ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ސައުދީއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ ގައުމުގެ ފޮރިން މިނިސްޓަރު ޕްރިންސް ފައިސަލް ބިން ފަރްހާން އަލް-ސައޫދުއާ ބައްދަލު ކުރައްވައިފިއެވެ.

ސައުދީގެ ފޮރިން މިނިސްޓްރީގައި އިއްޔެ ބޭއްވި އެ ބައްދަލުވުމުގައި އިސްލާމްދީނުމުގެ އަސާސްތަކުގެ މައްޗަށް ބިނާވެފައިވާ ދެ ގައުމުގެ ގާތް ގުޅުން އިތުރަށް ބަދަހިކުރުމާއި އެ ގުޅުން ދަމަހައްޓައި ކުރިއެރުވުމާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވި ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.

ފޮރިން މިނިސްޓްރީން ބުނީ ސައުދީ ސަރުކާރުން ރާއްޖެއަށް ދެމުން އަންނަ އަހައްމިއްޔަތާއި ރާއްޖެއަށް ފޯރުކޮށްދޭ އެހީތެރިކަމަށް ޝުކުރު އަދާކުރައްވައި އެ ދަތުރުގެ ސަބަބުން ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ހަލީލު ވިދާޅުވި ކަމަށެވެ.

ދެ ގައުމަށްވެސް މުހިންމު ކަންކަމުގައި ގުޅިގެން މަސައްކަތް ކުރުމާއެކު ބައިނަލްއަގްވާމީ މަސްރަހުގައި އެއްބާރުލުން އިތުރު ކުރުމަށްވެސް ދެ ބޭފުޅުން މަޝްވަރާ ކުރެއްވި ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.