ފަލަސްތީނުގެ ގާޒާގައި ހިންގަމުންދިޔަ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ ގުޅޭގޮތުން އަރަބި ގައުމުތަކުން ނިންމި ނިންމުންތަކަށް ރާއްޖެއިން މަރުހަބާ ކިޔައިފިއެވެ.
ފޮރިން މިނިސްޓްރީން މިރޭ ނެރުނު ބަޔާނެއްގައި ބުނީ މިސްރުގެ ވެރިރަށް އަލް ގާހިރާގައި އިއްޔެ ބޭއްވި "އަރަބް ސިކްސް-ޕާޓީ" މަޝްވަރާ ބައްދަލުވުމަށް މަރުހަބާ ކިޔާ ކަމަށާއި އެ ބައްދަލުވުމުގެ ނިންމުންތަކަށް ވެސް މަރުހަބާ ކިޔާ ކަމަށެވެ.
ގާޒާގައި ހިންގަމުންދިޔަ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން ދެމެހެއްޓުމަށް ކުރަމުންގެންދާ އެންމެހާ މަސައްކަތްތަކަށް ރާއްޖެއިން ތާއީދުކޮށް، އެ އެއްބަސްވުން ފުރިހަމައަށް ތަންފީޒުކުރުމަށް ކަމާ ގުޅުންހުރި އެންމެހާ ފަރާތްތަކަށް އިލްތިމާސްކުރާ ކަމަށާއި އަދި ގާޒާގެ ހާލުގައި ޖެހިފައިވާ ހުރިހާ ސަރަހައްދަކަށް ލަސްނުކޮށް، އެއްވެސް ހުރަހަކާ ނުލައި އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް އަޅަންޖެހޭ ފިޔަވަޅުތަށް ހަލުވިކަމާއެކު އެޅުމުގެ މުހިންމުކަން ފާހަގަކުރާ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.
"ގާޒާ އަލުން އާރާސްތުކުމާ ބެހޭގޮތުން މަޝްވަރާކުރުމަށް ބައިނަލްއަގުވާމީ ބައްދަލުވުމެއް ބޭއްވުމަށް ހުށަހަޅާފައިވާ ހުށަހެޅުމަށް ދިވެހިރާއްޖެއިން މަރުހަބާ ކިޔަމެވެ. ދިވެހި ސަރުކާރުން ގަބޫލުކުރާގޮތުގައި ފަލަސްތީނުގައި ހިންގަމުންދާ ހަމަނުޖެހުމަށް ދެމެހެއްޓެނިވި ހައްލެއް ލިބޭނީ 1967ގެ ކުރިން ކަނޑައެޅިފައި އޮތް އިންތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ގުދުސްއަކީ ވެރިރަށުގެ ގޮތުގައި ކަނޑައެޅިފައިވާ، މިނިވަން އަދި މުސްތަގިއްލު ފަލަސްތީނުގެ ދައުލަތެއް ގާއިމުކުރެވިގެންނެވެ..،" މިނިސްޓްރީގެ ބަޔާނުގައި ބުންޏެވެ.
ގަތަރުގައި ކުރިއަށްދިޔަ މަޝްވަރާތަކަކަށްފަހު އިޒްރޭލާއި ހަމާސްއިން ހަމަލާ ބަދަލުކުރުން ހުއްޓާލުމަށް އެއްބަސްވެފައިވަނީ މިދިޔަ މަހުގެ 15 ގައެވެ. އެ އެއްބަސްވުމުގެ ދަށުން ވަނީ ހަމާސް އިން ހައްޔަރުކޮށްފައިވާ ރަހީނުން އަނބުރާ ހަވާލުކުރުމުގެ އިތުރުން އިސްރާއީލުން ހައްޔަރުކޮށްފައިވާ ފަލަސްތީނުގެ ގައިދީން ދޫކޮށްލުމަށް އެއްބަސްވެފައެވެ.
ހަމާސް ނައްތާލުމަށް ކަމަށް ބުނެ، 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ހަތްވަނަ ދުވަހުން ފެށިގެން އިޒްރޭލުން ފަލަސްތީނުގައި ހިންގަމުންގެންދާ ހަނގުރާމައިގައި ގާޒާގެ އެތައް ހާސް އާންމުން ޝަހީދުކޮށްލާފައިވާ އިރު، ހަމާސް އިން ވަނީ އެ ދުވަހު ހިންގި އޮޕަރޭޝަނެއްގައި އިޒްރޭލުގެ އާންމުންގެ ބަޔަކު ރަހީނުންގެ ގޮތުގައި ހައްޔަރުކޮށްފައެވެ.
އިޒްރޭލުން ގާޒާގައި ހިންގަމުންދިޔަ ނަސްލެއް ނައްތާލުމުގެ ޖަރީމާގައި ގާޒާގެ 47،000 އަށްވުރެ ގިނަ މީހުން ޝަހީދުކޮށްލައި، މުޅި ގާޒާ ވަނީ ސުންނާފަތިކޮށްލައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު