ޑިޖިޓަލް ޓްރާންސްފޮމޭޝަނާ ގުޅޭ އިންގިލާބީ ބަދަލަކަށް ދިއުމަށް އެކަމާ ގުޅޭ ގޮތުން ހަދަންޖެހޭ އުސޫލުތައް ކަނޑައެޅުމަށް ނިންމައިފިއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު އެގޮތަށް ނިންމެވީ ވަޒީރުންގެ މަޖިލީހުގައި ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ މިނިސްޓްރީން ހުށަހެޅި ކަރުދާހަކަށް މަޝްވަރާ ކުރެއްވުމަށްފަހުއެވެ.

ރައީސް އޮފީހުން މިއަދު ބުނީ މިއަދު ހެނދުނު އެ އޮފީހުގައި ކުރިއަށްދިޔަ ވަޒީރުންގެ މަޖީލީހުގެ ބައްދަލުވުމުގައި ރާއްޖޭގެ އުފެއްދުންތެރިކަމުގެ މިންގަނޑުގައި އިންފޮމޭޝަން ކޮމިއުނިކޭޝަން ޓެކްނޯލޮޖީ (އައިސީޓީ) ދާއިރާގެ ހިއްސާވާ މިންވަރު މަތިކޮށް އަދި ޑިޖިޓަލް އިގުތިސޯދީ މަންފާތައް ދިވެހިންނަށް ފޯރުކޮށްދިނުމަށާއި ރާއްޖެ ޑިޖިޓަލައިޒް ކުރުމަށް ކުރެވޭ މަސައްކަތުގެ ނަތީޖާ، މިހާރަށް ވުރެ ހަލުވި ދުވެލީގައި ހާސިލުކުރަން މަޝްވަރާކޮށްފައިވާ ކަމަށެވެ.

އަދި އައިސީޓީ ދާއިރާއަށް އިންގިލާބީ ބަދަލެއް ގެނައުމަށް ސަރުކާރުގެ ޓެކްނޮލޮޖީގެ އަލީގައި ދައުލަތުގެ ހިންގުން ހަރުދަނާ ކުރުމަށް މަސައްކަތްތައް ކުރުމަށް ނިންމާފައިވާ ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.

އެގޮތުން ގައުމީ ފެންވަރުގައި ހިންގާ ޑިޖިޓަލް ޓްރާންސްފޮމޭޝަނުގެ މަޝްރޫއުތައް ހަލުވިކޮށް ކުރިއަށް ގެންދިއުމަށް ބޭނުންވާ ޒަމާނީ ގާނޫނުތަކާއި އޮނިގަނޑު ފުރިހަމަކުރުމާއި އިގުތިސޯދެއް ބިނާކުރުމަށް ފަހި އިދާރީ ހިންގުމުގެ އޮނިގަނޑެއް އައިސީޓީ ދާއިރާއިން ގާއިމުކުރުމަށް ވަނީ ނިންމައިފައެވެ. އަދި ދައުލަތުގެ އިދާރާތަކުގައި އެއްކުރެވިފައިވާ މައުލޫމާތާއި ޑޭޓާ، ރައްކާތެރިކަމާ އެކު ބެލެހެއްޓުމަށް ނޭޝަނަލް ސޮވަރިން ކްލައުޑް ގާއިމުކުރުމަށާއި ޑޭޓާ ސެންޓަރުގެ ވަސީލަތްތައް ފުޅާކުރުމާއި ޑިޖިޓަލް އަރުޝީފުގެ ނިޒާމު ހަރުދަނާ ކުރުމަށް ވެސް ވަނީ ނިންމައިފައެވެ.

  • ސަރުކާރުގެ އިދާރާތަކުގެ މެދުގައި ޑޭޓާ އަދި ފަސޭހަކަމާއެކު މައުލޫމާތު ހިއްސާކުރެވޭނެ "އިންޓަ އޮޕަރަބަލް އޯޕަން ޑޭޓާ ޝެއަރިން ޕްލެޓްފޯމެއް" ގާއިމުކުރުން. އަދި މިކަމަށް މަގުފަހިކޮށްދިނުމަށް އަސާސީ "ސިންގަލް ސޯސް އޮފް ޓުރުތު" ގެ ގޮތުގައި ބޭނުންކުރާ މަރުކަޒީ ދަފުތަރުތަކާއި ރަޖިސްޓްރީތައް އެކަށައަޅައި، އެ ދަފްތަރުތައް ނުވަތަ ރަޖިސްޓްރީތައް ބަލަހައްޓަންޖެހޭ ދައުލަތުގެ އިދާރާތައް ކަނޑައެޅުން.
  • ސިޓިޒަން ސެންޓްރިކް ހިދުމަތް ފޯރުކޮށްދިނުމަށާއި އީ-ގަވަމަންޓްގެ ނިޒާމު ހަރުދަނާކުރުމަށް ގައުމީ ފެންވަރުގައި އޮޕަރޭޓްކުރާ މަރުކަޒީ އިދާރާތައް އެކަށައަޅައި އާއްމުކުރުން.
  • އީ-ގަވަމަންޓް ނިޒާމު ފުޅާކޮށް ހަރުދަނާކުރުމަށް ދައުލަތުގެ ހުރިހާ އިދާރާތަކުންނާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުން ރައްޔިތުންނަށް ދޭ ހިދުމަތްތައް ޑިޖިޓަލައިޒްކުރުން.
  • އީ-ފާސް، އިލެކްޓްރޯނިކް އައިޑެންޓިފިކޭޝަން ނިޒާމުގެ ގޮތުގައި ބައިނަލްއަގުވާމީ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެމަތިން ތަރައްގީކުރުމާ އެކު، ޑިޖިޓަލް ސޮއި ބޭނުންކުރަން ފެށުން.
  • ތައުލީމީ މުގައްރަރުގައި ޓެކްނޯލޮޖީއަށް އަހުލުވެރިކުރުވުމަށް ބޭނުންވާ އިލްމީ ބައިތައް އިތުރުކޮށް، މަސައްކަތްތެރިންގެ އާބާދީ އާ ޓެކްނޯލޮޖީގެ ދާއިރާއިން ތަމްރީން ކުރުން.
  • މި ދާއިރާގެ ދިރާސާތައް ތަރައްގީކޮށް އަދި އީޖާދީ މަސައްކަތްތައް ކުރިއެރުވުމަށް ހާއްސަ ފަންޑެއް އުފައްދައި ތަމްރީނާއި ތަހުލީލުގެ މަސައްކަތްތައް ފުޅާކުރުމަށް ފުރުސަތު ފަހިކޮށްދިނުން.
  • އައިސީޓީ އަދި އެހެނިހެން ޓެކްނޯލޮޖީގެ ހިދުމަތްތައް ސަރުކާރުގެ ބޭނުންތަކަށް ހޯދުމުގައި ދިވެހިންނަށް އިސްކަން ދިނުން ނުވަތަ "ލޯކަލް ފަސްޓް" ސިޔާސަތަށް އަމަލަކުރަން ނިންމުން.
  • ޓެކްނޯލޮޖީގެ ސިނާއަތުގައި ތަފާތު އީޖާދީ ގޮތްތައް ހޯދައި، ދިރާސާ ކުރުމަށް އިނޮވޭޝަން ހަބެއް ގާއިމުކުރުން.

ރައީސް އޮފީހުން ބުނީ އެކަންކަން ކުރުމަށް ޓައިމްލައިންތައް ކަނޑައަޅައި އެ ލަނޑުދަނޑިއަށް ވާސިލުވާނެ ގޮތްތަކާ ގުޅޭ ގޮތުން ވެސް މަޝްވަރާކުރެވުނު ކަމަށެވެ.

އެސްޓޯނިއާގެ ރައީސް އަލާރް ކަރިސްގެ ދައުވަތަކަށް މިދިޔަ މަހު، ރައީސް ޑރ. މުހައްމަދު މުއިއްޒު އެ ގައުމަށް ކުރެއްވި ދަތުރުފުޅުގައި ވެސް ޑިޖިޓަލް އިނޮވޭޝަން، ސައިބާ ސެކިއުޓީ، އީ-ގަވަނަންސް ފަދަ ޓެކްނޮލޮޖީގެ ދާއިރާއިން ރާއްޖެ އާއި އެސްޓޯނިއާއާ ދެމެދު ގުޅުން ބަދަހިކޮށް އިލްމު ހިއްސާކުރުމުގެ ފުރުސަތުތައް ފަހިކުރުމާ ގުޅޭ ގޮތުން ވަނީ މަޝްވަރާ ކުރައްވައިފައެވެ.