ބިލުތަކުގެ ތެރޭގައި 21 ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަކާއި މުޅިން އާ 8 ބިލެއް އަދި ގާނޫނުއަސާސީ އިސްލާހުތަކެއް ގެނައުމުގެ ބިލެއް ހިމެނޭ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މިއަހަރުގެ ތެރޭގައި ވެސް ސަރުކާރުގެ ފަރާތުން މަޖިލީހަށް ބިލުތަކެއް ހުށަހެޅުމަށް ނިންމާފައިވާ ކަމަށެވެ.
"މިގޮތުން ގާނޫނުއަސާސީއަށް ގެނައުމަށް ގަސްދުކުރާ މުހިންމު ބައެއް އިސްލާހުތަކަކީ ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލުކުރުން. އަދި ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެކުގައި ބާއްވާގޮތަށް ބަދަލުކުރުމާއި ނޮވެމްބަރު 11 ގައި ރިޔާސީ ދައުރު ފެށޭގޮތަށް ގާނޫނުއަސާސީއަށް އިސްލާހު ގެނައުމަށްޓަކާ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް އެހުން. ހަމައެއާއެކު ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު ކަނޑައަޅާ ގޮތް އިސްލާހުކުރުން" ރައީސް ވިދާޅުވިއެވެ.
އެ މަނިކުފާނު ވިދާޅުވީ ޖިނާއީ އަދުލުގެ ނިޒާމު ހަރަދަނާކުރުމުގެ ގޮތުން ގާނޫނުލްއުގޫބާތަށާއި ޖިނާއީ އިޖުރާއާތުގެ ގާނޫނަށް ވެސް ސަރުކާރުން އިސްލާހު ހުށަހަޅާނެ ކަމަށެވެ. އެ އިސްލާހުތަކުގެ ތެރޭގައި ކަފާލާތުގެ ނިޒާމް އިތުރަށް ހަރުދަނާކޮށް ފުރިހަމަ ކަފާލާތުގެ ނިޒާމެއް ތައާރަފުކުރުމަށް ގެންނަ އިސްލާހަކާއި އޮންލައިން ފްރޯޑްގެ މައްސަލަތަކާއި ސައިބާ ވަޔަލަންސްގެ މައްސަލަތައް ހުއްޓުވުމަށްޓަކާ ގެންނަ އިސްލާހުތައް ހިމެނޭ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
އެ އިސްލާހުތަކުގެ އިތުރުން ގާނޫނުއަސާސީއަށް ގެންނަން ޖެހޭ އިސްލާހުތަކުގެ ތެރެއިން ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓަކަށް ދާންޖެހޭ ކަންކަމުގައި އެވޯޓު ނެގޭނެ ގޮތުގެ ގާނޫނީ އޮނިގަނޑެއް ގާއިމުކުރުމަކީ ގާނޫނުއަސާސީ އިސްލާހުކުރުމުގެ މަސައްކަތުގެ މުހިންމު ބައެއް ކަމަށްވާތީ، ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ އުސޫލުތައް ބަޔާންކުރާ ބިލެއް މިއަހަރުގެ ފުރަތަމަ ދައުރުގެ ތެރޭގައި މަޖިލީހަށް ސަރުކާރުގެ ފަރާތުން ހުށަހަޅަން ގަސްދުކުރައްވާ ކަމަށް ރައީސް ވިދާޅުވިއެވެ.
ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދުމަށްޓަކާ މުޅިން އަލަށް އެކުލަވާލާ ބިމުގެ ބިލަކާއި ރިއަލް އެސްޓޭޓް ވިޔަފާރީގެ ބިލު އަދި ބޯހިޔާވަހިކަމުގެ ބިލެއް ވެސް ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅުމަށް ނިންމާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ރާއްޖޭގައި އިންޓަނޭޝަނަލް ފައިނޭންޝަލް ސާވިސްގެ ހިދުމަތް ފެށުމަށްޓަކައި އެކަމަށް ބޭނުންވާ ގާނޫނީ އޮނިގަނޑު އެކުލަވާލުމުގެ ގޮތުން މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސާވިސަސް އޮތޯރިޓީގެ ބިލު މިފެށޭ ދައުރުގެ ތެރޭގައި މަޖިލީހަށް ހުށަހަޅާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން ކޮރަޕްޝަން ހުއްޓުވުމަށްޓަކާ އެންޓި ކޮރަޕްޝަންގެ ގާނޫނަށާއި ގާނޫނުލްއުގޫބާތާއި ޖިނާއީ އިޖުރާއާތުގެ ގާނޫނަށް ގެންނަންޖެހޭ އިސްލާހުތައް މިއަހަރުގެ ތެރޭގައި ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު