މަޝްއަރު ހައްޖު އެންޑް އުމްރާ ގްރޫފުން އުމްރާއަށް ގެންގޮސްދޭނެ ކަމަށް ބުނެ މީހުން އަތުން ފައިސާ ނަގައި އެ ފައިސާ އަށް ހިޔާނާތްތެރިވި ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި އެ ކުންފުނީގެ ވެރިޔާ މ. ހަވީރީފިނި/ އަލީ ފާރިޝްގެ މައްޗަށް ދައުވާކޮށްފައިވާ ކަމަށް ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން މިއަދު ބުނެފިއެވެ.

ޕީޖީ އޮފީހުން މިއަދު ބުނީ ފާރިޝްގެ މައްޗަށް ޓެކުމުގެ ހަ ދައުވާއަކާއި މަނީ ލޯންޑަރިންގެ ދައުވާކޮށް މިއަދު ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.

އޭނާގެ މައްޗަށް ޓެކުމުގެ ހަ ދައުވާއެއް ކުރީ މަޝްއަރުގެ ދަށުން ހިންގާ މަޝްއަރު ހައްޖު އެންޑް އުމްރާ ގްރޫޕަށް 2024 ވަނަ އަހަރު ރާއްޖެއިން އުމްރާއަށް މީހުން ގެންގޮސް ދިނުމުުގެ ހުއްދަ ލިބިފައިނުވަނީސް، އެކި މީހުން ގާތުގައި އެ ކުންފުނީގެ ފަރާތުން 2024 ވަނަ އަހަރު އުމްރާއަށް ގެންގޮސްދޭނެ ކަަމަށް ބުނެ، ރުފިޔާއާއި ޑޮލަރު ނެގުމަށްފަހު އެ މީހުން އުމްރާއަށް ގެންގޮސްދީފައި ނުވާތީ އާއި އެ ފައިސާ އަނބުރައި ރައްދުކޮށްދީފައި ނުވާތީއެވެ.

ޕީޖީ އޮފީހުން ބުނީ، ފާރިޝްގެ މައްޗަށް ދައުވާކޮށްފައިވަނީ ފައިސާ ދެއްކި ވަކިވަކި މީހުންގެ ބައިތައް ވަކިން ކަމަށާއި އޭގެ ތެރޭގައި ގްރޫޕެއް ގޮތުގައި އުމްރާއަށް ދިއުމަށް ބޮޑެތި އަދަދުތަކުން ފައިސާ ދެއްކި މީހުންވެސް ހިމެނޭ ކަމަށެވެ.

އަލީ ފާރިޝް ހިޔާނާތްތެރިވި ކަމަށް ތުހުމަތުކުރެވޭ ފައިސާގެ އަދަދަކީ 391،072 ރުފިޔާއާއި 8،100 އެމެރިކާ ޑޮލަރެވެ. އެ ފައިސާ ދެއްކި ފަރާތްތަކަށްވީ ގެއްލުމުގެ ބަދަލުގެ ގޮތުގައި އެ ފައިސާ ނަގައިދިނުމަށް ދައުވާގައި އެދިފައިވާނެ ކަމަށްވެސް ޕީޖީ އޮފީހުން ބުންޏެވެ.

ފާރިޝްގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ ކުރީ 2024 ވަނަ އަހަރު އުމްރާއަށް ގެންގޮސްދޭނެ ކަަމަށް ބުނެ، ރުފިޔާއާއި އެމެރިކާ ޑޮލަރު ނެގުމަށްފަހު އެ ފައިސާ ޓެކުމަކުން އެ މީހުން އަތުން ނިގުޅައިގަނެ އެ ފައިސާ އޭނާގެ އަމިއްލަ އެކައުންޓުތަކާއި އޭނާގެ ހިއްސާ އޮންނަ ޓްރިއާ ޕްރައިވެޓް ލިމިޓެޑާއި ހާފްޓަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ އިތުރުން އިތުރު ކުންފުނިތަކަށް ޖަމާކޮށް، އެ ފައިސާ ބޭނުންކޮށް ފައިސާ ލޯންޑާކޮށްފައިވާތީ އެވެ. ފާރިޝް ލޯންޑާކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ ފައިސާގެ އަދަދަކީވެސް 391،072 ރުފިޔާއާއި 8،100 ޑޮލަރެވެ.

ޕީޖީ އޮފީހުން ބުނީ، މަޝްރައުގެ ގްރޫޕުގެ މައްސަލައަކީ އަދިވެސް ތަހުގީގު ކުރަމުންދާ މައްސަލައެއް ކަމަށެވެ. އަދި ފާރިޝްގެ މައްޗަށް ތުހުމަތު ކުރެވޭ މަޝްއަރު ޕްރައިވެޓް ލިމިޓެޑުން އުމްރާއަށް ގެންދިއުމަށް މީހުން ގެންދިއުމަށްފަހު، އެ މީހުން ރާއްޖެ އައުމުގެ އިންތިޒާމު ހަމަޖައްސައިނުދީ، އެމީހުންގެ ފައިސާއަށް ހިޔާނާތްތެރިވި ބައިގެ ތަހުގީގު ނިންމައި ދައުވާކޮށްދޭން އެދި ހުށަހެޅުމުން، އެ ބައިގައި އޭނާގެ މައްޗަށް ދައުވާކުރުމާމެދު ގޮތެއް ނިންމާނެ ކަމަށްވެސް ބުންޏެވެ.