ގދ. ތިނަދޫ ކައުންސިލުން ހުއްދަ ނުހޯދައި 200 ހައުސިން ޔުނިޓަށް ކުރިމަތިލާން ހުޅުވާލި އިއުލާނު ބާތިލުކުރަން އަންގައިފިއެވެ.

އެ އިއުލާން ބާތިލު ކުރަން އަންގައި އިމާރާތް ކުރުމާއި ގެދޮރުވެރިކަމާބެހޭ ވުޒާރާއިން ތިނާދޫ ސިޓީގެ މޭޔަރު ސައުދު އަލީއަަށް ފޮނުވި ސިޓީއެއްގައި ބުނެފައި ވަނީ، ސަރުކާރުން، ހައުސިން ޔުނިޓްތައް އިމާރާތް ކުރުމާއި އެތަންތަން އެކި ފަރާތްތަކަށް ދޫކުރުމުގެ މަސައްކަތް ކުރުމާއި، އެކަންކަން ވިލަރެސް ކުރުމުގެ މަސައްކަތަކީ އެ މިނިސްޓްރީގެ މެންޑޭޓްގެ ތެރޭގައި ހިމަނާފައިވާ ކަމެއް ކަމަށެވެ.

މިގޮތުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އިމާރާތްކުރާ ހައުސިން ޔުނިޓްތައް ހަވާލު ކުރަމުންދަނީ އެ މިނިސްޓްރީން އެންޑޯޒްކޮށް ހުއްދަދޭ އުސޫލަކާ އެއްގޮތަށް ކަމަށްވެސް ބުނެފައިވެއެވެ.

"ތިނަތޫގައި އިމާރާތް ކުރަމުންދާ ހައުސިން ޔުނިޓް ތަކަކީ މިނިސްޓްރީގެ ދަށުން އިމާރާތްކުރަމުންދާ ޔުނިޓް ތަކަކަށްވެފައި، އެ ޔުނިޓްތައް ދޫކުރަން އިއުލާން ކުރުމުގެ ކުރިން އެތަންތަން ދެވޭނެ އުސޫލު ފައިނަލް ކުރުމާއި، އެޕްލިކޭޝަންގެ މަރުހަލާ ކުރިއަށް ގެންދަންވާނީ މި މިނިސްޓްރީގެ އިރުޝާދުގެ ދަށުން،" މިނިސްޓްރީން ފޮނުވި ސިޓީގައި ބުނެފައިވެއެވެ.

ނަމަވެސް ތިނަދޫ ސިޓީގައި އިމާރާތް ކުރަމުން އަންނަ 200 ހައުސިން ޔުނިޓަށް ކުރިމަތިލުމަށް މިދިޔަ ޖެނުއަރީ މަހުގެ 29 ގައި ކައުސިލުން ހުޅުވާލާފައިވާކަން މިނިސްޓްރީގެ ސަމާލުކަމަށް އައިސްފައިވާ ކަމަށާއި އެކަމަށް އިއުލާން ކޮށްފައި ވަނީ އެ މިނިސްޓްރީގެ ހުއްދައެއްނެތި ކަމަށްވެސް ބުނެފައިވެއެވެ.

"ވީމާ އެ އިއުލާން ބާތިލު ކުރުމަށް އަންގަމެވެ، އަދި ދިނަދޫ ސިޓީގައި އިމާރާތް ކުރަމުންދާ 200 ހައުސިން ޔުނިޓްތައް ލިބޭ ފަރާތްތައް ހޯދުމަށް އިއުލާން ކުރުމަށް ބޭނުންވާ އުސޫލު އެންޑޯޒް ކުރުމަށް މި މިނިސްޓްރީ އަށް ފޮނުވުމަށް ދަންނަވަމެވެ، އަދި މިނިސްޓްރީގެ އިރުޝާދުގެ ދަށުން ހައުސިން ޔުނިޓްތައް ހަވާލު ކުރުމާގުޅޭ މަސައްކަތް ކުރިއަށް ގެންދިއުމަށްއެދެމެވެ،"