އަމާޒަކީ ރަސްމާލޭގެ ބިން ހިއްކުން މިއަހަރު ނިންމައި 2026 ގައި ބޯހިޔާވަހިކަމުގެ މަޝްރޫއު ފެށުން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މި އަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސް މިއަދު ވިދާޅުވީ މާލެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަން ހައްލު ކުރުމަށް ރަސްމާލެ ހިއްކުމުގެ މަސައްކަތް ކުރަމުން އަންނައިރު އަމާޒަކީ، މި އަހަރު އެ ތަނުގެ ބިން ހިއްކުން ނިންމުން ކަމަށެވެ.

"އަމާޒަކީ 2026 ވަނަ އަހަރުގައި (ރަސްމާލޭގައި) އަސާސީ ހިދުމަތްތައް ގާއިމްކުރުމާއި މަގު ހެދުމާއި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގެ އަމަލީ މަސައްކަތް ފެށުން" ރައީސް ވިދާޅުވިއެވެ.

ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ގެނައުމަށް ފުށިދިއްގަރުފަޅު ހިއްކައިގެން ހަދާ ރަސްމާލޭގެ މަޝްރޫއު ރައީސް މުއިއްޒު ފައްޓަވައިދެއްވީ 18 ޑިސެމްބަރު 2023ގަ އެވެ.

އެ މަޝްރޫއުގެ ދަށުން 1،153 ހެކްޓަރުގެ ބިން ހިއްކަން ނިންމާފައިވާއިރު، އެ މަސައްކަތް ކުރިއަށްދަނީ 12 ސަރަހައްދަކަށް ބަހާލައިގެންނެވެ.

ފުށިދިއްގަރުފަޅު ހިއްކުމުގެ މަސައްކަތް ސަރުކާރުން ފުރަތަމަ ހަވާލުކުރީ ސްރީ ލަންކާގެ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން (ސީއެމްސީ) އާއެވެ. އެއީ ދައުލަތުގެ ބަޖެޓުން އެއްވެސް ހަރަދެއް ނުކުރާ ގޮތަށް ބިން ހިއްކުމުގެ މުގާބިލުގައި ރަސްމާލެ އިންނާއި ހުޅުމާލެއިން ބިން ދޭ ގޮތަށެވެ. ނަމަވެސް ކޮންޓްރެކްޓަރަށް ބިންތަކެއް ނުދީ އެ މަޝްރޫއު ކުރިއަށް ގެންދަން ބޭނުންވާތީ އެ ކުންފުނީގެ އެއްބަސްވުން ސަރުކާރުން ވަނީ ފަހުން އުވާލައިފައެވެ.

އެ ފަހުން އެ މަޝްރޫއުގެ މަސައްކަތް ހުއްޓިފައި އޮންނަތާ ދުވަސްތަކެއް ފަހުން އެ މަސައްކަތް އިންޑިއާގެ މޯހަން މުތާ އެކްސްޕޯޓު (އެމްއެމްއީ) އާއި ޗައިނާގެ ޗައިނާ ރެއިލްވޭ ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީއާރުސީސީ) އާ ހަވާލުކުރިއެވެ.

އެކަމުގެ އެއްވެސް ތަފުސީލެއް ސަރުކާރުން ހާމަ ކޮށްފައިނުވާއިރު، މިދިޔަ ނޮވެމްބަރު މަހުގެ ދިހަ ވަނަ ދުވަހު ރަސްމާލެ ހިއްކުމުގެ މަޝްރޫއު އަލުން ފެށިކަން އެޗްޑީސީން އިއުލާން ކުރިއެވެ.