އުތުރުތިލަފަޅާއި ގިރާވަރާއި ތިލަފުށި ގުޅުވައިދޭ ބްރިޖުގެ މަސައްކަތް އަންނަ އަހަރު ފަށަން ތައްޔާރުވަމުން އަންނަ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މި އަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސް މިއަދު ވިދާޅުވީ، މި ސަރުކާރުން ނިންމާފައިވަނީ މާލެ، ވިލިމާލެ، ހުޅުމާލެ، ގުޅިފަޅު، ގިރާވަރުފަޅު، އުތުރުތިލަފަޅު އަދި ފުށިދިއްގަރުފަޅުގައި މާލެ ރައްޔިތުންނަށާއި މާލޭގައި ދިރިއުޅޭތާ ގިނަ ދުވަސްވީ ރައްޔިތުންގެ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް މަސައްކަތްތަކެއް ކުރިއަށްގެންދިއުމަށް ކަމަށާއި އެ މަސައްކަތްތައް ފުރިހަމަވެގެންދާއިރު މާލެ ސަރަހައްދުގައި ދިރުއުޅޭ ބޯހިޔާވަހިކަމެއް ނެތް ރައްޔިތުންނަށް ދާއިމީ ބޯހިޔާވަހިކަން ލިބިގެންދާނެ ކަމަށެވެ.
ރައީސް ވިދާޅުވީ، އުތުރުތިލަފަޅާއި ގިރާވަރު އަދި ތިލަފުށި ގުޅުވައިދޭ ބުރިޖަށް ފައިސާ ހަމަޖެއްސުމުގެ މަސައްކަތްތައް ކުރަމުން އަންނަ ކަމަށެވެ.
"އުތުރުތިލަފަޅާއި، ގިރާވަރު އަދި ތިލަފުށި ގުޅުވައިދޭ ބްރިޖުގެ އަމަލީ މަސައްކަތް މިއަންނަ އަހަރު ފެށުމަށް ފައިނޭންސް ހަމަޖެއްސުމަށާއި، އެހެނިހެން ފަންނީ، އިދާރީ މަސައްކަތް މިހާރު ދަނީ ކުރެވެމުން" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ބޯހިޔާވަހިކަމަށް އިތުރު ޖާގަ ފަހިކުރުމަށްޓަކައި އުތުރު ތިލަފަޅުން 150 ހެކްޓަރުގެ ބިން ހިއްކުމުގެ މަސައްކަތް މި އަހަރު ފެށިގެން ދާނެ ކަމަށެވެ. އަދި ގިރާވަރު ބިން ހިއްކުމުގެ މަސައްކަތްވެސް ވަރަށް އަވަހަށް ފެށިގެންދާނެ ކަމަށށް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ، ގުޅިފަޅާއި ގިރާވަރުފަޅާއި ހުޅުމާލެ ފަޅުތެރެއިން ހިއްކާބިމުން ގޯތިލިބިފައިވާ ފަރާތްތަކަށް އެ ގޯތީގެ ރަޖިސްޓްރީ ބިން ހިއްކާ ނިމެމުންދާހާ އަވަހަކަށް ހަވާލުކޮށް ނިންމާނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު