އެއްގަމު އުޅަނދާއި ކަނޑު އުޅަނދުފަހަރާ ގުޅޭ ގޮތުން ދައްކަން ޖެހޭ އަހަރީ ފީ އާއި ޖޫރިމަނާތައް ބަހާލައިގެން ދައްކަން ހުޅުވާލި ފުރުސަތުގައި 58 މީހަކު އެކަމަށް ކުރިމަތިލައިފި އެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން އެކްސްގައި ރޭ ކުރި ޕޯސްޓެއްގައި ބުނީ، ބަހާލައިގެން ފައިސާ ދައްކަން 58 މީހަކު އެޕްލިކޭޝަން ހުށަހަޅާފައިވާ ކަމަށާއި އޭގެ ތެރެއިން 20 އެޕްލިކޭޝަނަކަށް މިހާރު ހިދުމަތް ފޯރުކޮށްދީފައިވާ ކަމަށެވެ.
އެއްގަމާއި ކަނޑު އުޅަނދުފަހަރުގެ ޖޫރިމަނާ ފައިސާ ބަހައިލައިގެން ދެއްކޭ ގޮތަށް އެކުލަވައިލި "އެއްގަމު އުޅަނދާއި ކަނޑު އުޅަނދުފަހަރާ ގުޅޭގޮތުން ދައްކަންޖެހޭ އަހަރީފީއާއި ޖޫރިމަނާގެ ފައިސާ ބަހައިލައިގެން ދެއްކުމުގެ ގަވާއިދު" އަށް އަމަލުކުރަން ފަށާފައިވަނީ މިދިޔަ ޑިސެމްބަރު މަހުގެ 15 ވަނަ ދުވަހުން ފެށިގެންނެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން ބުނި ގޮތުގައި އެ ގަވައިދުގެ މަގުސަދަކީ އެއްގަމުގައި ދުއްވާ އުޅަނދުތަކުންނާއި ކަނޑު ދަތުރުފަތުރުކުރާ އުޅަނދުފަހަރުން ކޮންމެ އަހަރަކު އެއްފަހަރު ދައްކަން ޖެހޭ އަހަރީ ފީއާއި އަހަރީ ފީ ނުދެއްކުމުގެ ސަބަބުން އަރައިފައިވާ ޖޫރިމަނާގެ ފައިސާއާއި އަދި އެނޫންވެސް ޖޫރިމަނާގެ ތެރެއިން ދައުލަތަށް ދައްކަން ޖެހި ނުދެއްކި ހުރި ފައިސާ އެކީ އެއްފަހަރާ ދައްކަން ދަތިވާ ފަރާތްތަކަށް ލުއިފަސޭހަ ގޮތެއްގައި އެ ފައިސާ ދައުލަތަށް ދެއްކޭނެ މަގު ފަހިކޮށްދިނުމެވެ.
- ދައްކަންޖެހި ނުދައްކާ ހުރި ފައިސާގެ އަދަދު 10،000 ރުފިޔާއަށްވުރެ އިތުރުވެފައިވުން
- އެ ފައިސާއަކީ ފައިސާ ދެއްކުމުގެ ސުންގަޑި ފާއިތުވެފައިވާ ފައިސާއަކަށްވުން
- މީގެ ކުރިން ބަހައިލައިގެން ފައިސާ ދެއްކުމުގެ ފުރުސަތު ދީފައިވާ ފަރާތަކަށް ނުވުން
- މި ގަވާއިދުގެ ދަށުން ފައިސާ ބަހައިލައިގެން ދެއްކުމަށް ހުށަހެޅުން
- އެދޭ ފަރާތަކީ އުޅަނދުގެ ވެރިފަރާތް ކަމުގައި ވުން
ގަވާއިދުގައިވާ ގޮތުން ބަހައިލައިގެން ފައިސާ ދެއްކުމަށް އެދި ހުށަހަޅަން ޖެހޭނީ އެކަމަށް ކަނޑައަޅައިފައިވާ ފޯމުން ޓްރާންސްޕޯޓް މިނިސްޓްރީއަށެވެ. ހުށަހަޅާ ހުށަހެޅުމެއްގައި ޝަރުތު ފުރިހަމަނުވާނަމަ، ގިނަވެގެން ހަތް ދުވަހުގެ ތެރޭގައި، ބަހައިލައިގެން ފައިސާ ދެއްކުމަށް ހުށަހެޅި ފަރާތަށް ލިޔުމުން އެކަން އަންގަންވާނެ ކަމަށް ގަވާއިދުގައި ވަނީ ބަޔާންކޮށްފައެވެ.
އެ ހަތް ދުވަހުގެ ތެރޭގައި ޝަރުތު ހަމަނުވާކަން ވަކި ފަރާތަކަށް އަންގައިފައި ނުވިނަމަވެސް، ބަހައިލައިގެން ފައިސާ ދެއްކުމުގެ ފުރުސަތު އެ ފަރާތަކަށް ދެވޭނީ ޝަރުތުތައް ފުރިހަމަވާނަމަ ކަމަށް ގަވާއިދުގައި ވަނީ ބަޔާންކޮށްފައެވެ.
ގަވާއިދުގައި ބަޔާންކޮށްފައިވާ ޝަރުތުތައް ފުރިހަމަވާނަމަ، ފޯމު ލިބޭތާ ގިނަވެގެން ދިހަ ދުވަހުގެ ތެރޭގައި، ހިސާބުކުރެވޭ ކޮމިޓްމަންޓް ފީ މިނިސްޓްރީން ކަނޑައެޅުމަށްފަހު، އެ ފައިސާ މިނިސްޓްރީއަށް ދެއްކުމަށް ބަހާލައިގެން ޖޫރިމަނާގެ ފައިސާ ދައްކަން އެދި ހުށަހަޅާ ފަރާތަކަށް އަންގަންޖެހޭނެއެވެ.
ކޮމިޓްމަންޓް ފީ 14 ދުވަސް ތެރެއިގައި ދައްކަންޖެހޭނެ ކަމަށާއި އެ މުއްދަތުގައި ކޮމިޓްމެންޓް ފީ ނުދައްކައިިނަމަ މި މުއްދަތުގެ އިތުރު އެންގުމަކާ ނުލައި، ހުށަހަޅާ ފަރާތުގެ ފޯމު ބާތިލު ކުރުމުގެ ބާރު ޓްރާންސްޕޯޓް މިނިސްޓްރީއަށް ލިބިގެންވާ ކަމަށް ގަވާއިދުގައި ވަނީ ބަޔާންކޮށްފައެވެ.
ކޮމިޓްމަންޓް ފީ ދައްކައިފިނަމަ، ބަހައިލައިގެން ފައިސާ ދެއްކުމަށްޓަކައި އެކަމަށް ހުށަހަޅާ ފަރާތާއި ޓްރާންސްޕޯޓް މިނިސްޓްރީއާ ދެމެދު ދެމެދު އެއްބަސްވުމެއް އެކުލަވައިލަންޖެހޭނެ ކަމަށް ގަވާއިދުގައި ވަނީ ބަޔާންކޮށްފައެވެ. އެއްބަސްވުމާ އެއްގޮތަށް މަގުބޫލު އުޒުރެއް ނެތި ފައިސާ ނުދައްކާތާ 30 ދުވަސް ފާއިތުވެފައިވާނަމަ، އެއްބަސްވުން ބާތިލުކުރުމުގެ އިހުތިޔާރު ޓްރާންސްޕޯޓް މިނިސްޓްރީއަށް ލިބިގެންވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު