މަޖީދީ މަގުގައި ފެންބޮޑުވާ މައްސަލަ ހައްލުކުރުމަށް އަނެއްކާވެސް ޓްރެފިކަށް ބަދަލުތަކެއް ގެންނަން މާލޭ ސިޓީ ކައުންސިލުން ނިންމައިފިއެވެ.
ސިޓީ ކައުންސިލުން މިއަދު ބުނީ މާލޭގެ މަގުތަކުގައި ފެންބޮޑުވާ މައްސަލަ ހައްލުކުރުމަށް އެ ކައުންސިލުން މާލޭގެ މަގުތައް މަރާމާތުކުރުމަށް ކުރަމުންދާ މަސައްކަތާ ގުޅިގެން މަޖީދީ މަގުގެ ޓްރެފިކް ފްލޯއަށް ވަގުތީގޮތުން ބަދަލުތަކެއް ގެންނަން ނިންމާފައިވާ ކަމަށެވެ.
އެކި ބްލޮކުތަކަށް ބަހާލައިގެން ކުރިއަށްގެންދާ އެ ޕްރޮޖެކްޓުގެ މަސައްކަތުގެ ތެރެއިން އަންނަ ބުރާސްފަތި ދުވަހުން ފެށިގެން މިމަހުގެ 9 ގެ ނިޔަލަށް ކުރުމަށް ހަމަޖެހިފައިވަނީ ޗާންދަނީމަގާއި ރަށްދެބައިމަގުގެ މަސައްކަތް ކަމަށާއި އަދި އެ މަސައްކަތް ކުރިއަށްދާ ވަރަކުން މާލޭގެ މަގުތަކުގެ އެކި ސަރަހައްދުތަކުގެ ޓްރެފިކް ފްލޯއަށް ބަދަލުތަކެއް އަންނާނެ ކަމަށްވެސް ސިޓީ ކައުންސިލުން ބުންޏެވެ.
އެގޮތަށް ގެންނަ ބަދަލުތައް ސިޓީ ކައުންސިލުން ހާމަކުރަމުންދާނެ ކަމަށާއި އެކަމަށް އެއްގަމު އުޅަނދު ދުއްވާ ފަރާތްތަކުން ސަމާލުވުމަށް އެދޭ ކަމަށް އެ ކައުންސިލުން ބުންޏެވެ.
އެ ސަރަހައްދުގެ ޓްރެފިކް ފްލޯއަށް ކުރިން ގެނައި ބަދަލަކީ ރަށްދެބައި މަގުން މަޖީދީމަގަށް ވާއަތްފަރާތަށް ލަނބާލާ ހިސާބުން ފެށިގެން ދަނބުރުއްމަގާ ހަމައަށް ޓްރެފިކް ކޮންޓްރޯލުކޮށް، ކުރީގެ އަރަބިއްޔާ ސްކޫލު ކުރިމަތީ އޮންނަ މަޖީދީމަގަށްވީ ފަޅި މަރާމާތުކުރުމަށް ބަންދުކޮށް އަދި ނިކަގަސްމަގުން ޗާންދަނީ މަގަށް ޓްރެފިކް ކޮންޓްރޯލު ކުރިއެވެ. އޭގެ އިތުރުން ޖަނަވަރީ ގޯޅިން މަޖީދީ މަގު ފަޅި ބަންދުކުރިއެވެ.
މާލެއަށް ކުރި ވިއްސާރައިގައި މިދިޔަ ޑިސެމްބަރު މަހުގެ ފަހުކޮޅު އަދި ޖެނުއަރީ މަހުގެ ކުރީކޮޅު މަގުތަކުގައި ވަނީ ފެންބޮޑުވެފައެވެ. މެޓް އޮފީހުގެ ރެކޯޑުތަކުން ދައްކާގޮތުން، 2024 ޑިސެމްބަރު 28 ގައި ރާއްޖެއާ ކައިރި ދެ ސަރަހައްދެއްގައި އުފެދުނު ކޮޅިގަނޑެއްގެ ސަބަބުން މާލެއަށް 136.5 މިލިމީޓަރުގެ ވާރެ ވެހިފައިވެއެވެ. އަދި ބޯކޮށް ވާރޭވެހި މާލޭގެ މަގުތަކުގައި ފެންބޮޑުވުމުގެ ސަބަބުން އެމްއެންޑީއެފުން، މާލޭގެ ފަސް ސަރަހައްދެއްގައި 16 ޕަމްޕު ބަހައްޓައިގެން، ފެން ހިންދުމުގެ މަސައްކަތް ކުރިއަށްގެންދިޔައެެވެ.
މާލެއަށް އެންމެ ފަހުން ކުރި ވިއްސާރައިގައި އެންމެ ބޮޑަށް ފެންބޮޑުވެފައިވަނީ އައިޖީއެމްއެޗް ސަރަހައްދުގައެވެ. އޭގެ އިތުރުން މަޖީދީމަގުގައި ވެސް ފެންބޮޑުވެފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު