ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެސްޓޯނިއާއަށް ކުރެއްވި ދަތުރުފުޅަށް ދައުލަތުން ހަރަދުކުރީ 1.3 މިލިއަން ރުފިޔާ ކަމަށް ރައީސް އޮފީހުން ބުނެފިއެވެ.
ރައީސް އެސްޓޯނިއާއަށް ވަޑައިގެންނެވީ މިދިޔަ މަހުގެ 13 އިން 17 އަށެވެ. އެއީ އެ ގައުމުގެ ރައީސް ޑރ. އަލާރް ކަރިސްގެ ދައުވަތަކަށް ކުރެއްވި ދަތުރުފުޅެކެވެ.
ރައީސް އޮފީހުުން މިއަދު އާއްމުކުރި އެސްޓޯނިއާ ދަތުރުފުޅުގެ މަސައްކަތްތަކާއި ހަރަދުގެ ތަފުސީލުތަކުން އެނގޭ ގޮތުގައި، އެ ދަތުރުފުޅުގައި ދައުލަތުން ވަނީ 1،371،069.18 ރުފިޔާ ހޭދަކޮށްފައެވެ.
ރައީސް އޮފީހުން މީގެ ކުރިން އާއްމުކުރާ ރައީސްގެ ދަތުރުފުޅުތަކުގެ ހަރަދު ޝީޓުގައި އެ ދަތުރުގެ ހަރަދުތަކުގެ ތަފުސީލުތައް ވަކިވަކިން ހިމަނާފައިވީ ނަމަވެސް އެސްޓޯނިއާ ދަތުރުފުޅުގެ އެ ތަފުސީލެއް ރައީސް އޮފީހުން ހާމައެއް ނުކުރެއެވެ.
ރައީސް އޮފީހުން ބުނި ގޮތުގައި ރައީސްގެ އެ ދަތުރުފުޅުގެ ބޭނުމަކީ ޑިޖިޓަލް އިނޮވޭޝަން، ސައިބާ ސެކިއުޓީ، އީ-ގަވަނަންސް، މޫސުމީ ބަދަލުތަކާއި ސިއްހަތާއި ތައުލީމީ ދާއިރާ އާއި ފަތުރުވެރިކަމާއި އިޔާދަކުރެނިވި ހަކަތަ އާއި ސްމާޓް ގްރިޑް އަދި ސެކިއުރިޓީ އާއި ތާރީހާއި ދެމެހެއްޓެނިވި ޓެކްނޮލޮޖީގެ ދާއިރާއިން ރާއްޖެ އާއި އެސްޓޯނިއާއާ ދެމެދު ގުޅުން ބަދަހިކޮށް އިލްމު ހިއްސާކުރުމުގެ ފުރުސަތުތައް ހޯދުން ކަމަށެވެ.
ރައީސްގެ އެސްޓޯނިއާ ދަތުރުފުޅުގައި ސަރުކާރުން ވަނީ އެ ގައުމުގެ އެހީތެރިކަން ހޯދުމަށް މުހިންމު ތިން އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. އެއީ މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައިގެ އިލްމާއި އެއްބާރުލުން އަދި އެހީތެރިކަން ހޯދުމަށް ސޮއިކުރި އެއްބަސްވުމަކާއި އެސްޓޯނިއާ އިން ޕޮލިޓިކަލް ކޮންސަލްޓަންސީ ހޯދުމަށް ސޮއިކުރި އެއްބަސްވުމެއްގެ އިތުރުން އިންފޮމޭޝަން ޓެކްނޮލޮޖީއާއި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އަދި ސައިބާ ސެކިއުރިޓީން އެއްބާރުލުން ހޯދުމުގެ އެއްބަސްވުމެކެވެ.
ރައީސްގެ އެސްޓޯނިއާ ދަތުރުފުޅުގައި އެ މަނިކުފާނުގެ އަރިހުގައި ސަރުކާރުގެ މަތީ ފަންތީގެ ވަފްދެއްވެސް ވަޑައިގަތެކެވެ. އެ ވަފުދުގައި ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލްއާއި ހޯމް މިނިސްޓަރު އަލީ އިހްސާނުގެ އިތުރުން ރައީސް އޮފީހުގެ ބައެއް އިސްވެރިން ބައިވެރިވެލެއްވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު